ފެނަކަ ކުންފުނީގެ ސީއެފްއޯ މުހައްމަދު މަސްއޫދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ފެނަކަ)

ފެނަކަ އިން ސަޕްލަޔަރުންނަށް 300 މިލިއަން ރުފިޔާ ދީފި

ފެނަކަ އިން ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މަސްއޫދު ވިދާޅުވީ ފެނަކައިގެ މިހާރުގެ މެނޭޖުމެންޓުން ހަވާލުވި އިރު ކުންފުނީގެ ދަރަނި 4.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

ތަފްސީލް - އޭގެ ތެރެއިން އެންމެ ބޮޑު ދަރަންޏަކީ ފެނަކައަށް ތެޔޮ ގަތުމަށް ފަހު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އަށް ދައްކަން ހުރި ފައިސާ އެވެެ.

"2020 އިން ފެށިގެން ތެލުގެ ބިލުތަކަށް ފައިސާ ދައްކާފައި ނެތް. އެކަމަކު މިހާރު އަޅުގަނޑުމެން މިދަނީ މަހަކަށް ބޭނުންކުރާ ތެލުގެ %70 އަށް ފައިސާ ދައްކަމުން،" ބިލުތަކަށް އެކީ ފައިސާ ދައްކަން އަދިވެސް އުނދަގޫކަން ފާހަގަ ކުރައްވާ މަސްއޫދު ވިދާޅުވި އެވެ.

"އެއާއެކީ މިދިޔަ ހަ މަސް ތެރޭ އެހެނިހެން ސަޕްލަޔަރުންގެ 300 މިލިއަނެއްހާ ރުފިޔާ ދޫކުރެވިއްޖެ. އެއާއެކީ ދަރަނި ވެސް މިދިޔަ އަހަރު ނިމުނުއިރު ހުރިވަރަށް ވުރެ މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ކުޑަވެއްޖެ."

ފެނަކަ އިން ފައިސާ ނުލިބޭތީ މީގެ ކުރިން ސަޕްލަޔަރުންގެ ގިނަ ބަޔަކު ވަނީ ޝަކުވާކޮށް ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާ ވެސް ކޮށްފަ އެވެ. އެ ކުންފުނިން މިއަދު ބުނީ އެފްއެސްއެމް ނުހިމަނާ ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ މިހާރު 1.3 ބިލިއަން ރުފިޔާ ކަމަށެވެ.

ފާހަގަ ކުރެވޭ - މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އަމާޒަކީ 2027 އަންނަ އިރު ފެނަކައިގެ ދަރަނި ފިލުވާލާ އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހިންގުން ކަމަށެވެ.

ގުޅުން ހުރި - ފެނަކައިގެ ދަރަނި ފިލުވާލުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު އެކި ފަރާތްތަކުން ފެނަކައަށް ދައްކަންޖެހޭ 500 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނިން މިއަދު ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް