ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. (ފޮޓޯ/ރައީސް އޮފީސް)
ސަރުކާރުގެ އަމާޒު: ޓޫރިޒަމްގެ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރަން ސަރުކާރުން އަމާޒު ހިފައިފި އެވެ.
ވީ ކިހިނެއް؟ - ފަތުރުވެރިކަމުގެ އާމްދަނީއަށް ސަރުކާރުން ކަނޑައަޅާ އާމްދަނީގެ އަމާޒު އިއުލާންކުރެއްވީ، ކެބިނެޓުން އިއްޔެ އެކުލަވާލި ވިޒިޓާ އިކޮނޮމީ ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލްގެ ނައިބު މުގައްރިރު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ މުޅިން އަލަށް އެކުލަވާލި ވިޒިޓާ ކައުންސިލުން މަސައްކަތް ކުރާނީ ކުރު، މެދު އަދި ދުރު ރާސްތާގައި ހާސިލުކުރާނެ ލަނޑުދަނޑިތަކެއް ކަނޑައަޅައި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަމަށެވެ.
"ރާއްޖޭގެ ޖީޑީޕީ އަކީ 6 ބިލިއަން ޑޮލަރު، މިހާރު ގާތްގަނޑަކަށް، އެވަރޭޖްކޮށް. އޭގެ ތެރެއިން 4.5 ބިލިއަން ޑޮލަރު މި އަންނަނީ ޓޫރިޒަމުން. ޓޫރިޒަމްގެ ޖީޑީޕީން،" މިނިސްޓަރު ވިދާޅުވި އެވެ.
"މީގައި ވަރަށް ކުރު ރާސްތާގެ ޓާގެޓެއް އެބައޮތް، ރައީސްގެ ވެސް. 6 ބިލިއަން ޑޮލަރަށް ޓޫރިޒަމްގެ ރެވެނިއު ޖެއްސުން. އެއީ މިހާރުގެ ޓޯޓަލް ޖީޑީޕީ ސީލިން ހަމައެކަނި ޓޫރިޒަމް ސެކްޓާއަށް ޓާގެޓުކޮށްފައި ޕުޝްކޮށްލުން. އެހެންވީމަ އެހެން ސެކްޓާތަކާ އެކު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ."
ތަފްސީލު - ސައީދު ވިދާޅުވީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ވިޒިޓާ އިކޮނޮމީ މޮޑެލްގައި ފަތުރުވެރިކަން ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ދުބާއީ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި މިފަދަ މޮޑެލްއެއްގެ ދަށުން މިހާރު ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅުންހުރި ކަމެއް - ރާއްޖޭގެ ފަތުރުވެރިކަމާއި ޖުމްލަކޮށް މުޅި އިގްތިސާދު މިހާރަށް ވުރެ ފުޅާކުރަން މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ މަޑުޖެހި، ތާރީހުތައް ކައްސާލައިގެން ގޮސްފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މަޝްރޫއެވެ.
އެނގުން މުހިންމު - އިންތިގާލީ މަރުހަލާގައި ކޮމެޓީން އާންމުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ނިމިމިދިޔަ ސަރުކާރުން އާ ޓާމިނަލް ނިންމަން ރާވާފައި އޮތީ ޖުލައި 2025 އަށެވެ. ނަމަވެސް، ރައީސް މުހައްމަދު މުއިއްޒުގެ އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެމްބަރަށް އެ މަޝްރޫއު ނިންމުމެވެ.
އެ މަޝްރޫއު އަވަސްކުރުމަށްޓަކައި ޔޫއޭއީއިން 1.2 ބިލިއަން ރުފިޔާ ދޭނެ ކަމުގެ ޔަގީންކަން އާ ސަރުކާރަށް ވަނީ ލިބިފަ އެވެ.
އިތުރަށް ކިޔާލަން -