އެމްއެމްއޭ ގަވަރުނަރ، އަލީ ހާޝިމް، އެމްއެމްއޭ އޮފީހަށް ވަންނަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އައިއެމްއެފް

އިގްތިސާދީ ފިޔަވަޅުތަކަށް މަރުހަބާ ކިޔައި އައިއެމްއެފް އިން ގޮވާލީ ހަރަދުކުޑަކުރުން އަވަސްކުރަން

ސަރުުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކޮށް ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަކުރުމާ އެކު މާލީ ބުރަތައް ކުޑަކުރުމަށް އައިއެމްއެފްގެ ބަޔާނުގައި ވަނީ ބާރު އަޅާފައި

ރާއްޖޭގެ އިގްތިސޯދީ ހާލަތު ހަމައަކަށް އެޅުވުމަށް ސަރުކާރުން ގެންގުޅޭ ޕޮލިސީތަކަށް މަރުހަބާ ކިޔައި ސަރުކާރުގެ މާލީ ސިޔާސަތު ނުވަތަ ފިސްކަލް ޕޮލިސީ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ -  އައިއެމްއެފްގެ ވަފުދެއް ރާއްޖެ އަށް ކުރެއްވި ޒިޔާރަތަށް ފަހު ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނީ ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ހިނގައިގަންނަން ފަށާފައިވާ ކަމަށާއި މި ހިނގާ 2024 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު %5.2 ކުރިއަރާނެ ކަމަށެވެ.

ތަފްސީލް - މި އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ސަރުކާރަށް ސީދާ ބާރު ނުފޯރުވޭ  ބޭރުގެ އެކި ސަބަބުތަކާ ހުރެ އިގްތިސާދީ ގޮންޖެހުންތަކުން ސަލާމަތްވުމަށް ފިސްކަލް ޕޮލިސީ އަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ދަރަނި ކުޑަކުރުމަށް މަނިޓަރީ ޕޮލިސީ ޓައިޓްކޮށް އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ފައިނޭންސް ކުރުމަށް ސަރުކާރުން އަމިއްލަ އަށް އެކަށާއަޅާ އަމަލު ކުރަން ފަށާފައިވާ ފިސްކަލް ރިފޯމް އެޖެންޑާ އަށް އައިއެމްއެފްގެ ބަޔާނުގައި ވަނީ މަރުހަބާ ކިޔައިފަ އެވެ.

އައިއެމްއެފް އިން ފާހަގަކޮށްފައިވާ ގޮތުން: 

  • މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް އަސަރު ކުރާ މިންވަރު ބޮޑު ކަމަށާއި އެ ދާއިރާ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކަށް ފައިސާ ހޯދަން ފަސޭހަވާނެ ކަމަށް

  • ކުރިއަށް އޮތްތަނުގައި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްވާނެ ކަމަށް ލަފާކުރެވޭ ކަމަށް

"ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ނުގެންނަ ނަމަ، ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ދަރަނި އިތުރުވާނެ. ރާއްޖޭގެ ބޭރުގެ ދަރަނި ވަރަށް ބޮޑުވެފައިވާއިރު މިއީ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް،" މި އަހަރު ނިމޭއިރު ވެސް ރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އައިއެމްއެފްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސަރުުކާރު ހިއްސާވާ ކުންފުނިތައް ރިފޯމުކޮށް، އެ ކުންފުނިތަކުން ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަކުރުމާ އެކު މާލީ ބުރަތައް ކުޑަކުރުމަށް އެ ބަޔާނުގައި ވަނީ ސަރުކާރަށް ބާރު އަޅައިފަ އެވެ.

"މާލީ އިދާރާތައް ވަރުގަދަކޮށް ޕަބްލިކް ފައިނޭންޝަލް އަދި ދަރަނި މެނޭޖުކުރުމުގެ ހަރުދަނާ ފްރޭމްވޯކަކާއެކު މަސައްކަތް ކުރުމަކީ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް މުހިއްމު ކަމެއް. މި ދާއިރާއިން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔަން. ހާއްސަކޮށް ސަބްސިޑީ ދިިނުމުގެ ޕޮލިސީ ރިފޯމުކޮށް އާސަންދަ އަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއި ޕީއެސްއައިޕީ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމުގައި ގެންނަން ނިންމާފައިވާ ބަދަލުތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމު ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުން އަވަސް ކުރުމަށް ގޮވާލަން،" އައިއެމްއެފުން ބުންޏެވެ. 

އައިއެމްއެފް ގެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓުމަށް ވެސް ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. މާލީ ދާއިރާ ހަރުދަނާ ކުރުމާއެކު ފައިނޭންޝަލް ސޭފްޓީ ނެޓް ނުވަތަ ރިޒާވް ހަރުދަނާ ކުރުމަށް ވެސް އެ ބަޔާނުގައި ބާރު އަޅާފައިވެ އެވެ.

ގުޅުންހުރި - ރާއްޖޭގެ އިގްތިސާދީ ހާލަތު ހަމައަކަށް އެޅުވުމަށް ސަރުކާރުން ގެންގުޅޭ ޕޮލިސީތަކަށް މަރުހަބާ ކިޔާ އެ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް އައިއެމްއެފް އިން ގޮވާލި އިރު ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވީހާ ވެސް އަވަސްކޮށް މާލީ އިސްލާހީ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުން ވެސް ވަނީ ގޮވާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް