އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

އެމްޑީޕީ

މުސާރަ ބޮޑު ކުރުން އެމްޑީީޕީން ދިފާއުކޮށްފި: 'މާލޭގައި އުޅެނީ ހާލުގައި؛ މިއީ ހައްގު މުސާރަ'

އެ ޕާޓީން ބުނީ، މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުވީ، ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑު ކުރި އިރު، ދައުލަތުގެ އޮނިގަނޑު ހިފަހައްޓަން ޖެހޭތީ ކަމަށް
20 ޑިސެމްބަރު 2023
3

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދައުލަތުގެ ތިން ބާރުގެ މަގާމުތަކުގެ މުސާރަ ބޮޑު ކުރި އިރު، މަޖިލިސް މެމްބަރުންގެ މުސާރަ ވެސް ބޮޑު ކުރީ އެކަން ކުރަން ޖެހޭ ގޮތަށް ކަމަށް ބުނެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން އެ ނިންމުން މިއަދު ދިފާއުކޮށްފި އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ތިން ބާރު ކަމަށްވާ ސަރުކާރާއި މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާގެ މުސާރަތައް ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރީ އިއްޔެ އެވެ. އެ ނިންމުމުގެ ދަށުން މަޖިލިސް މެމްބަރުންގެ މުސާރައަށް ގެނައި ބަދަލުތަކަކީ:

  • މަޖިލީހުގެ ރައީސަށް: މުސާރައިގެ ގޮތުގައި 90،000ރ. (މިހާރު ލިބެނީ 73،125ރ.)

  • މަޖިލީހުގެ ނައިބު ރައީސަށް: މުސާރައިގެ ގޮތުގައި 88،000ރ (މިހާރު ލިބެނީ 71،000ރ.)

  • މެންބަރުންނަށް: ކޮމިޓީ އެލަވަންސަށް ދޭ 20،000ރ.އާ އެކު ޖުމްލަ 100،000ރ. (މިހާރު ލިބެނީ ކޮމިޓީ އެލަވަންސާ އެކު 82،500ރ.)

މީގެ އިތުރުން، ރައީސް އާއި ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ އާއި ދައުލަތުގެ އެހެން ގިނަ ބޮޑެތި މަގާމުތަކެއްގެ މުސާރަ ވެސް ބޮޑުކުރަން ވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

އިގްތިސާދީ ގޮތުން ނާޒުކު ފައްތަރެއްގައި ރާއްޖެ އޮއްވައި ސިޔާސީ މުސާރަތައް ބޮޑު ކުރުމާ ދެކޮޅަށް އެތައް ބަޔަކު ވާހަކަ ދައްކަމުންދާ މި ދަނޑިވަޅުގައި، މުޅި މަޖިލީހުގެ ވެސް ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ލީޑަރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ، މުސާރަ ބޮޑު ކުރީ އެކި މުއައްސަސާތަކުން ތަކުރާރުކޮށް އެ ކަމަށް އެދިފައިވާތީ، ވަކި މިންގަނޑެއްގެ ތެރެއިން ހުރިހާ މުއައްސަސާއަކަށް ވެސް ގާތްގަނަޑަކަށް އެއް ނިސްބަތަކުން މުސާރައިގެ ކުރިއެރުން ދީގެން ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މުސާރަ ބޮޑުވީ ހަމައެކަނި މަޖިލިސް މެމްބަރުންނަށް ނޫންކަން ފާހަގަކުރައްވައި، ޕީޖީގެ ނައިބު ލީޑަރު، ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މުސާރަ އެއްހަމަކުރުމުގެ ތެރެއިން، ހުރިހާ ފަންތިއެއްގެ އަދި ހުރިހާ ގިންތިއެއްގެ މީހުންނަށް މުސާރަ ބޮޑުވާއިރު މަޖިލީހަށް ވެސް މުސާރަ ބޮޑުވެގެން ދިޔައީ ކަމަށެވެ.

"ސްޓޭޓް މިނިސްޓަރުންނާ އަދި މިނިސްޓަރުންނާ އަޅާބަލާއިރު މަޖިލިސް މެމްބަރުންގެ މުސާރަ އަކީ މާ ބޮޑު އެއްޗެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ސަރުކާރުން ގިނަ އަދަދެއްގެ ސްޓޭޓް މިނިސްޓަރުން އައްޔަންކުރަމުންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވި އެވެ.

"ހާމަނައިޒް ކުރުމުގެ ގޮތުން ކުރާ ކަމެއް މިއީ. އެއްގޮތަކަށް ވެސް ވަކިން މަޖިލިސް މެމްބަރުންނަށް މުސާރަ ބޮޑު ކުރުމަށް ކުރާ ކަމެއް ނޫން."

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ދީދީ ވެސް އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ދައުލަތެއްގެ ހަމަ ހިފެހެއްޓޭނީ އެ ދައުލަތެއްގައި އޮންނަ އޮނިގަނޑަށް ފެތޭ ގޮތަށް މުސާރަ ދީގެން ކަމަށެވެ.

"މިސާލަކަށް ކުންފުންޏެއް ވެއްޖެއްޔާ ކުންފުންޏެއްގެ އެމްޑީއަކަށް ހުންނަ މީހަކަށް ވުރެ ކުންފުނީގެ ޑީއެމްޑީގެ މުސާރަ ބޮޑުވެއްޖެއްޔާ އެއީ ދެން ތާކުން ތާކު ޖެހޭ އެއްޗަކަށް ނުވާނެ. އެއްވެސް ސިސްޓަމެއް ނުވަތަ އެއަކު އެއްވެސް ސްޓްރަކްޗާއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން، ހުސައިން މުހައްމަދު ވިދާޅުވީ، ދައުލަތުގެ އެހެން ބާރުތަކާއި ކައުންސިލްތަކާއި މިނިވަން މުއައްސަސާތަކަށް މުސާރަ ކަނޑައަޅަން މަޖިލީހަށް ލާޒިމް ކޮށްފައިވާ ގޮތުގެ މަތިން މުސާރަ ބޮޑުކުރި އިރު، ދައުލަތުގެ އޮނިގަނޑު ހިފެހެއްޓުމަށްޓަކައި މަޖިލިސް މެމްބަރުންގެ މުސާރަ ވެސް ބޮޑު ކުރަން ޖެހުނީ ކަމަށެވެ.

މުސާރަތައް އެއްހަމަކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާ އަކީ ސަރުކާރުން ބޮޑުކުރާ މުސާރައިގެ އިތުރުން، މަޖިލީހުން ބޮޑު ކުރާ މުސާރަތައް ހިމެނޭ ފައިސާ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވި އެވެ. އެހެންކަމުން، އޭނާ ވިދާޅުވީ:

  • މަޖިލީހުން ބޮޑު ކުރި މުސާރައިގެ ސަބަބުން އަހަރަކަށް އިތުރުވެގެންދާ ހަރަދަކީ 90 މިލިއަން ރުފިޔާ

  • އެ ބައި ކެނޑުމަށް ފަހު ވެސް، މުސާރަތައް އެއްހަމަކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާ އިން ބާކީ 410 މިލިއަން ރުފިޔާ އޮންނާނެ

  • އެ 410 މިލިއަނަކީ ސަރުކާރުން މުސާރަ ބޮޑު ކުރާ ފަރާތްތަކަށް ދޭން ނިންމާފައިވާ ފައިސާ؛ އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ކަސްޓަމްސް އަދި ސިވިލް ސާވިސްގެ މުވައްޒަފުން ހިމެނޭ

'ސަރުކާރުން ދައްކަނީ ސިޔާސީ ވާހަކަ'

މުސާރައަށް ބަދަލުތައް ގެނައީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ރުހުމާއި އެ ބޭފުޅުންގެ ވޯޓު ވެސް ލިބިގެން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. އެހެންކަމުން، މިއަދު މުސާރަ ބޮޑު ކުރުމާ ދެކޮޅަށް ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދަވަނީ، އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، "ސިޔާސީ ބޭނުމަށްޓަކަ" އެވެ.

ރައީސް، ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ ބޮޑުކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ނޫން ކަމަށް ވިދާޅުވެ އެ މަނިކުފާނު މިއަދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ޔައުގޫބް ވިދާޅުވީ، މަޖިލީހުން މުސާރަ ދޭ ފަރާތްތަކުގެ މުސާރައަށް ބަދަލު ގެންނާނީ ސަރުކާރުން ބުނެގެން ނޫން ކަމަށެވެ. އެއީ ގާނޫނުން މަޖިލީހަށް ލިބިދޭ ބާރެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް، މި މުސާރަ ބޮޑުކުރުމުގެ މަރުހަލާގެ ތެރޭގައި ސަރުކާރުން ވެސް އެބައޮތް [މުސާރަ ބޮޑުކޮށްދޭން] އެދިފައި،" އޭނާ ވިދާޅުވި އެވެ.

އެގޮތުން، އޭނާ ފާހަގަކުރެއްވީ، 21 ނޮވެމްބަރުގައި ރައީސް މުއިއްޒު ސޮއިކުރައްވައި މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި، ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް، ނައިބު ރައީސް އަދި މެމްބަރުންގެ މުސާރަ ބޮޑުކުރަން އެދިވަޑައިގެންފައިވާ ކަމަށެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި، ރައީސްގެ ސިޓީގައި އެދިވަޑައިގެންފައިވަނީ:

  • ބޯޑުގެ ރައީސްގެ މުސާރަ 37،500ރ. އިން 55،000ރ.އަށް ބޮޑުކޮށްދޭން

  • ނައިބު ރައީސްގެ މުސާރަ 35،000ރ. އިން 45،000ރ.އަށް ބޮޑުކޮށްދޭން

  • ބޯޑު މެމްބަރުންގެ މުސާރަ 8،000ރ. އިން 20،000ރ.އަށް ބޮޑުކޮށްދޭން

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މާލިއްޔަތު ކޮމިޓީން މުސާރަތައް ބޮޑުކުރަން ނިންމި ނިންމުން ފާސްވެފައިވަނީ ވޯޓު ދެއްވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށް ވިދާޅުވެ، އެއްވެސް މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައި ނުވާކަން ޔައުގޫބް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު ވެސް ހިމެނޭ؛ އޭނާ އަކީ ވެރިކަން ކުރާ މައި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު

  • ވިލުފުށީ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފް ވެސް ވޯޓު ދެއްވި

  • ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ވެސް އެ ކަމަށް ތާއީދު ކުރެއްވި ކަމަށް ޔައުގޫބް ވިދާޅުވި؛ ނަމަވެސް، ވޯޓުލާ ގަޑިއަށް އާމިރުއަށް ވަޑައިނުގެންނެވުމުގެ ސަބަބުން ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވޭ

  • ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ދެކޮޅު ހައްދަވައި ކޮމިޓީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވީ

  • ތިމަރަފުށި ދާއިރާގެ އެމްއެންޕީ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވާ

"ސަރުކާރުގެ ފަރާތުން، ސަރުކާރުން މި ކަމުގައި އެއްވެސް ވަރަކަށް ބައިވެރިވުމެއް، މަޝްވަރާއެއް [ނެތް ކަމަށް]، ރުހޭ ކަމެއް ވެސް ނޫން ކަމަށް ޓުވީޓްތަކާއި އެކިއެކި ކޮމެންޓުތައް ކޮށްފައި ހުރީމަ އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން، މި ރެކަމެންޑޭޝަން ފާސް ކުރީ ސަރުކާރު ހިންގާ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރުގެ ވޯޓާ އެއްކޮށް،" ޔައުގޫބް ވިދާޅުވި އެވެ.

'މެމްބަރުންނަށް މުސާރަ ހައްގު، އުޅެނީ ވަރަށް ހާލުގައި'

މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑެއް ނޫން ކަމަށާއި މެމްބަރުންނަށް ލިބިވަޑައިގަންނަވާ އެލަވަންސްތަކަކީ ކޮންމެހެން ލިބެން ޖެހޭ އެލަވަންސްތަކެއް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. އަދި ކޮމިޓީ އެލަވަންސަކީ ހަމައެކަނި ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވާ ނިސްބަތުން ލިބިވަޑައިގަންނަވާ އެލަވަންސެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބައެއް ބޭފުޅުން ފާހަގަކުރައްވައިފި، އެ ބޭފުޅުން ރަށްރަށުގައި ދިރިއުޅުއްވާފައި މާލެއަށް ވަޑައިގެން ވަރަށް އުނދަގުލުގައި ތަންތައް ކުއްޔަށް ހިތްޕަވައިގެން އުޅުއްވާ ވާހަކައާ އެއްޗެހި،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

"އެ ހުރިހާ ކަންތައްތަކެއް އެހާ ދަތިކޮށް [ހުރެ]، މާލޭގައި ގިނަ ހަރަދުތަކެއް ކުރައްވައިގެން އުޅެން ޖެހުމުގެ އިތުރުން" ވެސް، އޭނާ ވިދާޅުވީ، މަޖިލިސް މެމްބަރުން ރައްޔިތުންގެ ހައްގުގައި އެތައް ހަރަދެއް ކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ:

  • މަޖިލިސް ޗުއްޓީގައި އޮންނައިރު، ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރައްވާ ދަތުރުތަކުގެ ހޭދަ

  • އެ މަހެއްގައި ލިބިވަޑައިގަންނަވާ މުސާރައަށް ވުރެ ބޮޑު ހޭދައެއް މެމްބަރުން ރައްޔިތުންގެ ހައްގުގައި ކުރެއްވުން

މަޖިލިސް މެމްބަރުންގެ މުސާރަ އެހާ ބޮޑު އިރު، މެމްބަރުކަމަށް ކުރިމަތިލާ އިރު އެއްވެސް ޝަރުތުތަކެއް ފުރިހަމަވާން ނުޖެހޭތީ ރައްޔިތުންގެ މެދުގައި އޮންނަ ކަންބޮޑުވުމާ މެދު ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ވިދާޅުވީ، ޝަރުތު ކަނޑައަޅާފައި ނެތަސް، މެމްބަރުން އިންތިހާބު ކުރުމުގައި ފެންވަރު ރަނގަޅު ބޭފުޅުން އިންތިހާބު ކުރުމަކީ ރައްޔިތުންެގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެނގުން މުހިއްމު - މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ މުސާރައިގެ ކުރިއެރުންތަކަށް އަމަލުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުގައި އެ ކަމަށް ވޯޓަށް އަހައި ފާސްވެއްޖެ ނަމަ އެވެ.

ކޮމެންޓް (3)

ކޫލޯ

21 ޑިސެމްބަރު 2023
!! FAILED PARLIMENT
0 0

ފެންކޯރު

21 ޑިސެމްބަރު 2023
ބަނޑަށް ބަލާލީމަ އިނގޭ ކާންވެސް ނުލިބޭކަން...
2 0

އަސްސަރި

21 ޑިސެމްބަރު 2023
ރައްޔިތުންނަށްޓަކާ ތި ކުރާ ހުރިހާ ހޭދައެއް އޮޑިޓު ކޮށްފަ ރިޕޯޓު ޕަބްލިޝް ކުރަން ފެނޭ. އެހެންނޫނީ ކިހިނެއް ގަބޫލު ކުރާނީ ތިކަހަލަ ސޭކު ވާހަކަތައް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް