ބީއެމްއެލްގެ އިންޓަނެޓު ބޭންކިން އެޕްލިކޭޝަން (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ސްކޭމްތަކުގައި އެކައުންޓުން ފައިސާ ގެއްލުމުގައި މުވައްޒަފުންގެ އިހުމާލެއް ނެތް: ބީއެމްއެލް

ބީއެމްއެލްގެ އިންޓަނެޓު ބޭންކިން ސެކިޔުރިޓީ ގާއިމްކޮށްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބޭންކުން ބުނި

ސްކޭމްތަކުގައި ބޭންކު އޮފް މޯލްޑިިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލެނީ މުވައްޒަފުންގެ އިހުމާލުން ނޫން ކަމަށް ބޭންކުން މިއަދު ބުނެފި އެވެ.

ތަފްސީލް - ބީއެމްއެލްއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގެ ނިންމުންތަކަށް އަމަލުކޮށްފައިވާ މިންވަރު ސާފުކުރުމަށް ސްޓޭޓު އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި ބޭންކުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރާއިރު ވެސް، މުވައްޒަފުންގެ ބައިވެރިވުމެއް އޮތްކަމެއް އަންގާފައި ނެތް ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ހަމަ ޔަގީންކަން އަރުވަން ސްޓާފް އިންވޯލްވްމެންޓު، ސްޓާފުންގެ ބައިވެރިވުމެއް އަދި މިހާތަނަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނުވޭ،" ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވި އެވެ.

ބީއެމްއެލް އިން ކޮމިޓީގައި ބުނިގޮތުގައި:

  • މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސްކޭމުގެ 700 އެއްހާ މަައްސަލަ ހުށަހަޅާފައިވޭ

  • އަހަރުގެ މިހާތަނަށް ސްކޭމުގެ 1،400 އެއްހާ މައްސަލަ ހުށަހަޅާފައިވޭ 

  • ރިޕޯޓުކޮށްފައިވާ ސްކޭމު މައްސަލަތަކުގެ ތެރެއިން %39 އަކީ ފޯނުން ގުޅައިގެން އާއިލާގެ މީހަކަށް ހެދިގެން ނޫނީ އާއިލާގެ މީހެއްގެ ވައިބާ ހެކުކޮށްފައި ފައިސާ ޓްރާންސްފާ ކުރުވާފައި ހުރި މައްސަލަތައް

  • 35% އަކީ އެއްޗެހި ވިއްކަން ޖަހާފައި ހުރި އިޝްތިހާރުތަކަށް ރިޕްލައިކޮށްގެން އެ މުދާ ގަންނަން ފައިސާ ފޮނުވައިގެން އެއަށް ވީގޮތެއް ނޭނގިގެން ހުށަހަޅާފައިވާ މައްސަލަތައް 

  • 20% އަކީ ވައިބާ އާއި ޓެލެގްރާމު ގްރޫޕުތަކުގައި ހިންގާ ބޭރު ފައިސާގެ މުއާމަލާތްތައް

  • ބޭންކަށް މި އަހަރު ހުށަހަޅާފައިވާ ސްކޭމް މައްސަލަތަކުގެ %10 އަކީ އިންޓަނެޓު ބޭންކިންގެ ޕާސްވޯޑު ކޮމްޕްރޮމައިޒް ވެގެން ހުށަހަޅާފައިވާ މައްސަލަތައް؛ މިއީ ދެވަނަ ކުއާޓަރުގައި ހުށަހެޅި މައްސަލަތަކުގެ %6 

"ލޮގްއިން ކޮމްޕްރޮޮމައިޒްވާ މައްސަލަތަކުގައި ވެސް އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައިން އަޅުގަނޑުމެންގެ ސިސްޓަމެއްގެ ސެކިޔުރިޓީ ކޮމްޕްރޮމައިޒް ވެގެން ނުދާނެކަން،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްގެ އިންޓަނެޓު ބެންކިން ސެކިޔުރިޓީ ގާއިމްކޮށްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެންގެ ސްޓާފެއްގެ ބައިވެރިވުން އޮވެގެން ނޫންކަން މިކަން މި ހިނގަނީ. މިހާތަނަށް މިކަހަލަ ކޭސްތަކުގައި ތަހުގީގީ އިދާރާތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަދި އަޅުގަނޑުމެންގެ އެތެރޭން އެކަންކަން ބެލުމަށް ފަހު،" ނިމާލް ވިދާޅުވި އެވެ.

ކަސްޓަމަރުންގެ އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމާއި ގެއްލުމުގެ މައްސަލަތައް ކުރިމަތިވަނީ ބޭންކުގެ އެއްވެސް ނިޒާމެއް ދޯހަޅިވެގެން ނޫން ކަމަށް ބީއެމްއެލް އިން މީގެ ކުރިިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް