ހެލިކޮޕްޓަރު ހިދުމަތް ދިނުމުގެ ޖޭވީ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނިން ސޮއިކުރުން
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބިޑް ހުށަހަޅައިފި
ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުތައް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުއޭސީއެލް)އިން ޔޫއޭއީގެ ދެ ކުންފުންޏަކާ ގުޅިގެން އެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އިމަޖެންސީ އިވެކުއޭޝަން އަދި ފަތުރުވެރިން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 5 ވަނަ ދުވަހު އެވެ. އެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.
ތަފްސީލް - ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން މިއަދު 'ދައުރު' އަށް ވިދާޅުވީ، ހެލިކޮޕްޓަރު ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހުޅުވާލުމުން އެ ކުންފުނިން ވެސް އެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާނެ ކަމަށެވެ.
"ޝައުގުވެރިކަން ފާޅުކުރަންވެގެން ބޭރު ދެ ކުންފުންޏަކާ އެކު އަޅުގަނޑުމެން އެމްއޯޔޫ އެއްގައި ސޮއިކުރީ،" މުބީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ ގުޅިގެން އެހެން ބަޔަކު އެ އޮޕަރޭޓް ކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ. އަޅުގަނޑުމެންނާ އެކީ ޖޭވީ ޕާޓްނާޝިޕެއްގެ ގޮތަށް."
އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓު ކާމިޔާބު ވެއްޖެ ނަމަ ހިދުމަތް ފަށާނީ ހަ ހެލިކޮޕްޓަރާ އެކު ކަމަށެވެ.
އާބަން އެއާ މޮބިލިޓީ ނިއުސް (ޔޫއޭއެމް) އިން ރިޕޯޓުކޮށްފައިވާ ގޮތުން ދުބާއީގައި އެންމެ ފުޅާ ދާއިރާއެއްގައި ހެލިކޮޕްޓަރުގެ ހިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ކަމަށްވާ އެއާ ޝެޓާއު ޑީޑަބްލިއުސީ އަދި އަބޫދާބީގެ ވިންގްސް ކެޕިޓަލް މެނޭޖުމެންޓާ އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ސޮއިކުރި އެމްއޯޔޫގެ ދަށުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއް ގާއިމްކުރާނެ އެވެ.
އެ ޕާޓްނާޝިޕުގެ ދަށުން ރާއްޖޭގެ 1،200 ރަށް ގުޅުވާލަދިނުމަށް ވާޓިޕޯޓުތަކާއި ޑްރޯންޕޯޓުތައް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.
'ޕްރޮޖެކްޓު އެލެވޭޓު މޯލްޑިވްސް' ގެ ނަމުގައި އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާއިރު ޑްރޯން އަދި ހެލިކޮޕްޓަރު ޖައްސަން އެކަށޭނަ އިންފްރާސްޓްރަކްޗާ ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.
މި އެމްއޯޔޫ އާ ގުޅޭގޮތުން ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުބީން އާ ހަވާލާދީ ޔޫއޭއެމްގައި ބުނީ މި ފުރުސަތަކީ އޭވިއޭޝަން ދާއިރާގެ އިންވެސްޓަރުންނާ ގުޅިގެން ކުރިއަށް ދިޔުމަށް ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ލިބޭ ފަހި ފުރުސަތެއް ކަމަށެވެ.
"ވިންގްސް ކެޕިޓަލް އަދި އެއާ ޝެޓާއު ފަދަ ފާހަގަ ކުރެވޭ ބޮޑެތި ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް،" މުބީންއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މުސްތަގުބަލުގައި އިނޮވޭޓިވް މޮޑެލްތަކާއެކު އެއާޕޯޓުތައް ހިންގުމުގެ ވިސްނުން ރީޖަނަލް އެއާޕޯޓްސް ކުންފުނިން ގެންގުޅޭ ކަމަށާއި ޓޫރިޒަމާއި ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ދާއިރާގައި އެ ކުންފުނިން އިންވެސްޓު ކުރަން ވިސްނާފައިވާކަމަށް މުބީން ވިދާޅުވެފައިވެ އެވެ.
މި ޕާޓްނާޝިޕްގެ ދަށުން ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމުގެ ފުރުސަތު އެ ޖޮއިންޓުވެންޗާ އަށް ލިބިއްޖެ ނަމަ ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމުގެ ހުއްދަ 20 އަހަރަށް އެ ކުންފުންޏަށް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ހިދުމަތާއެކު:
-
ރާއްޖެ އަށް އިތުރު ފޮރިންް އިންވެސްޓުމެންޓު ގެނައުމުގެ ފުރުސަތު އޮންނާނެ
-
100 ހައިބްރިޑް ވާޓިޕޯޓް ގާއިމް ކުރާނެ
-
500 ޑްރޯން ޕޯޓު ގާއިމް ކުރާނެ
އެނގުން މުހިއްމު - ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހެލިކޮޕްޓާ ބޭސްޑް އެއާ އެމްބިއުލާންސް ހިދުމަތުގެ އިތުރުން ފަތުރުވެރިން އުފުލުމަށް މުޅި ރާއްޖެ އަށް ދޭ ހިދުމަތެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރެއިން ބިޑް ކާމިޔާބު ކުރާ ފަރާތަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ ހުއްދަ 10 އަހަރަށް ލިބޭނެ އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރު އުދުއްސުމުގެ ހުއްދަ އަލުން ދޭން ކެބިނެޓުން ނިންމީ މިދިޔަ ޖެނުއަރީ މަހު އެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ހެލިކޮޕްޓަރުގައި މީހުން އުފުލި ނަމަވެސް އެ ހިދުމަތް ހުއްޓާލީ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލެން ފެށުމުންނެވެ.
ފަހުން އިންޑިއާ އިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރުގައި ބަލިމީހުން އުފުލާ ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދެ އެވެ.