ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ހަދާ އާ ޓަމިނަލްގެ މަސައްކަތް ކުރިއަށް ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެއާޕޯޓް ތަރައްގީކުރުމުގެ 2 ވަނަ ފިޔަވަހި މާދަމާރޭ އިފްތިތާހު ކުރަނީ

މަޝްރޫއުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކެއް ސަރުކާރުން ހާމައެއް ނުކުރެ، މަޝްރޫއު އިފްތިތާހުކޮށްދެއްވާނީ ރައީސް މުއިއްޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި މާދަމާ ރޭ އިފްތިތާހު ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ -  އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަދި އެއާޕޯޓް ބަލަހައްޓާ އެމްއޭސީއެލްއިން ވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. 

މާދަމާރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތެއްގައި ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފްތިތާހުކޮށްދެއްވާނީ ރައީސް މުހައްމަދު މުއިއްޒުވެ.

ތަފްސީލް - މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމަށް ފެށި ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގައި ހިމެނޭ ބައެއް މަސައްކަތްތައް އަދި ވެސް ކުރިއަށް އެބަދެ އެވެ. އޭގެ ތެރޭގައި ހިމެނޭ އާ ފަސިންޖާ ޓާމިނަލް އާއި އާ ކާގޯ ޓާމިނަލްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. 

  • އާ ރަންވޭ އާއި އާ ސީޕްލޭން ޓާމިނަލް އަދި ވީއައިޕީ/ސީއައިޕީ ޓާމިނަލް ނިންމާ ބޭނުން ކުރަން ވަނީ ފަށާފައި

  • ފިއުލް ހައިޑްރޭންޓު ނިޒާމު ބޭނުން ކުރަން ފެށުމަށް ވަނީ ތައްޔާރީތައް ވާން ފަށާފައި

ސީޕްލޭން ޓާމިނަލްގެ ބިޒްނަސް ލައުންޖު. (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

އެނގުން މުހިއްމު - ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހު، މަގަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން އެއާޕޯޓުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއާޕޯޓުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އިތުރަށް ފުޅާ ކުރުމަށާއި އެއާޕޯޓުން ދޭ ހިދުމަތްތައް ފުޅާ ކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. 

އެގޮތުން ރައީސް އޭރު ވިދާޅުވީ؛

  • ޖެޓް ސާވިސް އަށް ހާއްސަ ޖެޓް ޓާމިނަލެއް އަޅަންޖެހޭ ކަމަށް

  • އާ ޓާމިނަލާއެކު އޭޕްރަން ބޮޑުކުރަން ޖެހޭ ކަމަށް

  • އާ ޓާމިނަލުގައި ހުންނަ ފަތުުރުވެރިންނަށް ހިދުމަތްދޭ ބޫތުތައް ތަރައްގީ ކުރަން ބަޔަކާ އޭރު ހަވާލުކޮށްފައި ނުވާކަމަށް، އެ މަސައްކަތް އަވަސް ކުރައްވާނެ ކަމަށް

  • އާ ޓާމިނަލުގައި ހިމެނޭ ޑިއުޓީ ފްރީ ސަރަހައްދުގެ މަސައްކަތް ވެސް ހަވާލު ނުކޮށް ވާކަމަށް

އާ ޓާމިނަލްގެ މަސައްކަތް ނިންމުމަކީ އެންމެ އިސްކަމެއް ދީގެން ކުރައްވާނެ މަސައްކަތްކަމަށް ރައީސް ވަނީ އެކި ފަހަރު މަތިން ވިދާޅުވެފަ އެވެ. 

ނިންމަން ކަނޑައެޅި ތާރީހު ފަހަނައަޅާގޮސް މަސައްކަތުގެ ޝެޑިއުލުން ކައްސާލާފައިވާ އާ ޓާމިނަލް މި އަހަރުގެ ޓޫރިސްޓު ސީޒަން އަންނައިރު އޮޕަރޭޝަނަށް ގެނައުމަކީ ރައީސްގެ އެންމެ ބޮޑު އެއް އަމާޒު އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް (1)

އިބިރަހިމާ

3 ޖެނުއަރީ 2024
ނެތޭ، ނެތޭ. މާލެ ނޫންތަނަކަށް ފޯކަސް ކުރުމެއް ނެތޭ. މުއިއްޒޫ. މާލެ ސަރަހައްދު ބާއްވާފަ. ތިލަދުންމަތި، ހައްދުންމަތި އަދި ހުވަދުއަތޮޅު އަދި އައްޑޫއަށް ޓާގެޓްކޮށްބަލަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް