ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު (ފޮޓޯ/ރައީސް އޮފީސް)
މިއީ ވަގުތީ ހާލަތެއް؛ އައިއެމްއެފްގެ އެހީއަށް ދާން ޖެހޭނެ ކަމަކަށް ނުބެލެވޭ: ޒަމީރު
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމަކީ ވަގުތީ ކަމެއް ކަމަށާއި މި ހާލަތުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީ ހޯދަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޒަމީރު މިހެން ވިދާޅުވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ އެކު ސްރީ ލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ ގައުމުގެ މަރުކަޒީ ބޭންކާއި ދާއިރާގެ އެހެން ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.
ޒަމީރު ވިދާޅުވީ ދަރަނި އަދާކުރަން ޓެކްސް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި ކަމެއް - ޒަމީރު މިހެން ވިދާޅުވީ ބޭރުން ފައިސާ ނުލިބިއްޖެ ނަމަ ދަރަނި ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ލަފާކޮށް ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން މިދިޔަ ބުދަދުވަހު ރާއްޖޭގެ ރޭޓިން ދަށްކޮށްފައި ވަނިކޮށެވެ.
ރާއްޖެއަށް ދީފައިވާ ސީއޭއޭ-1 ރޭޓިން މުރާޖައާކުރިކަން މޫޑީސްއިން އިއުލާންކުރަމުން އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރޭޓިން ސީއޭއޭ-2އަށް ދަށްކޮށް ރާއްޖޭގެ ހާލަތު ކައިރިން ބަލަން ނިންމާފައިވާ ކަމަށެވެ.
ސީއޭއޭ-2 ރޭޓިންއަކީ މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިންއެކެވެ.
އޭގެ ކުރިން ފިޗުން ވަނީ މި އަހަރު ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ. އެއީ ޖޫންގެ ތެރޭގައި 'ބީ މައިނަސް'އިން 'ސީސީސީ ޕްލަސް'އަށް އަދި އޮގަސްޓުގައި 'ސީސީސީ ޕްލަސް'އިން 'ސީސީ'އަށެވެ.
ބުނީ ކީކޭ؟ - "އިގްތިސާދަށް ދިމާވެފައިވާ ދަތިކަމަކީ ރިޒާވް ދަށްވުމުގެ ސަބަބުން ކުރިމަތިވި ވަގުތީ ކަމެއް. އަޅުގަނޑު ގަބޫލެއް ނުކުރަން، އައިއެމްއެފްގެ އެހީއަށް ދާން ޖެހޭ ހާލަތެއް މިހާރު އޮތް ކަމަކަށް،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ޓެކްސްގެ ނިޒާމަށް ގެންނަ ބަދަލުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ފައިސާ ހޯދުމުގައި ހުރި ދަތިތަކަން ހައްލުވާނެ ކަމަށެވެ.
ތަފްސީލު - ޒަމީރުގެ ވާހަކައިގައި އިތުރު ފެހި ސިގުނަލެއްގެ ގޮތުގައި ފާހަގަކުރެއްވި ކަމަކީ ރާއްޖެއާއި އިންޑިއާ އަދި ޗައިނާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވުމެވެ.
ޒަމީރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ކޮޅުގައި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވި ނަމަވެސް، މިހާރު އެ ހުރިހާ ކަމެއް ވެސް ވަނީ ހައްލުކުރެވިފަ އެވެ.
"އަޅުގަނޑުމެންނާއި އިންޑިއާ އަދި ޗައިނާއާ ދެމެދު ވެސް އޮތީ ވަރަށް ބަދަހި ގުޅުމެއް. އެ ދެ ގައުމުން ވެސް އެއްވެސް މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދޭ،" ޒަމީރު ވިދާޅުވި އެވެ.