މީހަކު ޑޮލަރުތަކެއް ގުނަނީ: ޑޮލަރުގެ މައްސަލަ ހައްލުކުރަން އަދިވެސް ފިޔަވަޅެއް ނޭޅޭ --

ޑޮލަރުގެ 'ކިއްލާ' ފޫއަޅުވައެއް ނުލެވެނު؛ ވަނީ ގޯސް، ދަނީ މައްޗަށް

ޑޮލަރު މައްސަލަ ހައްލުކުރަން ފިޔަވަޅުއަޅަން ސަރުކާރުން ބުނި ހަތަރު މަސް ހަމަވެއްޖެ. ޓޫރިޒަމްގެ އޮފް ސީޒަނާ އެކު ޑޮލަރުގެ އަގު ވަނީ 18ރ. ހުރަސްކޮށްފައި

ގައުމީ ބޭންކް، ބީއެމްއެލްއިން މިދިޔަ މަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ ކާލް ސުމްކަ ވިދާޅުވި ގޮތުގައި ބޭންކަށް ލިބޭ ޑޮލަރަށް ވުރެ ގިނައިން 333 މިލިއަން ޑޮލަރު (5.1 ބިލިއަން ރުފިޔާއާ އެއްވަރުގެ ޑޮލަރު) މިދިޔަ ހަތަރު އަހަރު ވިއްކަން ޖެހުނެވެ. އޭނާ ވިދާޅުވި ގޮތުގައި، "ބޭންކަށް ގަންނަން ލިބެން ނެތް އެއްޗެއް ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނެވި ކަމަކަށް ނުވާނެ" އެވެ.

ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ބޭންކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވާނެ މަގެއް ފެންނަންދެން، ބޭންކުގެ މާލީ ހާލަތާއި ރިސްކްތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރަން، "އުނދަގޫ ނިންމުންތަކެއް ނިންމަން ބޭންކަށް މަޖުބޫރުވެދާނެ" އެވެ. މާނައަކީ، ކާޑް ލިމިޓް ކުޑަކުރުން ފަދަ ފިޔަވަޅުތައް އަޅަން މަޖުބޫރުވުމެވެ. 

މަނީ އެކްސްޗޭންޖެއްގައި މީހަކު ބޭރު ފައިސާ މާރުކުރަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ޑޮލަރުގެ މައްސަލައިގައި މި އޮތް ނުތަނަވަސްކަމާ އެކު ވެސް ސަރުކާރަށް މިކަމަށް ފަރުވާއެއް ނުހޯދެ އެވެ. ޒަމާންވީ އަދި ބާރުގަދަ ޑޮލަރުގެ ކަޅު ބާޒާރު ފޫދުއްވާލަން ހަމަލާއެއް ނުދެވި އުޅެނިކޮށް ޑޮލަރުގެ އަގު މިހާރު އެ ހުރީ 18ރ. ގައި ޖެހިފަ އެވެ. ސަބަބަކީ ޓޫރިޒަމްގެ އޮފް ސީޒަނާ އެކު ރާއްޖެއަށް ލިބޭ ޑޮލަރު މަދުވުމެވެ. މި ނިމުނު ސްކޫލް ބަންދާއި ކުރިމަތިވެފައިވާ ހައްޖު އަދި ބޮޑު އީދާ އެކު ބޭރަށް ފުރާ މީހުން ގިނަވެ ޑޮލަރު ބޭނުންވާ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.

މި ހާލަތު މި އައީ ކުއްލިއަކަށް އަދި ނޭނގިއެއް ނޫނެވެ. މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެ ޑޮލަރަށް ޖެހޭ ދުވަސްވަރެވެ. 

އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު 13 ފެބުރުއަރީގައި ޔަގީންކަން ދެއްވީ ހަތަރު މަސް ތެރޭ ޑޮލަރުގެ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މިއަދަށް އެ މުހުލަތު ހަމަވީ އެވެ. އެކަމަކު އެޅި ފިޔަވަޅެއް ނެތެވެ. އެކަމާ ސުވާލުކުރުމުން ސައީދު އަދި ޖަވާބެއް ނުދެއްވަ އެވެ. 

ޑޮލަރުގެ ކަޅު ބާޒާރު އޮތީ ހަމަ އެ އެގޮތުގައި ގަދަކޮށެވެ. ޑޮލަރު ތާށި މޫސުމާ އެކު ބޭންކުތައް ކޮށިއަރާނެ އެވެ. 

"މާކެޓުން ޑޮލަރު ގަންނަން ލިބޭ އަދަދަށް ވުރެ ބޮޑު އަދަދެއް ބޭންކުން މިދަނީ މިހާރު ވެސް ވިއްކަމުން. ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބަލާއިރު މަހުން މަހަށް މިދަނީ އެ އަދަދު އިތުރުވަމުން. އެކަމަކު ބޭންކަށް ލިބޭ ޑޮލަރު އިތުރެއްނުވޭ،" ކަންބޮޑުވުންތައް ހިއްސާކުރަމުން ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާޑުން ބޭރުގައި ކުރާ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓް އިތުރުނުކުރެވިގެން އުޅެނީ ވެސް ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަދު އިތުރުނުވާތީ އެވެ. 

"ބޭންކުން މިހާރު ވެސް މިއަންނަނީ ބޭރުގެ މުއާމަލާތްތައް ކުރުމަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭ ހާލަތްތަކުގައި ވަރަށް އުނދަގުލުގައި ވެސް އެ އެހީތެރިކަން ދެމުން. މިކަމަށް ހައްލެއް ހޯދަން ބޭންކުން މިއަންނަނީ ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާކުރަމުން،" ސައީދު ވިދާޅުވި އެވެ. 

ބޭންކުގެ މާލީ ހާލަތާއި ރިސްކްތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރަން އުނދަގޫ ނިންމުންތަކެއް [ޑޮލަރުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން] ނިންމަން ބޭންކަށް މަޖުބޫރުވެދާނެ

ބީއެމްއެލް، އަހަރީ ރިޕޯޓް

މީގެ ކުރިން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވެސް ވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރަން  ވައުދުވެފަ އެވެ. އެގޮތުން ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމާ ގުޅޭ ގަވައިދު ހަރުކަށިކުރަން އެމްއެމްއޭއިން ބޭންކުތަކާ މަޝްވަރާ ވެސް ކުރި އެވެ. އާ ގަވައިދުގެ ޑްރާފްޓް ނިމި ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު އޭރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ކުރިމަތިވެ އިގްތިސާދު ހީނަރުވުމުން، 'އެއީ ރަނގަޅު ވަގުތެއް ނޫން' ކަމަށް ބުނެ އެކަން އެމްއެމްއޭއިން މަޑުޖައްސާލީ އެވެ. އެއަށް ފަހު އޭގެ ހަބަރެއް ނެތެވެ. 

މީހަކު އޭޓީއެމްއިން ޑޮލަރު ނަގަނީ: ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އަރާފައި (ފޮޓޯ/ބީއެމްއެލް)

މި ސަރުކާރުގެ ވައުދަކީ ވެސް ރާއްޖޭގައި ޑޮލަރު ހިފަހައްޓަން ފިޔަވަޅު އެޅުމެވެ. އެކަމަކު އޭގެ ތަފްސީލަކާ ހަމައަކަށް އަދި ނުދެވެ އެވެ. 

ބުނެވޭ ގޮތުގައި ރާއްޖޭގައި ތިބި އެންމެ ނުފޫޒު ގަދަ ބޮޑެތި ވިޔަފާރިވެރިންގެ ވެސް މަސްލަހަތު އޮންނަ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަކީ ފަސެހަ ކަމެއް ނޫނެވެ. އެކަމަކު އެ 'ކިއްލާ' ފޫއަޅުވާލެވޭނެ ގޮތްތަކެއް ހުންނާނެ އެވެ. އެއީ ހަމައެއްލަމައެއް ނެތި ދޫވެފައި އޮތް ބޭރު ފައިސާ މާރުކުރުމުގެ ބާޒާރަށް ހިފެހެއްޓުންތަކެއް ގެނައުމެވެ. 

މާލީ ދާއިރާގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި ގޮތުގައި ޑޮލަރުގެ ހީނަރުކަން ހައްލުކުރަން މައިގަނޑު ގޮތެއްގައި އަޅަން ޖެހޭ ހަތަރު ފިޔަވަޅެއް އެބަ އޮތެވެ. ބޭންކުތަކުން ވެސް ސަރުކާރާއި އިދާރާތަކުގައި އެދެނީ އެކަންތައްތަކަށެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅިދާނޭ ފިޔަވަޅުތަކެއް ކަމަށް އެބޭފުޅާ ވިދާޅުވީ: 

  • ⁠ރާއްޖޭގައި ހިންގާ ވިޔަފާރިތަކުން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކުގައި ވަކި މިންވަރެއް، ވަކި މުއްދަތަކަށް ބަހައްޓަން ޖެހޭ ގޮތަށް ބޭންކިން ގާނޫނުގައި ލާޒިލް ކުރުން

  • ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރު ބޭނުން ނުކުރެވޭނެ ގޮތަށް ގަވައިދު މިހާރު އޮތް ނަމަވެސް އެކަން ތަންފީޒު ނުވާތީ އެކަން ހުއްޓުވަން އަމަލީ ގޮތުން މަސައްކަތް ކުރުން 

  • ⁠މަނީ އެކްސްޗޭންޖަރުން ފަދަ ހުއްދަ ނަގައިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތީ ރޭޓެއްގައި ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭނެ ގޮތް ހެދުން 

  • ސަރުކާރުގެ ކުންފުނިތަކުން މުސާރަ ދޭއިރު މުސާރާއިގެ ބައެއް ޑޮލަރުން ދޭ ދިނުން ހުއްޓާލުން

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައި އޮންނަނީ މުދާ އެތެރެކުރުމަށާއި ތައުލީމާއި ބޭސްފަރުވާގެ ބޭނުންތަކަށް ފުދޭ ވަރަށް ބޭންކުތަކަށް ޑޮލަރު ފޯރުކޮށް ނުދެވޭތީ އެވެ. އެ އުފެދޭ ޑިމާންޑަށް ޑޮލަރު ދެނީ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުންނެވެ. އެހެންވެ އެ ބާޒާރު ވަރުގަދަވެ އޮންނަނީ 'ކިއްލާއަކަށް' ވެފަ އެވެ. އެއީ ރާއްޖޭގައި ޑޮލަރުގެ އަސްލު އަގު ކަނޑައަޅާ 'އިދާރާ' އެވެ. 

އެ 'ޑޮލަރުގެ ކިއްލާ' ފުނޑުކޮށްލެވޭނެ ހަމައެކަނި ގޮތަކީ ރަސްމީ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރު އިތުރުކުރުމެވެ. ބޭންކުތަކުގެ ދޮރުން އާންމުންނަށް ޑޮލަރު ލިބޭނެ މަގު ހަމަޖެއްސުމެވެ.  

ކޮމެންޓް (3)

ގުލްޗަންޕާމާ

13 ޖޫން 2024
އިކޮނިމިކް މިނިސްޓަރު ސައީދު ވިދާޅުވީ 6 މަސް ތެރޭގައި ޑޮލަރު ހުންނާނީ 12 އަށޭ. އަދި ސީޒަން ތެރޭގައި ކުޑަކޮށް ދަށްވާން ފެށުމުން، ވަރަށް ފޮނު އެރުވި ސަރުކާރުން. މިހާރު ނޫހުން އިރުއިރުކޮޅާ ލިޔޭ އޭރު ޑޮލަރު ދަށްވަނީ އޭ ކިޔާފަ. މިހާރު ބަޚަބަރު. ސައީދު ގާތު އަހާލަދީބަ ދައުރު ނޫހުން، 6 މަސް ހަމަވަނީ ކޮންއިރަކަށްތޯ؟ ކިހާ ހިސާބެއްގަތޯ 12 އަށް ޑޮަލރެއް ހެދުން އޮތީ؟ އަދި ކޮބައިތޯ ޕްލޭނަކީ؟
2 0

ހައްލަކީ

13 ޖޫން 2024
ރިޒޯޓްތަކުން ދިވެހި ފައިސާނޫން އެހެން ފައިސާއަކުން ބްކިންތަކަށް ފައިސާނެގުން ހުއްޓުވީމާ ހައްލުވާނެ
1 0

ދޭދޭ މީހާ

13 ޖޫން 2024
ތިއާ ވިއްދައިގެން މިހާރު ނޫހުން ބުނާނެ ޑޮލަރު އަގުހެވޭ. އެމީހުން ކުރާ ކަމަކީ ނޫހެއްގައި އެއްޗެއް ކިރިޔާ ވެސް ސަރުކާރާ ދެކޮޅަށް ލިޔެފިނަމަ އޭގެ އަނެއް ކޮޅު ސަރުކާރުގެ މީހެއްގެ ކޮމެންޓެއް ލައިގެން ގެނެސްދިނުމެވެ. ނޫސްވެރިކަން ހަލާކު ކުރުމުގައި ހަވީރު ނޫހުން ކުރިން ކުޅުނު ރޯލު ފެށީއެވެ. ދައުރު ނޫސް އެހެން ނުވާނެ ކަަމަށް އުއްމީދު ކޮށްގެން ތިޔަ ނޫގެ ކިޔުންތެރިއެއްގެ ގޮތިގައި ދެމި ހުރީމެވެ. އހ
6 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް