ރިސޯޓެއްގައި މުވައްޒަފަކު ޓޫރިސްޓުންނަށް ހިދުމަތް ކުރަނީ: ޓޫރިޒަމް ދާއިރާގެ ހިދުމަތްތެރިންނަށް ހޮޓްލިއާއިން ދޭ އެވޯޑަށް ތަރުހީބު ބޮޑު (ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް)

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024: 350 އަށް ވުރެ ގިނަ ހުށަހެޅުމާ އެކު ބޮޑު ތަރުހީބެއް

ރާއްޖޭގެ އެންމެ މަގުބޫލު ހޮސްޕިޓާލިޓީ ޕަބްލިކޭޝަން، 'ހޮޓެލިއާ މޯލްޑިވްސް'އިން ފުރަތަމަ ފަހަރަށް ދޭ މި އެވޯޑް ދިނުމަށް ގާލާ ހަފްލާ ބާއްވާނީ އެޕްރީލް 25 ވަނަ ދުވަހު
8 ފެބްރުއަރީ 2024

ރާއްޖޭގެ އެންމެ މަގުބޫލު ހޮސްޕިޓާލިޓީ ޕަބްލިކޭޝަން، 'ހޮޓެލިއާ މޯލްޑިވްސް' އިން އިންތިޒާމުކޮށްގެން ބާއްވާ 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024' އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ނުވަތަ ނޮމިނޭޝަން ވިންޑޯ ބަންދުކުރިއިރު އެ އެވޯޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ހޮޓެލިއާ މޯލްޑިވްސްއިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުރިހަމަ ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަހަރު ފުރަތަމަ ފަހަރަށް ދޭ މި އެވޯޑަށް 24 ކެޓަގަރީއަކުން 350 އަށް ވުރެ ގިނަ ހުށަހެޅުން ވަނީ ލިބިފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތް ކުރާ ވަރަށް ގިނަ ފަރާތްތަކުން ވަނީ ޝައުގުވެރިކަމާ އެކު މި އެވޯޑަށް ގިނަ ހިދުމަތްތެރިންގެ ނަން ހުށަހަޅާފައި ކަމަށް ވެސް ހޮޓެލިއާއިން ބުންޏެވެ. 

  • 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024'ގެ ނޮމިނޭޝަންތަކަށް ހުޅުވާލީ ޖެނުއަރީ 2 އިން 31ގެ ނިޔަލަށް

ތަފްސީލް - ހޮޓެލިއާއިން ބުނި ގޮތުގައި މި ލިބުނު ހުށަހެޅުންތައް ޓޫރިޒަމް ދާއިރާގެ ފަންނީ ބޭފުޅުންގެ ޓީމަކުން ވަރަށް ރަނގަޅަށް އިވެލުއޭޓްކުރާނެ އެވެ. އެގޮތުން:

  • ހުށަހެޅުންތައް އިވެލުއޭޓް ކުރުމުގައި ބަލާނީ އެ މީހުންގެ ހިދުމަތާއި ހޯދާފައިވާ ކާމިޔާބީތަކާއި ކަސްޓަމަރުންގެ ފީޑްބެކް އަދި އިޖުތިމާއީ ޒިންމާ އަދާކޮށްފައިވާ މިންވަރަށް 

  • އެވޯޑް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އާންމުންގެ ވޯޓަށް ވެސް ހުޅުވާލާނެ

ބުނީ ކީކޭ؟ - ހޮޓެލިއާ މޯލްޑިވްސްގެ މެނޭޖިން އެޑިޓަރު އިބްރާހިމް މަހުދީ ވިދާޅުވީ މި އެވޯޑަށް ލިބެމުން އަންނަ ބޮޑު ތަރުހީބުން ދައްކުވައިދެނީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް، ފަތުރުވެރިކަމުގެ ދާއިރާގައި ހުނަރުވެރިން ގިނަކަމާއި އެ މީހުންގެ ހިދުމަތުގެ މުހިންމުކަން ކަމަށެވެ.

"ޓޫރިޒަމަށް ހިދުމަތްކުރުމުގައި އެފަދަ ހުނަރުވެރިންގެ އޮތް ބޮޑު ޝައުގުވެރިކަން އެނގިގެން މިދަނީ. މިހާ ގިނަ ހިދުމަތްތެރިންގެ ފާހަގަކޮށްލެވޭ ހިދުމަތްތަކުގެ އަގުވަޒަން ކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" މަހުދީ ވިދާޅުވި އެވެ. 

މިފަދަ އެވޯޑެއް ދިނުމުގެ މަގުސަދަކީ:

  • ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބުރަ މަސައްކަތް ކުރާ ބަޔަކީ އެ ދާއިރާގައި ހިދުމަތް ކުރަން ތިބޭ މުވައްޒަފުން ކަމަށް ވާއިރު، އެ މުވައްޒަފުންގެ އަގު ވަޒަން ކުރުން

  • މިއީ އެ މުވައްޒަފުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ވަޒީފާގައި ކުރިއަށްދާން ލިބޭ ހިތްވަރަކަށް ވާނެތީ

މި އެވޯޑު ދޭނެ ފާހަގަކޮށްލެވޭ ދާއިރާތަކަކީ: 

  • ހައުސް ކީޕިން

  • އިންޖިނިއަރިން

  • ފުޑް އެންޑް ބެވަރޭޖު

  • ސްޕާ އެންޑް ވެލްނެސް

  • ސޭލްސް އެންޑް މާކެޓިން

އެނގުން މުހިންމު - އެވޯޑަށް ނޮމިނޭޓުވާ ފަރާތްތައް މި ފެބުރުއަރީ މަހުގެ ފަހުކޮޅު އިއުލާން ކުރާނެ ކަމަށް ހޮޓެލިއާއިން ބުންޏެވެ. އެގޮތުން އެ އެވޯޑުގެ ހާއްސަ ތާރީހުތަކަކީ:

  • 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024' ލިބޭ ފަރާތްތައް އިއުލާންކޮށް އެވޯޑް ދިނުމުގެ ގާލާ ހަފްލާ ބާއްވާނީ އެޕްރީލް 25 ވަނަ ދުވަހު 

  • ގާލާ ބާއްވަނީ އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓުގައި ކުލަގަދަ ހަފްލާއެއްގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް