2024 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި މުގައްރިރު ނާޝިޒު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބަޖެޓް 2024

އިސްލާހުތަކާ އެކު ބަޖެޓް ބޮޑުވާނެކަން ޔަގީންވެއްޖެ؛ މިރޭ ކޮމިޓީން ނިންމަނީ

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް
7 ޑިސެމްބަރު 2023

ކޮމިޓީ މަރުހަލާގައި ބަޖެޓަށް ގެންނަ އިސްލާހުތަކުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓް 49.5 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން އެކަށީގެންވާ ކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު ކިބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓާ ހުރެ ބަޖެޓު ހުށަހެޅުން ލަސްވުމަށް ފަހު ބަޖެޓް ހުށަހަޅައި ބަޖެޓް ކޮމިޓީގެ މަސައްކަތްތައް ފަށައިގަތީ މިދިޔަ މަހުގެ 17ގަ އެވެ.

މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ އެއްކޮށްލައިގެން އެކުލަވާލާފައިވާ ބަޖެޓް ކޮމިޓީގެ ޖަލްސާތައް ބޭއްވުމަށް ފަހު މެދުކަނޑާލީ އާ މިނިސްޓްރީތަކާއި ބައެއް ކަންކަމަށް ބަޖެޓްކޮށްފައިވާ ފައިސާގެ އަދަދަށް ފިނޭންސް މިނިސްޓްރީ ބަދަލުތައް ގެންނަން ބޭނުންވުމުން އެ އިސްލާހުތަކަށް ފުރުސަތު ދިނުމަށެވެ.

  • ހަފްތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު ބަޖެޓް ކޮމިޓީ ބާއްވަން ތާވަލްކުރި

  • ނަމަވެސް،، އެ ކޮމިޓީ ބައްދަލުވުން ކެންސަލްކޮށް މިހާރު ވަނީ މިރެއަށް ކޮމިޓީ ބައްދަލުވުން ތާވަލްކޮށްފައި

ބުނީ ކީކޭ؟ - ބަޖެޓް ކޮމިޓީގެ މުގައްރިރު ނާޝިޒު މިއަދު 'ދައުރު'އަށް ވިދާޅުވީ ބަޖެޓް ކޮމިޓީގެ ޖަލްސާތައް މިދިޔަ ދުވަސްތަކުގައި ނުބޭއްވުނީ ބަޖެޓުގެ ބައެއް ކަންކަން އިސްލާހުކުރަން ފިނޭންސް މިނިސްޓްރީއަށް ދިން ފުރުސަތުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީއަށް ގެނައި ބަދަލުތަކާ މެދު މެންބަރުންގެ ޝަކުވާ ހުރުމުން އަލުން އިސްލާހުކުރަން ފިނޭންސަށް ފޮނުވުުމުން ކަމަށެވެ.

މީގެ އިތުރަށް، އާ މިނިސްޓްރީތަކަށް އެކަށައަޅާ ފައިސާ އާއި ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓް އިތުރުކުރަން އެދިފައި ވާތީ އެ އިސްލާހުތަކުގެ ސަބަބުން ފިނޭންސް މިނިސްޓްރީން ފޮނުވަން ޖެހޭ ތަފްސީލީ އިސްލާހުތައް ކޮމިޓީއަށް ލިބެން ވަގުތު ނަގަނީ ކަމަށް ނާޝިޒު ވިދާޅުވި އެވެ.

ބަޖެޓް ކޮމިޓީގައި މެންބަރުން ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރައްވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ނަމަވެސް، މިއަދު އިރުއޮއްސުމުގެ ކުރިން ކޮމިޓީއަށް ބަޖެޓް ފާސްކުރަން ބޭނުންވާ ހުރިހާ މައުލޫމާތު ފޮނުއްވާނޭކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން މިހާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިނޭންސުން މިއަދު ހަވީރު 6 ޖަހާއިރަށް ހުރިހާ މައުލޫމާތާއި އިސްލާހުތައް ފޮނުއްވާނެކަމަށް ބުނެފައި އޮތީ. ބަޖެޓްގެ ޖުމްލަ އަދަދަށް ވެސް ބަދަލުތަކެއް އަންނާނެތީ އެ ފައިނަލް އަދަދު ވެސް އެބޭފުޅުން ފޮނުއްވަން ޖެހޭ. އެއިރަށް މިރޭ އަޅުގަނޑުމެންނަށް ކޮމިޓީ ބާއްވާ އިސްލާހުތަކަށް ވޯޓަށް އަހައި މުޅި ބަޖެޓް ފާސްކުރެވޭނެ. މިރޭ ނިންމާލެވޭ ކަމަށް މި ލަފާކުރަނީ،" ނާޝިޒު ވިދާޅުވި އެވެ.

ނަމަވެސް، ބަޖެޓުގެ ޖުމްލައަށް އަންނާނޭ ބަދަލު އެނގޭނީ ފިނޭންސުން ހުރިހާ މައުލޫމާތެއް ފޮނުވުމުން ކަމަށް ނާޝިޒު ވިދާޅުވި އެވެ.

"ސީދާ އަދަދެއް އަދި ނޭނގެ. އެކަމަކު މިހާރު މި އަންނަ އިސްލާހުތަކުން ބަޖެޓުގެ ޖުމްލައަަށް ބަދަލު އަންނާނެ،" ނާޝިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރު ބަޖެޓް ލަސްވި އެންމެ ބޮޑު ސަބަބަކީ މީގެ ކުރިން ނޮވެމްބަރު 1ގައި ފަށާ މަސައްކަތް މަހުގެ ފަހުކޮޅާ ފަށަން ޖެހުމުންނެވެ.

"އެހެންނިއްޏާ ވެސް މަސައްކަތް ގެންދާ ގޮތަށް މި ގެންދަނީ. ތަފާތަކީ މިފަހަރު ލަހުން އަޅުގަނޑުމެންނަށް ފެށުން. އެހެންވެ މި ލަސްވެގެން މި ދަނީ ކޮމިޓީގެ މަސައްކަތް ވެސް،" ގިނަ އަހަރުތަކެއް ވަންދެން ބަޖެޓް ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ނާޝިޒު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ކޮމިޓީއިން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާ ބަޖެޓަށް އަދި މެންބަރުން ބަހުސް ކުރަން ފުރުސަތު ދޭންޖެހެ އެވެ. އެހެންވެ، މަޖިލިސް ޗުއްޓީއަށް ނުގޮސް މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޖަލްސާތައް ކުރިއަށް ގެންދަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. 

2024 ވަނަ އަހަރަށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ފޮތް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބަޖެޓް ފާސްކުރަން ވޯޓަށް އަހާނީ އެ ދުވަހު ކަމަށް ބެލެވެ އެވެ.

އެނގުން މުހިންމު - އިސްލާހުތަކާ އެކު ފިނޭންސުން ފުރަތަމަ ފޮނުވި ބަޖެޓަށް ވުރެ ފާސްކުރާ ބަޖެޓް ބޮޑުވާނެކަން މިހާރު ޔަގީންވެފައިވާ އިރު ރައީސް މުހައްމަދު މުއިއްޒު ވަނީ ބަޖެޓް 49 ބިލިއަން ރުފިޔާގައި ހިފަހައްޓަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ބަޖެޓް 2024 ކުރުކޮށް: 

  • ޖުމްލަ ހަރަދު - 49.5 ބިލިއަން ރުފިޔާ 

  • ޖުމްލަ ހިލޭ އެހީ އާއި އާމްދަނީ - 33.5 ބިލިއަން ރުފިޔާ 

  • ބަޖެޓް ޑެފިސިޓް - 13.8 ބިލިއަން ރުފިޔާ 

  • ދަރަންޏަށް ނަގަން ޖެހޭ - 17.2 ބިލިއަން ރުފިޔާ

  • ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް - 6.9 ބިލިއަން ރުފިޔާ

  • ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން - 771 މިލިއަން ރުފިޔާ 

މި ސަރުކާރުން އަލަށް ފަށާ ކ. ފުށިދިއްގަރުފަޅު މަޝްރޫއު ހިމެނޭހެން އާ ސަރުކާރުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް