ވޯލްޑް ބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ ރައީސް މުއިއްޒުއާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ވޯލްޑް ބޭންކް

ވޯލްޑް ބޭންކުން ރާއްޖެއަށް ގޮވާލީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަން

ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ހަރަދުތައް މަދުކުރުމަށާއި އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ވޯލްޑް ބޭންކުން ގޮވާލި
7 ފެބްރުއަރީ 2024

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވީހާ ވެސް އަވަސްކޮށް މާލީ އިސްލާހީ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުން ރާއްޖެއަށް ގޮވާލައިފި އެވެ. 

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ ރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ދަތުރު އިއްޔެ ވަނީ ނިއްމާލައްވައިފަ އެވެ. އެ ދަތުރާ ގުޅޭ ނޫސް ބަޔާނެއް ވޯލްޑް ބޭންކުން ވަނީ މިއަދު ނެރެފަ އެވެ. ރެއިސާގެ ދަތުރުގައި ބައްދަލު ކުރައްވާފައި ވަނީ: 

  • ރައީސް މުހައްމަދު މުއިއްޒު 

  • ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

  • ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ގުޅޭ މިނިސްޓަރު ތޯރިގް އިބްރާހިމް

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު  

  • ރާއްޖޭގައި ހަރަކާތްތެރިވާ އެހެން ޑިވެލޮޕްމެންޓް ޕާޓްނަރުންނާ

ތަފްސީލް - ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނީ މާޓީންގެ ބައްދަލުވުންތަކުގައި ފާޅުކުރެއްވި ކަންބޮޑުވުންތަކަކީ ދައުލަތުގެ ހަރަދު ބޮޑުވުމާއި ބޭރު ފައިސާގެ ރިޒާވްގެ މަދުވުމާއި ދަރަނި ބޮޑުވުން އަދި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓް މަތިވުމާގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކެވެ.

"މި ކަންކަމަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުމުގެ މުހިންމުކަން ވެސް އެބޭފުޅާ ފާހަނގަކުރެއްވި އެވެ،" ރެއިސާ ވިދާޅުވި ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ. 

ވޯލްޑް ބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ (ފޮޓޯ/ރައީސް އޮފީސް)

އެކި ދާއިރާތަކުން ރާއްޖެއިން ކުރިއެރުން ހޯދާފައިވާކަން ފާހަގަކުރައްވައި ރެއިސާ ވިދާޅުވެފައި ވަނީ ސިއްހީ ފަރުވާ، ތައުލީމު، ބޯހިޔާވަހިކަން އަދި އެހެނިހެން އާއްމު ހިދުމަތްތައް ދިނުމުގެ ދާއިރާއިން ރާއްޖެއިން ކުރިއެރުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް:

  • އެތެރޭގެ ދަރަނީގެ އިތުރުން ބޭރުގެ އެކިއެކި ފަރާތްތަކަށް އަދާ ކުރަންޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުން މި ކުރިއެރުންތަކުގެ ފައިދާ ލިބުމަށް ހުރަސްތައް މެދުވެރިވާނެ 

  • އެހެންކަމުން ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ހަރަދުތައް މަދުކުރުމަށާއި އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ރެއިސާ ގޮވާލެއްވި 

"ގައުމުގެ ކުރިއެރުމަށް އެންމެ މުހިންމު ދާއިރާތައް ކަމުގައިވާ ރައްޔިތުންގެ ކުރިއެރުމާއި، ގުދުރަތީ ނިޒާމާއި އުމްރާނީ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ލިބިގަނެވޭނީ އޭރުން،" ރެއިސާ ވިދާޅުވި އެވެ. 

އެތެރޭގެ ދަރަނީގެ އިތުރުން ބޭރުގެ އެކިއެކި ފަރާތްތަކަށް އަދާ ކުރަންޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުން މި ކުރިއެރުންތަކުގެ ފައިދާ ލިބުމަށް ހުރަސްތައް މެދުވެރިވާނެ 

މާޓިން ރެއިސާ، ވޯލްޑް ބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް

'މިވަގުތު ކުރަންވީ ކޮންމެހެން ކުރަން ޖެހޭ ހަރަދު'

ވޯލްޑް ބޭންކާއި ސަރުކާރުން ގުޅިގެން އިއްޔެ ނެރެނު ރާއްޖޭގެ ފުރަތަމަ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓު، "ހިއުމަން ކެޕިޓަލް ރިވިއު ފޯ ދަ މޯލްޑިވްސް" ރިޕޯޓުގައި ފާހަގަ ކުރި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހިފައިވާ އިރު އުފެދިފައި ހުރި ފަރަގުތައް ހަނިކުރުމަކީ ހަރަދު އިތުރުކޮށްގެން ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.

އެ ރިޕޯޓާ ހަވާލާދީ ރެއިސާ ފާހަގަ ކުރެއްވި ގޮތުގައި:

  • ހަރަދު އިތުރުކުރުމުގެ ބަދަލުގައި އިސްކަންދޭ ތަރުތީބަކުން ކުރަން މުހިންމު ހޭދަތައް ތަރުތީބުކޮށްގެން ކުރަން ޖެހޭ

  • ބޭނުންޖެހިފައިވާ ފަރާތްތައް ދަނެގަނެ އެފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމާއި، ރަށްރަށުން ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ 

  • މި މަސައްކަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މާލީ އަދި ފަންނީ އެހީ ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް ރެއިސާ ވިދާޅުވި

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ އިންސާނީ ވަސީލަތް ހުރީ މި ސަރަހައްދުގެ އެހެން ކުދި ޖަޒީރާ ގައުމުތަކާއި، އާމްދަނީގެ ގޮތުން ވާދަކުރާ ކުދި ގައުމުތަކަށް ވުރެ މަތީގަ އެވެ. ނަމަވެސް ސަރަހައްދީ އަދި މިންތީގެ ނަހަމަކަން އަދިވެސް ރާއްޖޭގައި ބޮޑެވެ. 

މޫސުމީ ބަދަލުތަކާ މެދު ސަމާލުވާން ގޮވާލެއްވި

މީގެ އިތުރަށް ރެއިސާ ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީ އަށާއި ތިމާވެއްޓަށް ކުރިމަތިވަމުން އަންނަ ނެތިދިޔުމުގެ ނުރައްކާތަކަށް ސަމާލުކަން ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ. މިގޮތުން އިގްތިސާދީ ލޮޅުންތަކާއި މޫސުމީ ގޮތުން ކުރިމަތިވާ ކަންކަން ވަނީ ގުޅިލާމެހިފައި ކަމަށް ރެއިސާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ:

  • އިންވެސްޓްކުރާއިރު، ތަރައްގީގެ ބައިވެރިން، ޕްރައިވެޓް ސެކްޓާ އަދި ސަރުކާރުތަކުން އެކުގައި ގުޅިގެން ޓްރިޕަލްޑިވިޑެންޑް ހޯދޭނެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތައް ދެނެގަތުން މުހިންމު

ގުޅުންހުރި - މިދަތުރުގައި، ވޯލްޑް ބޭންކާއި ރާއްޖެއާ ދެމެދު އުފެދިފައިވާ 45 އަހަރުގެ ގުޅުމާއި، ތަރައްގީގެ އެޖެންޑާ އަށް ވޯލްޑް ބޭންކުން ދެއްވަވަމުން ގެންދަވާ އެހީ އާއި އެއްބާރުލުން މެދުކެނޑުމެއްނެތި ރާއްޖެއަށް ދޭނެ ކަމުގެ ޔަގީންކަން ރެއިސާ ވަނީ ދެއްވައިފަ އެވެ.

ފާހަގަކޮށްލެވޭ - ވޯލްޑް ބޭންކުގެ އެހީގައި މިވަގުތު ރާއްޖޭގައި 10 މަޝްރޫއެއް ހިންގަ އެވެ. މި ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގަކީ 217 މިލިޔަން ޑޮލަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް