ދައުލަތުގެ ޓެކްސް އިދާރާ މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މީރާ

3 ބިލިއަންގެ އާމްދަނީއެއް ލިބުނަސް ޑޮލަރު ލިބުނު ވަރު ދަށަށް

މިއަހަރުގެ ޖެނުއަރީ މަހު ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށް؛ މިދިޔަ އަހަރުގެ ޖެނުއަރީގައި 112.8 މިލިއަން ޑޮލަރުގެ އާމްދަނީ މީރާ އަށް ލިބުނު

ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް ހުސްވި ޖެނުއަރީ މަހު ދައުލަތަށް3.60 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް އެ އިދާރާ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މީރާ އިން އާންމުކޮށްފައިވާ ޖެނުއަރީ މަހުގެ ޓެކްސް އާމްދަނީގެ ހިސާބުތައް ދައްކާގޮތުން އެ މަސް ތެރޭ ޑޮލަރުން ލިބިފައިބަނީ 102.7 މިލިއަން ގެ އާމްދަނީ އެކެވެ. އެގޮތުން: 

  • ޖުމްލަ 3.60 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު

  • މިއަހަރުގެ ޖެނުއަރީ މަހު ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް. މިދިޔަ އަހަރުގެ ޖެނުއަރީގައި 112.8 މިލިއަން ޑޮލަރުގެ އާމްދަނީ މީރާ އަށް ލިބުނު

ތަފްސީލް - މީރާ އިން ބުނީ މި އަހަރުގެ ޖެނުއަރީ މަހު ލިބުނު ޖުމްލަ އާމްދަނީ އަކީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު %5.7 އިތުރު އަދަދެއް ކަމަށެވެ.

ޓެކްސް އާމްދަނީ އިތުރުވީ މީރާއިން ބުނި ގޮތުގައި: 

  • ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން

  • ޖީއެސްޓީ އާމްދަނީ އިތުރުވުމުން

  • އެކްސްޕެޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު އާމްދަނީ ލިބުނުމުން (މި ފީ ނަގަން ފެށީ މިދިޔަ އަހަރުގެ މާޗުގައި ކަމަށްވާތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އާމްދަނީގައި މި ފީ ނުހިމެނޭ)

  • ބޭންކް ތަކުން ދެއްކި ފައިދާގެ ޓެކްސް އިތުރުވުމުން

މީރާ އިން ބުނީ މި އަހަރުގެ ޖެނުއަރީ މަހު ލިބުނު ޖުމްލަ އާމްދަނީ އަކީ އެ އިދާރާ އިން ލަފާކުރި އަދަދަށްވުރެ %12.2 އިތުރު އަދަދެއް ކަމަށެވެ.

ހާއްސަކޮށް ބީޕީޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އަދި ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ލިބުނު ކުލީގެ އާމްދަނީ އިތުުރުވުމަކީ އާމްދަނީ ލަފާކުރި ވަރަށްވުރެ އިތުރުވި ސަބަބެއްކަމަށް މީރާ އިން ފާހަގަ ކޮށްފައިވެ އެވެ.

މީރާ އަށް އެންމެ ބޮޑު އާމްދަނީ އެއް މިދިޔަ މަހު ލިބުނީ

  • އިންކަމް ޓެކްސް - 1.6 ބިލިއަން ރުފިޔާ

  • ޖީއެސްޓީ - 1.4 ބިލިއަން ރުފިޔާ

  • ގްރީން ޓެކްސް - 99.5 މިލިއަން ރުފިޔާ

  • އެއާޕޯޓް ޑިވެލޮޕްމެންޓް ފީ - 94.6 މިލިއަން ރުފިޔާ

  • ޑިޕާޗާ ޓެކްސް - 92.2 މިލިއަން ރުފިޔާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް