މިފްކޯ އިން ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ޕީއެސްއެމް)

މިފްކޯ

ފެލިވަރުގައި 100 ޓަނުގެ މަސް ދަޅު ބަންދުކުރާ ތަނެއް ހަދަނީ

މިފްކޯއިން ބުނީ މި ފެކްޓަަރީއަށް 40 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި ޑިޒަައިންގެ މަސައްކަތް ފަށާފައިވާ ކަމަށް

ޅ. ފެލިވަރުގައި ދުވާލަކު 100 ޓަނުގެ މަސް ދަޅު ބަންދުކުރާ ފެކްޓަރީއެއް ގާއިމްކުރަން ނިންމައި އޭގެ ޑިޒައިން މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ފެލިވަރު ބޮޑުކުރުމުގެ މަޝްރޫއުގައި ހިމެނޭ ކޭނަރީގެ ޑިޒައިން މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ފަށާފައިވާ ކަމަށެވެ.

ތަފްސީލް - މިފްކޯއިން ބުނީ މިއީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

މިފްކޯއިން ބުނީ:

  • އަމާޒަކީ 2026ގެ ނިޔަލަށް ޕްރޮޖެކްޓް އެއްކޮށް ނިންމުން

  • އާ ކޭނަރީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވެގެން ދާނެ

  • ރާއްޖޭގައި ބާނާ ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން އެހެނިހެން އުފެއްދުންތައް އިތުރުވެގެންދާނެ

  • އަލަށް ގާއިމްކުރާ ކޭނަރީއަކީ އޮޓޮމެޓިކް ތަނެއް؛ މަސްދަޅު ބަންދުކުރުމާއި ލޭބަލް ޖެހުމާއި ޕެކިންގެ އިތުރުން، ގުދަން ކުރުމުގެ މަސައްކަތް ހިނގާނީ މެޝިނަރީތަކުގެ ޒަރީއާއިން

ފެލިވަރުގައި ހަދާ 100 ޓަނުގެ ކޭނަރީގެ ޑިޒައިންގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި. (ފޮޓޯ / މިފްކޯ)

ކޭނަރީގެ އިތުރުން ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް މަސައްކަތް ވެސް ވަނީ އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރަމުންނެވެ. އެ މަސައްކަތާ ގުޅޭ ގޮތުން މިފްކޯއިން ބުނީ:

  • އެ މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާ އެކު ސީދާ ފެލިވަރަށް މަސް ކިރޭނެ

  • އެ މަޝްރޫއުގެ ދަށުން ގާއިމްކުރަނީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް

  • އޭރުން 200 ޓަނުގެ ބްރައިން ފްރީޒިން އާއި 80 ޓަނުގެ އާރުއެސްޑަބްލިއު ސިސްޓަމެއް ގާއިމްކުރެވޭނެ

  • ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެ

  • މި މަޝްރޫއަށް ސަރުކާރުން 22 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވޭ

  • އެއީ މިދިޔަ އަހަރުގެ 18 ޖެނުއަރީގައި އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ރައިނެކް އިންޑިއާ ލިމިޓެޑާ ހަވާލުކުރި މަޝްރޫއެއް؛ އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގަން ނިންމި މަޝްރޫއެއް

ފެލިވަރުގައި ހަދާ 100 ޓަނުގެ ކޭނަރީގެ ޑިޒައިންގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައި (ފޮޓޯ / މިފްކޯ)

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ މެނޭޖަރު މުހައްމަދު ޝަމީމް ވިދާޅުވީ މި ޕްރޮޖެކްޓާ އެކު އުތުރުގެ މަސްވެރިން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.

"މި ޕްރޮޖެކްޓް ނިމޭއިރު، މަސްވެރިން ބާނާ މަސް ދުވަހުން ދުވަހަށް ކިރޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ލިބިގެން ދާނެ،" ޝަމީމް ވިދާޅުވި އެވެ.

އެނގުން މުހިންމު - ފެލިވަރުގައި މިހާރު ހުރި ކޭނަރީ އަކީ 1976ގައި ގާއިމްކޮށްފައިވާ، އެ ދުވަަސްވަރަށް އެންމެ އެކަށީގެންވާ، ވަރަށް ޒަމާންވީ ފެސިލިޓީއެކެވެ.

މަސްވެރިން ކިރާ މަހަށް މިފްކޯއަށް ގަވާއިދުން ފައިސާ ނުދެވޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެހެން ދިމާވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަށް ވުރެ މާ އަގުބޮޑުކޮށް ގަންނާތީ، ސަރުކާރުގެ މާލީ އެހީތެރިކަމަށް ބަރޯސާވާތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް