ގަން އިންޓަނޭޝަނަލް އެއާޕޯޓު. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ގަން އެއާޕޯޓުގެ ފަޅުކަން ފިލުވާނެ ޕްލޭނެއް މުއިއްޒުގެ އެބައޮތް: ޒަމީރު
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޅުކަން ފިލުވައި އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ދިރުން ގެންނާނެ ޕްލޭނެއް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެބައޮތް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އާ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް އިން ގެނެސްދޭ 'ދިވެހީންގެ ރާއްޖެ' ޕްރޮގްރާމުގައި، އެ ސަރުކާރުގެ ޓޫރިޒަމް ސިޔާސަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، އާ ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ޒަމީރު ވިދާޅުވީ އައްޑު އާއި ދެކުނުގެ ޓޫރިޒަމް ކުރިއަށް ގެންދާނެ ތަސައްވަރު އިންތިހާބީ ރައީސް ގެންގުޅުއްވާ ކަމަށެވެ.
ބުނީ ކީކޭ؟ - "80ގެ އަހަރުތައް ފެށިގެން އައިއިރުގައި ވެސް ރާއްޖޭގެ ޓޫރިޒަމްއަށް އަސްލު ބޮޑު ބަދަލެއް މި ގެނެވުނީ މާލެ ކައިރީ ވަރަށް އެކަށީގެންވާ އަދަދަކަށް އެނދު ހުރީމާ. އެހެންވީމާ، ފީޒިބަލްވޭ އެއާކްރާފްޓެއް އައިސް މި ތަނަށް [ވީއައިއޭ]އަށް ޖައްސަން ފަސިންޖަރުން ގޮވައިގެން،" އޭނާ ވިދާޅުވި އެވެ.
ގަމުގައި ބޮޑު އެއާޕޯޓެއް އޮތް ނަމަވެސް، އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ދެކޮޅު ޖެއްސޭ ވަރަށް އެ ސަރަހައްދުގައި އެނދު ނެތް ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ކިތަންމެ ބޮޑު އެއާޕޯޓެއް އަޅާފައި ކިތަންމެ ބައިވަރު ތެލެއް އެތާ ބަހައްޓާފައި ކިތަންމެ އަގުހެޔޮކޮށް ލޭންޑިން ޗާޖަސް ބެހެއްޓި ނަމަވެސް، އެއާކްރާފްޓެއް ނާންނާނެ އެ މީހުން ކެރީ ކުރާނެ ފަސިންޖަރުން ނެތީމާ،" އޭނާ ވިދާޅުވި އެވެ.
އިންތިހާބީ ރައީސް އައްޑުއަށް ވެވަޑައިގެންނެވި ވައުދަކީ އިތުރު އެނދު އައްޑޫގައި ތަަރައްގީކުރުން ކަމަށް ޒަމީރު ވިދާޅުވި އެވެ.
އައްޑޫގައި މިހާރު ވެސް ރިސޯޓު އެބަހުރިކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ އައްޑޫން ބިން ހިއްކައިގެން އިތުރު 200 ނޫނީ 300 އެނދު ތަރައްގީ ކުރުމަކީ ގަމަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.
"އެކަމަކު، މިހާރު [މުއިއްޒު] އެ ވިދާޅުވާ ގޮތަށް 6،000 އެނދު ގެނެވިއްޖެއްޔާ އޭގެ ފައިދާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ހަބު އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ކަމަށާއި، ހަމަ އެގޮތަށް އައްޑޫގައި ވެސް ސީޕްލޭން ހިދުމަތް ފުޅާކޮށް، ދެކޮޅު ޖެއްސޭ ގޮތަކަށް އެ ތަނަށް ސީޕްލޭން އޮޕަރޭޓް ކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. އެއާ އެކު، އައްޑުއަށް ޖައްސާ މަތިންދާބޯޓުތަކުން ދަތުރުކުރާ ފަސިންޖަރުން ހުވަދޫގެ ރިސޯޓުތަކަށް ވެސް އުފުލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭނުންވަނީ އެކަންތައް އެނގިގެން އެކަން ކުރާނެ މީހެއް. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މިފަހަރު މި ހޮވުނު ރައީސަކީ މަސައްކަތް އެނގިވަޑައިގަންނަވާ، މަސައްކަތް ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅެއް،" ޒަމީރު ވިދާޅުވި އެވެ.
އައްޑޫގެ ފަތުރުވެރިކަން ކުރިނާރާތީ ސިޔާސީ މީހުން އަބަދުވެސް އެ ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް މުއިއްޒު މަސައްކަތް ކުރައްވާނީ އެކަން ހައްލު ކުރަން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި އިންތިހާބީ ރައީސް މުއިއްޒު ވަނީ 'އައްސޭރި ޓޫރިޒަމް'ގެ ނަމުގައި އައްޑޫގެ ޓޫރިޒަމް ފުޅާކޮށް، 6،000 އެނދާ އެކު 10،000 ވަޒީފާ އެ ސަރަހައްދުގައި އުފައްދަން ވައުދުވެވަޑައިގެންފަ އެވެ.
ކޮމެންޓް (1)
ފޮނި ފޮނި