އެމްއައިބީއިން މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓު.

އެމްއައިބީ

އެމްއައިބީއިން އެދެނީ 'ހުރިހާ ބިހެއް އެއް ގޮށްޓަކަށް ނުލާން'

އެމްއައިބީގެ ޕޯސްޓް ނުސީދާކޮށް ރައްދުވަނީ އިއްޔެ ބީއެމްއެލްގެ ނެޓްވޯކަށް ދިމާވި މައްސަލައަކުން 9 ވަރަކަށް ގަޑިއިރަށް ހިދުމަތް މެދުކެނޑުނު ހާދިސާއަށް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލި ތަފާތު ޕޯސްޓެކެވެ. ފޮޓޯގައި ފެންނަނީ ވަށިގަނޑަކަށް އަޅާފައި ހުރި ބިސްތަކެކެވެ. އެ ވަށިގަނޑު އަރިވެ، ބައެއް ބިސްތައް ހުރީ ވެއްޓި ތަޅައިގެން ގޮސްފަ އެވެ. ދިވެހި ބަހުން އެ ފޮޓޯގައި ޖަހާފައި ވަނީ މިހެންނެވެ: "ހުރިހާ ބިހެއް އެއް ގޮށްޓަކަށް ނުލަމާތޯ."

ޕޯސްޓުގެ ކެޕްޝަންގައި އެދިފައި އޮތީ އެމްއައިބީގެ އިންސްޓެންޓް ޕާސަނަލް އެކައުންޓެއް ނުވަތަ ޑީޖިޓަލް ބިޒްނަސް އެކައުންޓެއް ހުޅުވުމަށެވެ. އަދި އެ ބޭންކުގެ 'އެޕްލައިނައު' ހިދުމަތާ އެކު އާންމުންނަށް ބޭނުން ވަގުތަކު، ކޮންމެ ތަނެއްގައި ހުރެ ވެސް އެކައުންޓެއް ހުޅުވާލެވިދާނެ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހުޅުމާލެ ބްރާންޗް. (ފައިލް ފޮޓޯ/ އެމްއައިބީ)

ހުރިހާ ބިހެއް އެއް ގޮށްޓަކަށް ނުލާށޭ ބުނި ބަހުގެ އަސްލަކީ އިނގިރޭސި މުހާވިރާއެއް ކަމަށްވާ 'ޑޯންޓް ޕުޓް އޯލް ޔޯ އެގްސް އިން ވަން ބާސްކެޓް' އެވެ.

އާންމުކޮށް މިހެން ބުނެ އުޅެނީ ކަމެއް ކުރުމުގައި އެންމެ މީހަކަށް ނުވަތަ އެންމެ އެއްޗަކަށް ބަރޯސާ ނުވާށޭ ބުނުމުގެ ގޮތުންނެވެ.

އެމްއައިބީއިން މިއަދު ހިއްސާކުރި ޕޯސްޓު ނުސީދާކޮށް ރައްދުވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށޭ ވެސް ބުނެވިދާނެ އެވެ.

ސަބަބަކީ އިއްޔެ ހެނދުނު ބީއެމްއެލްގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ގިނަ ހިދުމަތްތަކެއް މެދުކެނޑުމެވެ. އޭޓީއެމްއިން ފައިސާ ނުނެގުމާއި ޓްރާންސްފާ ނުކުރެވުމާއި ކާޑުން ނުކެނޑޭތީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ބޮޑެތި އުނދަގޫތަކެއް އިއްޔެ ކުރިމަތިވި އެވެ. ޕީއޯއެސް އާއި އޭޓީއެމް ހިދުމަތްތައް ހައްލު ކުރެވުނީ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ.

ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން އަންނަނީ މަޖާ ކޮމެންޓުތަކާ އެކު އެމްއައިބީގެ ޕޯސްޓު ހިއްސާކޮށް، ޝުއޫރުފާޅުކުރަމުންނެވެ.

ފޭސްބުކްގައި އެ ޕޯސްޓު ހިއްސާކުރި އަހްމަދު އަލީ ނަމަކަށް ކިޔާ މީހަކު ބުނީ އިއްޔެ އޭނާ ސަލާމަތްވީ އެމްއައިބީގައި ވެސް އޭނާގެ އެކައުންޓުތަކެއް ހުރުމުން ކަމަށެވެ.

އެ ޕޯސްޓު 'އެކްސް'ގައި ހިއްސާކުރި އެހެން މީހަކު ބުނީ އެމްއައިބީގެ މިއަދުގެ ޕޯސްޓް ހާއްސަކޮށްފައި ވަނީ 'އިއްޔެ ރުއި އެންމެންނަށް' ކަމަށެވެ.

އެ ޕޯސްޓަށް ތައުރީފުކުރި މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ބައެއް މީހުން ފާޑުކިޔާފައި ވެސް ހުއްޓެވެ.

ކޮމެންޓް (1)

ނޫރައްދީން

8 އޯގަސްޓު 2024
އިއްޔެ އެކަމު އެމްއައިބީ ސިސްޓަމް ވެސް ޑައުންވި ވާހަކަ އަޑު އެހިން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް