އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)
ޑިވެލޮޕްމެންޓް ބޭންކްގެ އޮޕަރޭޝަންތައް ޖުލައި މަހު ފަށަނީ
ރާއްޖޭގައި އުފައްދާ ޑިވެލޮޕްމެންޓް ބޭންކްގެ އޮޕަރޭޝަންތައް އަންނަ ޖުލައި މަހު ފަށާނެ ކަމަށް އިކޮނޮޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އާއި ކ. ފުނަދޫގައި ގާއިމްކުރަން ނިންމާފައިވާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނުގެ މަސައްކަތް ކުރިއަށް ގެންދަން އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއޭއީގެ އިންޓަނޭޝަނަލް ފުރީ ޒޯން އޮތޯރިޓީ (އިފްޒާ)އާ ދެމެދު އެމްއޯޔޫގައި ސޮއިިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ޑިވެޕޮލްމެންޓް ބޭންކް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށެވެ.
ތަފްސީލް - ސައީދު ވިދާޅުވި ގޮތުގައި ޑިވެލޮޕްމެންޓް ބޭންކާ އެކު ރާއްޖޭގެ ތާރީހު ބަދަލު ކުރެވޭނެ އެވެ. ސަރުކާރުގެ އިތުރުން އަމިއްލަ ކުންފުނިތަކާ އެކު ކުރާ މަސައްކަތުން އެ ބޭންކުގައި އިންވެސްޓު ކުރާނެ އިންވެސްޓަރުންގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...ބޭންކުގައި އިންވެސްޓުކުރާނެ ފަރާތްތައް މިހާރު ވެސް އެ އިންޑިކޭޓާސް އެބޭފުޅުންގެ ބަލައިގަތުން އެބަ އޮތްކަން ނުވަތަ ކޮންފިޑެންސްއާ އެކު އައިސް ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް ދެމުން ގެންދަނީ،" ސައީދު ވިދާޅުވި އެވެ.
"ޖުލައި މަސް ތެރޭ އަޅުގަނޑުމެން މި ބަލަނީ ބޭންކުގެ އޮޕަރޭޝަންތައް އިރާދަކުރެއްވިއްޔާ ފެށޭނެ ކަމަށް."
އެނގުން މުހިއްމު - ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކަކާއި އޮފްޝޯ ބޭންކިންގެ ހިދުމަތް ހިމެނޭ ގޮތުން ރާއްޖޭގައި މާލީ ސިނާއަތެއް ތަރައްގީކުރަން 'މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ'ގެ ނަމުގައި އިދާރާއެއް މިދިޔަ ޖެނުއަރީ މަހު ވަނީ އުފައްދައިފަ އެވެ. އެގޮތުން:
-
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ'ގެ ޗެއާޕާސަންއަކަށް އައްޔަންކުރައްވާފައި ވަނީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
-
ތަރައްގީގެ މަޝްރޫއުތަކާއި އެފަދަ ކަންކަމަށް ލުއި ގޮތްތަކެއްގެ މަތިން ފައިސާ ދޭ ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް