އަމީނީ މަގުގައި ހުންނަ ބީއެމްއެލް ބްރާންޗު (ދައުރު ފައިލް ފޮޓޯ)

ބީއެމްއެލް

ސްކޭމު ހުއްޓުވަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ނެތުން: ބީއެމްއެލް

ބޭންކަށް ކަސްޓަމަރެއްގެ އެކައުންޓު ހިފެހެއްޓޭނީ ކޯޓު އަމުރަކުން ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައި؛ އެ ހުކުމް ބޭންކުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހިންގާ ސްކޭމުތައް ހުއްޓުވަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ބޭންކަށް ނެތުން ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބޭންކު މެދުވެރިކޮށް ހިންގާ ސްކޭމުތައް ހުއްޓުވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ބޭންކުގެ ޑިރެކްޓާ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް އާއިޝަތު ސަމާހު ވިދާޅުވީ، ސްކޭމުގެ މައްސަލަތައް ފުރަތަމަ ހިންގަން ފެށި ތަނާ އެކަންތައް ހުއްޓުވުމަށް ބީއެމްއެލް އިން އެކައުންޓުތައް ހިފެހެއްޓި ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެންނަށް ދިމާވާ އެއް ޗެލެންޖަކީ އަޅުގަނޑުމެންނަށް ކޯޓު އަމުރެއްގެ ދަށުން ނޫނީ އެކައުންޓު ހިފެހެއްޓުމުގެ ބާރެއް މިވަގުތު ލިބިފައެއް ނެތް،" ސަމާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޭމެއް ރިޕޯޓު ކުރެވުމުން އެ ސްކޭމުގެ ފައިސާ ޖަމާވި އެކައުންޓު ހިފަހައްޓަމުން ދިޔަ ނަމަވެސް ސިިވިލް ކޯޓުން ކުރި ހުކުމަކާ އެކު ބޭންކަށް ކަސްޓަމަރެއްގެ އެކައުންޓު ހިފެހެއްޓޭނީ ކޯޓު އަމުރަކުން ކަމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ބޭންކުން މިހާރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށާއި ހައި ކޯޓު މަރުހަލާގައި އެ މައްސަލަ ނިމުމުން އެކަމަށް ހައްލެއް އަންނާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ސަމާހު ވިދާޅުވި އެވެ.

"މިހާރު ސްކޭމު ފަންޑުތަކުގެ މައްސަލަ އަޅުގަނޑުމެންނަށް ރިޕޯޓު ކުރެވޭ ހާލަތުގައި، އެކައުންޓުގައި ސްކޭމުގެ ފައިސާ ހުންނަ ހާލަތުގައި އަޅުގަނޑުމެން އެ ފަންޑު ހިފަހައްޓަން ފެށީ ސްކޭމު މަދުކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ސަމާހު ވިދާޅުވީ އޮޅިގެން އެކައުންޓުތަކަށް ފައިސާ ޖަމާކުރެވޭ ހާލަތްތައް ވެސް ދިމާވާ ކަމަށާއި އެފަދަ ހާލަތްތަކުގައި ފައިސާ ޖަމާވާ ކަސްޓަމަރުގެ ރުހުން ނެތި އެ ފައިސާ ރައްދު ކުރުމުގެ ބާރެއް ބޭންކަށް ނޯންނަ ކަމަށެވެ.

އެކައުންޓަށް ވަންނަ ފައިސާ އަކީ ސްކޭމު ފައިސާ ކަމަށް ބަލާ މިންގަނޑެއް އޮވޭތޯ ސާފުކުރުމަށް މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ބީއެމްއެލް އިން ބުނީ، ކަސްޓަމަރު ދޭ މައުލޫމާތަށް ބަލާ ސްކޭމެއްގައި ޖެހިގެން ފައިސާ ފޮނުވުނުކަން ދެނެގަނެވޭ ކަމަށެވެ.

"މިކަމުގައި އަޅުގަނޑުމެން ބަލަން އެކައުންޓުން ފައިސާ ވަތް ފަރާތާ ވެސް ގުޅޭތޯ. އެ ފަރާތާ ނުގުޅޭ ކަމަށް ވަންޏާ ވަގުތީ ގޮތުން ފައިސާ މި ހޯލްޑު ކުރަނީ. ގުޅިގެން އެ ފަރާތުން އެއީ ތިމަންނައަށް ލިބެން ޖެހޭ ފައިސާ ކަމަށް ބުނެފި ނަމަ އަޅުގަނޑުމެންނަށް އެ ފައިސާ އިތުރަށް ހޯލްޑު ކުރުމުގެ ބާރެއް ނޯވޭ. ދެން އެ ހިސާބުން އޭނާގެ ކޮންސެންޓަކާ އެކީ އެ ފައިސާ އަނބުރާ އެ ލިބެން ޖެހޭ ފަރާތަކަށް ދެވޭނީ،" ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކައުންޓަށް އިތުރަށް ފައިސާ ޖަމާނުކުރެވޭ ގޮތަށް ބައެއް ހާލަތްތަކުގައި ހަދާ ކަމަށާއި ނަމަވެސް ފައިސާ ނުނެގޭނެހެން އެކައުންޓު ބަންދު ނުކުރާ ކަމަށެވެ.

ގުޅުން ހުރި - ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލެނީ މުވައްޒަފުންގެ އިހުމާލުން ނޫން ކަމަށް ބޭންކުން ވަނީ މިއަދު ބުނެފަ އެވެ.

ކޮމެންޓް (1)

އިބްރާހިމް Avatar

އިބްރާހިމް

26 ޖުލައި 2024
ހިފެހެއްޓުމުގެ ބާރު ނޯންނަނީ ސްކޭމް ކަންކަމުގައި އެކަނި. އަހަރެންގެ އެކައުންޓު ހޮލްޑު kuru އެންމެ 50،000 ރ ޖަމާ ވެގެން. ކިހިނެއް ލާރިއެއް ބަލަންކަމަށް ބުނެ.. ލަދުން ބޯހަލާުކު..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް