ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު 2024 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަން ރައްޔިތުންގެ މަޖިލީހުގައި (ފޮޓޯ/މަޖިލިސް)
މުސާރަތައް ބޮޑުކުރުމަކީ އިގްތިސާދު ކޮޅަށް ޖަހަން ގޮންޖެހުމަކަށް ވާނެ: ޝަފީގު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ވެރިންގެ މުސާރަ މިވަގުތު ބޮޑުކުރުމަކީ މައްސަލަތަކުން އަރައިގަނެ އިގްތިސާދު ހަމައަކަށް އަޅުވަން ކުރާ މަސައްކަތަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާނޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ، މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ މަގާމުތައް ކަމަށްވާ މަޖިލީހުގެ މެންބަރުންނާއި ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުންނާއި މުއައްސަސާތަކުގެ މެންބަރުން އަދި ފަނޑިޔާރުންގެ މުސާރަތައް ބޮޑު ކުރަން ފާސްކޮށްފަ އެވެ.
-
އެއާ އެކު، އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައި
-
ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސީ ވެރިންގެ މުސާރަ ބޮޑުކުރަން އެދިވަޑައިނުގަންނަވާ ކަމަށް؛ މުސާރައިން ބޮޑުވާ ބައި ހަދިޔާ ކުރައްވާނީ ކުޑަކުދިންގެ ހިޔާ ފަދަ ފަންޑަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި
-
މަޖިލީހުގެ ކޮމިޓީން ވަނީ ޕޭހަމަނައިޒޭޝަންއަށް ހާއްސަ ބަޖެޓުގައި ހިމަނާފައިވާ 500 މިލިއަން ރުފިޔާ މަޖިލީހުން ކަނޑައަޅާ ފަރާތްތަކުގެ މުސާރައަށް ބަދަލު ގެންނަން ބޭނުން ކުރެވޭ ގޮތަށް އިސްލާހުކޮށްފައި
-
އެ އިސްލާހު ކޮމިޓީއެއް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އަދި ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު
'އިގްތިސާދަށް ދުޅަހެޔޮ ގޮތެއް ނޫން'
މުސާރަ ބޮޑުކުރުމުގެ ކަންބޮޑުވުންތައް އާންމުން ފާޅުކުރަމުން ދާތީ އެކަމާ ގުޅޭ ގޮތުން 'ދައުރު'ން މިއަދު ފިނޭންސް މިނިސްޓަރު ޝަފީގުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ސިޔާސީ ވެރިންގެ މުސާރަތައް ބޮޑުނުކުރުމަށް ރައީސް ވެސް އެދިލައްވާ ކަމަށާއި އެއީ މިވަގުތަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:
-
މަޖިލީހުގެ ކޮމިޓީއިން އެ ފާސްކުރި ނިންމުމާ އެކު މުސާރަތަކަށް ގެންނަ ބަދަލުގެ ތެރެއަށް 93 މިލިއަން ރުފިޔާ އިތުރުވާނެ
-
ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓް އަދި ނުލިބޭ؛ ރިޕޯޓް ލިބުމާ އެކު، އެ ނިންމުމުގެ ސަބަބުން ބަޖެޓަށް ކުރިމަތިވާނެ ބުރަ ބަލާނެ
-
ސިވިލް ސާވިސްގެ މުވަައްޒަފުންނާއި އެހެން ސެކްޓާތަކުން މުސާރަ ބޮޑުކުރަން އެދިއެދި ތިއްބާ އެ މީހުންގެ މުސާރަ ބޮޑުނުކޮށް އެކަން ކުރުމަކީ އިޖްތިމާއީ ހަމަހަމަ ކަމަށް ވެސް އަސަރު ކުރާނެ ކަމެއް
"މިއީ މިވަގުތު އިގްތިސާދަށް ދުޅަހެޔޮ ގޮތެއް ނޫން އަދި އާންމު ރައްޔިތުން ވެސް ބަލައިގަންނަ ކަމެއް ނޫން. ސިވިސް ސާވިސް އާއި އެހެން ސެކްޓާތަކުގެ މުސާރަ ބޮޑުކުރަން އެ މީހުން އެދިއެދި ތިއްބައި އެކަން ނުކޮށް ސިޔާސީ މީހުން މުސާރަ ބޮޑުކުރުމަކީ ރައްޔިތުން ވެސް ބަލައިގަންނާނެ ކަމެއް ނޫން،" ޝަފީގު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ 93 މިލިއަން ރުފިޔާ ނަގަނީ މުސާރަތައް ބޮޑުކުރުމަށް ހާއްސަ ބަޖެޓުގައި ހިމަނާފައިވާ 500 މިލިއަން ރުފިޔާގެ ތެރެއިން ކަމަށެވެ. އެހެން ވުމުގެ ސަބަބުން، ސަރުކާރުން ރާވާފައިވާ ގޮތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ބައެއް ޔުނީފޯމް އިދާރާތަކުގެ މުސާރަ ބޮޑުކުރަން ފައިސާ މަދުވާނޭ ކަމަށް ބައެއް މެންބަރުން ކޮމިޓީގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
މީގެ އިތުރަށް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވީ ޕޭހަމައިނައިޒޭޝަންގެ މަސައްކަތް ކުރަން ރާވާފައި ވަނީ ޕޭ ކޮމިޝަނުން ދޭ ލަފާތަކެއްގެ މައްޗަށް ބަލާފައި ކަމަށާއި އެ ފަރާތުގެ ދިރާސާ ނުނިމެނިސް މަޖިލީހުން އެކަން އަމިއްލައަށް ކުރުން ރަނގަޅު ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕޭކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅި މުސާރަތައް އެކަށައެޅުމުގެ ހަމަހަމަކަން ގެއްލިދާނޭ ކަމަށް ވެސް ބައެއް މެންބަރުން ފާހަގަ ކުރައްވާފައިވެ އެވެ.
ގުޅުން ހުރި ކަމެއް - މަޖިލީހުގެ ކޮންޓްރޯލް އޮންނަ ކޮމިޓީން މުސާރަ ބޮޑު ކުރަން ނިންމި ނިންމުން އެމްޑީޕީން ވަނީ އިއްޔެ ދިފާއުކޮށްފަ އެވެ. އެމްޑީޕީގެ މެމްބަރުން އިއްޔެ ވިދާޅުވީ، ހާއްސަކޮށް މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމީ، ގިނަ މެމްބަރުންނަކީ މާލޭގައި ކުއްޔަށް "ހާލުގައި" އުޅުއްވާ ބޭފުޅުން ކަމަށްވާތީ އާއި އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ ބޮޑު ބައެއް ދާއިރާތަކުގެ ރައްޔިތުންނަށް ހަރަދުކުރަން ޖެހިވަޑައިގަންނަވާތީ އެވެ.
ކޮމެންޓް (3)
ޢާދިލް
ލިލަމް
ކިލަމަންޖާ