އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމްކުރުމާ ބެހޭ ޓާމް ޝީޓުގައި އެސްޓީއޯ އާއި ވިޓޯލްއާ ދެމެދު ސޮއިކުރަނީ (ދައުރު ފޮޓޯ)

އިހަވަންދިއްޕޮޅުގައި ބަންކަރިން ފަށަން ދުނިޔޭގެ ބޮޑު ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ އެކު އެސްޓީއޯއިން ސޮއިކޮށްފި

މި އަހަރުގެ ޖުލައި މަހުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައި

ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ޓާމް ޝީޓެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓާމް ޝީޓުގައި ސޮއިކުރެއްވީ:

  • އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް

  • ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް

އެނގުން މުހިންމު - އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލީޓީއެއް އަޅަން ކުރީގެ ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ކުރީ ސަރުކާރުގެ ދުވަސްވަރު އެސްޓީއޯއިން ވަނީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިންއާ އެކު އެކަމާ ގުޅޭ އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފަ އެވެ.

ތަފްސީލު - ޓާމް ޝީޓުގައި ސޮއިކުރެއްވުމަށް ފަހު އެސްޓީއޯގެ އެމްޑީ ޝިމާދު ދެއްކެވި ވާހަކައިގައި ބަންކަރިން މަޝްރޫއުގެ ޓެންޑާ ކާމިޔާބުކުރި ކަމަށްޓަކައި ވިޓޯލްއަށް މަރުހަބާ ވިދާޅުވި އެވެ. އަދި ހަކަތަ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުންޏާ އެކު މަސައްކަތް ކުރުމަކީ ލިބޭ އުފަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ޝިމާދު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އެސްޓީއޯއަށް މާލީ ގޮތުންނާއި ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ކުންފުނީގެ އާމްދަނީ އާއި ފައިދާ އިތުރުވާނެ

  • ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވާނެ

  • ބޭރު ފައިސާގެ ރިޒާވަށް އިތުރުކަމެއް އަންނާނެ

  • އިތުރު ވަޒީފާގެ ފުރުސަތުތަކެއް އުފެދޭނެ

އެ ރަސްމިއްޔާތުގައި ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވީ ރާއްޖެ މި އޮތީ ބަންކަރިންއަށް އެންމެ ރަނގަޅު ސަރަހައްދުގައި ކަމަށެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ މަޝްހޫރު ވާނީ ޓޫރިޒަމްގައި ފުންނާބު އުސް ގައުމެއްގެ ގޮތުގައި އެކަންޏެއް ނޫން، ބޮޑު ބަންކަރިން ހަބަކަށް ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ވިޓޯލްއަކީ ކޮން ކަހަލަ ކުންފުންޏެއް

  • މިއީ ސްވިޓްޒަލެންޑްގައި މައި އޮފީސް ހުންނަ ނެދަލެންޑްސްގެ ކުންފުންޏެއް

  • ކުންފުނީގެ އާމްދަނީ 2022ގައި ހުރީ 500 ބިލިއަން ޑޮލަރު (7.7 ޓްރިލިއަން ރުފިޔާ)ގައި

  • ހަކަތަ އާއި ޝިޕިން އާއި ސްޓޯރޭޖް ފެސިލިޓީޒްތަކާއި ތެޔޮ/ގޭސް ހޯދުމާއި ކަރަންޓް އުފެއްދުމާ ގުޅޭ ދާއިރާގައި ވެސް ހަރަކާތްތެރިވޭ

  • ދުނިޔޭގެ 40 ގައުމެއްގައި މި ކުންފުނިން ވިޔަފާރި ހިންގާ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޓޫރިޒަމަކީ ޓެސްޓުކޮށް، ފުރިހަމަވެފައިވާ ސިނާއަތެއް ކަމަށެވެ. އަދި ބަންކަރިންއަކީ ރާއްޖެއަށް މުޅިން އާ ކަމަކަށް ވި ނަމަވެސް، ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނިން ރާއްެޖެއަށް އެކަމުގައި ދިން ޔަގީންކަމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި އެވެ.

ޓާމް ޝީޓާ ބެހޭ އެއްވެސް ތަފްސީލެއް އެސްޓީއޯއިން ހާމައެއްނުކުރެ އެވެ.

ގުޅުން ހުރި ކަމެއް - އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް