ބީއެމްއެލް މޮބައިލް އެޕް އަދި އިންޓަނެޓް ބެންކިން އެބްސައިޓް މައްސަލަ ޖެހި ހިދުމަތް މެދުކެނޑިފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބީއެމްއެލް

ބީއެމްއެލް ހުއްޓި 8 ގަޑިއިރު؛ އެންމެންނަށް އުނދަގޫ

މިހާ ގިނައިރު ދަތީގައި ތިބެން ޖެހުމުން އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައި
7 އޯގަސްޓު 2024

އޮފީހަށް އައި ޓެކްސީއަށް އަދި ފައިސާއެއް ނުދެއްކެ އެވެ. ހެނދުނު ބުއި ކޮފީގެ ބިލް ވެސް ފޯނުގައި ފައިސާ ނުދެއްކި އޮތީ އެވެ. މިއީ މިއަދު މާލޭގައި ދިރިއުޅޭ ގިނަ މީހުންގެ ހާލަތު ހުރި ގޮތެވެ. ގިނަ ބަޔަކު މިހާރު ނަގުދު ފައިސާ ނުގެންގުޅޭތީ ތިބީ ތަންތަނަށް ފައިސާ ނުދެއްކި ގޮތް ހުސްވެފަ އެވެ. ފިހާރަތަކާއި ކެފޭތަކުގެ އާމްދަނީ އެކީހެން ގެއްލިއްޖެ އެވެ. އަދި މިއަދު ހިދުމަތް ދިން ގިނަ ބިލްތައް ހުރީ ފައިސާ ލިބެންވެފަ އެވެ. 

ދިވެހިންގެ ގިނަ ބަޔަކު ބޭނުންކުރާ ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ހުއްޓިފައި ވަނީ ފަތިހު 4 ހާއިރުން ފެށިގެންނެވެ. ބީއެލްއެލްގެ ގިނަ ހިދުމަތްތައް މެދުކެނޑި 8 ގަޑިއިރަށް ވުރެ މިހާރު ގިނައިރުވެފައި ވާއިރު، މައްސަލަ ހައްލުވާނޭ އިރެއް ވެސް އަދި ނޭނގެ އެވެ. 

މިހާ ގިނައިރު ދަތީގައި ތިބެން ޖެހުމުން އާންމުންގެ ނުރުހުމާއި ރުޅި ބޭންކަށް މި ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. 

"އަނެއްކާވެސް މި ޖެހެނީ ކުރިން އުޅުނު ގޮތަށް ނަގުދު ފައިސާ ގެންގުޅުނު ޒަމާނަށް އެނބުރި ދާން. ދެން ކާޑާ އެއްޗިހި ކެންސަލްކޮށްލަންވީ ކަން ނޭނގެ. މިއަދު މިވީ ގޮތުން ފިލާވަޅެއް ލިބިއްޖެ،" އާންމުންގެ މީހަކު އޭނާގެ ފޭސްބުކުގައި ލިޔުނެވެ. 

"ދެން އުޅޭނީ [ނަގުދު] ފައިސާ ކޮޅެއް ހިފައިގެން." 

މިހާ ގިނައިރު އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުކެނޑިފައި ހުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. އައިޝަތު ޒުހުރާގެ ނަމުގައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް މިހާ އަވަސް އަވަހަށް ކައިރީކައިރީ މެދުކެނޑޭތީ ބޭންކަށް މިހާރު އިތުބާރު ކުރަން އުނދަގޫ ކަމަށެވެ. 

"މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ކަންކަން ހުންނަވީ ގޮތެއް ނޫން،" އޭނާ ބުންޏެވެ. 

އެހެން މީހަކު ބުނި ގޮތުގައި، މިހާ ގިނައިރު ހިދުމަތް މެދުކެނޑި ހައްލުނުވެ ހުރުމުން އެނގިގެން ދަނީ ބޭންކުގެ ނިޒާމުތަކުގެ ދޯހަޅިކަމެވެ. އަދި ކަސްޓަމަރުންނަށް ރަނގަޅަށް ވެގެން އުޅޭ ގޮތް އޮޅުންފިލުވައި ނުދީ އެތައް އިރެއްވުމަކީ ވެސް އޭނާގެ ސުވާލެކެވެ.

"ބޭންކުން ހިދުމަތް މެދުކެނޑުނުކަން އެކްނޮލެޖްކޮށްލީ ވެސް 8 ޖެހި ފަހުން. ރޭގައިވީ ކަމެއް [މިއީ]،" މީހަކު ބުންޏެވެ. 

އިންޓަނެޓް ބޭންކިން މެދުކެނޑި، އޭގެ އުނދަގުލާ ކުރިމަތިވަނީ އާންމުންނަށް އެކަންޏެއް ނޫނެވެ. ކެފޭއެއް ހިންގާ މީހަކު ބުނި ގޮތުގައި އެތަނުގެ ސޭލްސް މިއަދު ވަނީ ވަރަށް ދަށްވެފަ އެވެ. ސަބަބަކީ އިންޓަނެޓް ބޭންކިން ހިދުމަތް މެދުކެނޑިފައި ހުރުމުން ގިނަ މީހުން ހިދުމަތް ހޯދަން މިއަދު ނައުމެވެ. 

"އެންމެން ކަހަލަ ގޮތަކަށް ބިލް ދައްކާނެ ކަމަށް ބަލާފައި މި ފޮނުވާލަނީ ހިދުމަތް ރަނގަޅުވީމާ ފައިސާ ދައްކާލަ ދޭން ބުނެ. މިއަދު ހަމަ ސުމެއްގައި އަދި މިދަނީ ސޭލްސް،" ކެފޭއެއްގެ ވެރިއަކު ބުންޏެވެ.

ޓެކްސީ ކުރާ މީހުންނާއި ކަންމަތީ ފިހާރަތައް ހިންގާ މީހުންނަށް ވެސް އޮތީ މިއުނދަގުލާ ކުރިމަތިވެފަ އެވެ. ގިނަ މީހުންގެ ނަގުދު ފައިސާ ނުގެންގުޅޭތީ ފައިސާ ދައްކަނީ ކާޑާއި ޓްރާންސްފާއިންނެވެ. އެހެންވެ، ގިނަ ކަސްޓަމަރުން މިއަދު ވެސް ބޭނުމީ އެހެން ފައިސާ ދައްކާށެވެ. 

"ވަރަށް އިތުބާރު ކުރެވޭ ރިޕީޓް ކަސްޓަމަރުންނަށް އެކަނި އެއްޗެއް މި ވިއްކަނީ މިއަދު،" ކަންމަތީ ފިހާރައެއް ހިންގާ މީހަކު ބުންޏެވެ. 

ބޭންކުން ބުނީ މިވަގުތަށް އަދި ބޭނުން ކުރެވެނީ ކްރިޑިޓް ކާޑުތައް އެކަނި ކަމަށެވެ. އަދި އެހެން ބޭންކުތަކުގެ ކާޑުތައް ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުގައި ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ. ނަމަވެސް އިންޓަނެޓް ބޭންކިން އާއި ޑެބިޓް ކާޑުން ފައިސާ ދެއްކުން އަދި އޭޓީއެމްތައް ވެސް އަދި ހުރީ ހުއްޓިފަ އެވެ. 

"ހިދުމަތް މެދުކެނޑި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން،" ބީއެމްއެލްއިން ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް