ރަށަކަށް މުދާ ގެންދަން ޖެޓީގައި އަތުރަނީ: ރާއްޖޭގެ އިގްތިސޯދަށް ގެންނަން ޖެހޭ އިސްލާހުތައް އަވަސްކުރަން ވޯލްޑް ބޭންކުން ގޮވާލި
އިގްތިސޯދީ ކުރިއެރުން މަޑުޖެހޭނެ، ގޮންޖެހުން ކުޑަކުރަން ފިޔަވަޅުތައް އަވަސްކުރަން ޖެހޭ: ވޯލްޑް ބޭންކް
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތާއި އެމީހުންގެ މާލީ ހޭދަކުރުންތައް ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ބޭންކުން އިއްޔެ އާންމުކުރި ރާއްޖޭގެ އިގްތިސޯދާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ %4.7 ގަ އެވެ. މިއީ ކުރިން ލަފާކުރި ވަރަށް ވުރެ ދަށް މިންވަރެއް ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.
ތަފްސީލް - ވޯލްޑް ބޭންކުން އިއްޔެ އާންމު ކުރި 'ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް، ދަ ލޭޓެސްޓް މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓު' ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އިގްތިސޯދުގެ މުހިއްމު ގިނަ ސިނާއަތްތަކެއްގެ ކުރިއެރުން ކުރިން ލަފާކުރި ވަރަށް ވުރެ ދުވެލި މަޑެވެ.
ބޭރުގެ ދަރަނީގެ ހާލަތު އޮތް ގޮތުން އިގްތިސޯދަށް ގިނަ ގޮންޖެހުންތައް ހުރިކަން ވެސް އެ އިދާރާއިން ފާހަގަކުރެ އެވެ.
އިއްޔެގެ ރިޕޯޓާ ގުޅުވައި ވޯލްޑް ބޭންކުން އާންމުކުރި ނޫސްބަޔާނުގައި ބުނީ ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުކުރަން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އެޅުން އަވަސް ނުކޮށްފި ނަމަ އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ސަރުކާރުން ދޭ ސަބްސިޑީތަކަށް ބަދަލު ގެންނަން ނިންމާފައިވާއިރު، ދަރަނީގެ ހާލަތު ރަނގަޅު ނުކޮށްފި ނަމަ، އާންމުންގެ އާމްދަނީއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ވޯލްޑު ބޭންކުން ލަފާކުރެ އެވެ.
އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ލިބޭ ގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީއާ އަޅާބަލާއިރު ހަރަދުތައް އިތުރުވުމަކީ ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ. އެހެންވެ ހަރަދު ކުޑަކުރަން ފިޔަވަޅުތައް އެޅުން މަޖުބޫރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %122.9ގައި ހުރުމަކީ ވެސް ވޯލްޑު ބޭންކްގެ ކަންބޮޑުވުމެކެވެ.
"ދަރަނި މެނޭޖުކުރަން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ރާއްޖޭގެ ދަރަނި މިހާރު އިތުރުވަމުންދާ ނިސްބަތަށް ބަލާ ދަރަނި މެނޭޖުކުރުމަކީ މެދު ރާސްތާގައި ވެސް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ،" ވޯލްޑު ބޭންކުން ބުންޏެވެ.
އެ އިދާރާއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ދަރަނި އިތުރުވަމުންދާ ނިސްބަތަށް ބަލާ، އެ ދަރަނި އަދާކުރަން ވެސް ގޮންޖެހުންތައް ކުރިމަތިވެދާނެ އެވެ. ހާއްސަކޮށް މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ބޭރުގެ ދަރަނި 512 މިލިއަން ޑޮލަރަށް އަރާއިރު 2026ގައި އެ އަދަދު 1 ބިލިއަން ޑޮލަރު ހުރަސްކުރާނެކަން ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ބޭރުގެ ދަރަންޏަށް ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައިވާއިރު، އިގްތިސޯދުގައި ކޮންމެހެން ގެންނަން ޖެހޭ ފިސްކަލް އިސްލާހުތައް ނުގެނެސް ލަސްވުމަކީ އިގްތިސޯދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ވެސް ވޯލްޑު ބޭންކުން ބުންޏެވެ.
ހަރަދު ކުޑަކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި މާލީ ދާއިރާގެ ކުރިއެރުން ބިނާކުރުމަށް ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫނީ ނުކުރުމާއި އާމްދަނީ އިތުރުު ކުރުމުގެ ގޮތްތައް ހޯދަން ޖެހޭކަމަށް ވެސް ވޯލްޑު ބޭންކުން ބުނެފައިވެ އެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ ފިސްކަލް ރިފޯމު އެޖެންޑާ ތަންފީޒުކުރުން އަވަސްކުރަން ޖެހިފައިވާކަން ފާހަގަކޮށް އެ ބޭންކުން ބުނީ އެ ސިޔާސަތުތަކާ ގުޅޭ ސާފު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
ހާއްސަކޮށް ސަބްސިޑީއަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރުމުން އޭގެ އަސަރު ކުރާނެ މީހުންނަށް މައުލޫމާތު ދީ، އެމީހުން ހޭލުންތެރިކުރުމުގެ މުހިއްމުކަން ވޯލްޑު ބޭންކުން ފާހަގަކުރެ އެވެ.
ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރަން އަވަސް ފިޔަވަޅުތައް އަޅަން ގޮވާލައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދައުރު އިގްތިސޯދުގައި ކުޑަކޮށް އަމިއްލަ ކުންފުނިތަކަށް ފުރުސަތު ބޮޑުކުރަން ވެސް ވޯލްޑު ބޭންކުން ވަނީ ލަފާދީފަ އެވެ.
ވޯލްޑު ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން:
-
ސަބްސިޑީއަށް ގެންނަ ބަދަލާ އެކު ތަކެތީގެ އަގު އުފުލޭނެ
-
ކަރަންޓު އެކައުންޓު ޑެފިސިޓު ވެސް އެއާ އެކު އުފުލޭނެ؛ ސަބަބަކީ ތަކެތީގެ އަގު ބޮޑުވުމާއި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކަށް ބޭނުންވާ ކެޕިޓަލް ކޮމޮޑިޓީސް ގަތުމަށް ހޭދަކުރުން އިތުރުވާނެތީ
-
ފޮރިން އެކްސްޗޭންޖު ރިޒާވަށް ވެސް ބާރުކުރާނެ
ކޮމެންޓް (1)
ބޭރުބޯ