ލ. ބޮޑުފިނޮޅު: އެތައް އަހަރެއް ވީ އިރު ވެސް ރިސޯޓެއް ނުހެދުނު (ފޮޓޯ/ މުހައްމަދު ވިސާމް)

ލ. ބޮޑުފިނޮޅު އަނެއްކާވެސް ފަތުރުވެރިކަމަށް ހާއްސަކުރަނީ

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ލ. އަތޮޅުގެ ރަށްތައް ޓޫރިޒަމަށް ތަރައްގީ ކުރަން ދުނިޔޭގެ ވިޔަފާރިވެރިންގެ ޝައުގުވެރިކަން އެބަހުރި ކަމަށް

ލ. ބޮޑުފިނޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އިސްކަންދީގެން މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބޮޑުފިނޮޅަކީ ލ. އަތޮޅުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން މީގެ ކުރިން ދޫކޮށްފައި އޮތް ރަށެކެވެ. ނަމަވެސް އެ ރަށުގެ މަސައްކަތް ކުރިއަށް ނުދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ރަށް އިންވެސްޓަރުގެ އަތުން ދައުލަތަށް ވަނީ ނަގައިފަ އެވެ.

ތަފްސީލް - ރައީސް މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ގަމު ރައްޔިތުންނާ ބައްދަލުކުރަން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ބޮޑުފިނޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެއީ ހެރިޓޭޖު ޓޫރިޒަމް ތަރައްގީކުރަން ވަރަށް ރަނގަޅު އަތޮޅެއް ކަމަށާއި އެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ލ. އަތޮޅަކީ ހެރިޓޭޖު ޓޫރިޒަމަށް ވަރަށް ޕޮޓެންޝަލް އަތޮޅެއް. ރާއްޖޭގެ ސަގާފަތް ދައްކައިދޭ ކަންކަން އެބަހުރި. އެ ތަންތަނަކީ ފަތުރުވެރިން ޝައުގުވެރިވާނެ ތަންތަނުގެ ގޮތުގައި ތަރައްގީކޮށް ލޯކަލް ޓޫރިޒަމަށް ތަރައްގީ ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ އަތޮޅުގެ ރަށްތަކުގައި ޓޫރިޒަމަށް އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ދުނިޔޭގެ ވިޔަފާރިވެރިންގެ އެބަހުރި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"އެބޭފުޅުންނާ އެކު މި ދަނީ ކުރިއަށް. ރަައީސްގެ އަމާޒަކީ މި ފަސް އަހަރު ނިމޭއިރު ވަން އައިލެންޑު ކޮންސެޕްޓުގެ ހަތަރު ރިސޯޓު ލާމުގައި ތަރައްގީ ކުރުން. އެކަން އިރާދަކުރެއްވިއްޔާ ކުރާނަން،" ފައިސަލް ވިދާޅުވި އެވެ.

ލ. އަތޮޅުގައި ގެސްޓުހައުސްތައް ހުރި ނަމަވެސް ފަތުރުވެރިންގެ ފްލައިޓު ޓިކެޓް އަގުބޮޑުވުމުން ގެސްޓްހައުސްތަކަށް ގޮންޖެހުންތައް ކުރިމަތިވާކަން އަތޮޅު ކައުންސިލުން ފާހަގަކޮށްފައި ވާތީ، ގައުމީ އެއާލައިން މޯލްޑިވިއަންއާ މަޝްވަރާކޮށް ފަތުރުވެރިންނަށް ހާއްސަ ފެއާއެއް ލާމު އަތޮޅަށް ތައާރަފުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ވެސް ފައިސަލް ހާމަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީއާ ގުޅިގެން ވަކިވަކި އަތޮޅުތައް ޕްރޮމޯޓުކުރަން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ގެނައުން،" ފައިސަލް ވިދާޅުވި އެވެ.

"ކޮންމެ ރަށަކުން ވެސް ބޭނުންވަނީ އެ ރަށަކާ ކައިރީގައި ފަތުރުވެރިކަން ތަރައްގީ ކުރަން ނޫނީ ރިސޯޓެއް ގެންނަން. އެހެންވީމާ ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން އިރާދަކުރެއްވިއްޔާ ފުރަތަމަ އިންވެސްޓާ ފޯރަމް މި އަހަރު ތެރޭ އަޅުގަނޑުމެން ބާއްވާނަން. އެގޮތުން ސިންގަޕޫރާއި ތައިލެންޑު އަދި ދުބާއީގައި ތިން ފޯރަމެއް ކުރިއަށް ގެންދާނަން."

ފައިސަލް ވިދާޅުވީ ކައުންސިލްތަކުން ބޭނުންވާ ގޮތަށް ޓޫރިޒަމް ތަރައްގީ ކުރަން އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް