މަރުކަޒީ ބޭންކް އެމްއެމްއޭގެ މައި އިމާރާތް (ދައުރު ފޮޓޯ)
ސޮވަރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު މަދުވެއްޖެ
ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން އުފައްދާފައިވާ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރި ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާބަލާ އިރު 3.4 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ހަރަދާއި އާމްދަނީގެ ތަފްސާހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ 21ގެ ނިޔަލަށް ސޮވަރިން ފަންޑަށް ޖަމާކޮށްފައި ވަނީ 233.2 މިލިއަން ރުފިޔާ އެވެ. ނަމަވެސް:
-
މިދިޔަ އަހަރުގެ އެ މުއްދަތުގައި 236.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ
-
މިއީ 3.4 މިލިއަން ރުފިޔާގެ މަދުވުމެއް
-
މިއަހަރު ސޮވަރިން ފަންޑަށް ޖަަމާކުރެވޭނެ ކަމަށް ލަފާކޮށްފައި ވަނީ އެއް ބިލިއަން ރުފިޔާ
ފާހަގަކޮށްލެވޭ - ރައްޔިތުން މަޖިލީހުގެ ކެމްޕޭން ޖަލްސާގެ ތެރެއިން ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރު ނިމުނު އިރު ސޮވަރިން ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން މިހާރު 35 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށާއި މި އަހަރު ނިމެންވާއިރު އެ ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރައްވާނެ ކަމަށެވެ.
-
މި ސަރުކާރުން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި ބިލަކީ ސޮވަރިން ފަންޑުގެ ބިލް ނަމަވެސް އެ ބިލް ވަނީ މަޖިލީހުން ބޭރުކޮށްލާފައި
އެނގުން މުހިންމު - ރާއްޖެ އިން ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް ސޮވަރިން ޑިވަލޮޕްމަންޓް ފަންޑެއް އުފެއްދީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އެވެ. އެގޮތުން:
-
އެ ފަންޑު ފެށީ 1.1 ބިލިއަން ރުފިޔާއިން
-
އެ ފަންޑަށް މިހާރު ޖަމާކުރަނީ އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ