މިރޭ ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ
މުއިއްޒު އައްޑުއަށް: 'އައްސޭރި ޓުއަރިޒަމް'އިން 6،000 އެނދާ އެކު 10،000 ވަޒީފާ
'އައްސޭރި ޓޫރިޒަމް'ގެ ނަމުގައި އައްޑޫގެ ޓޫރިޒަމް ފުޅާކޮށް، 6،000 އެނދާ އެކު 10،000 ވަޒީފާ މި ސަރަހައްދުގައި އުފައްދަން ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ. އެއާ އެކު ދެކުނުގެ ހަތަރު އަތޮޅަށް ފައިދާވާ ގޮތަށް އައްޑޫގައި ސީޕްލޭން ހަބެއް ވެސް ގާއިމްކުރާނެ ކަމަށް ވިދާޅުވި އެވެ.
ވީ ކިހިނެއް؟ - އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތާއީދު ބޮޑު އައްޑުއަށް މިއަދު މުއިއްޒު މި ގޮތަށް ވައުދުވެވަޑައިގެންނެވީ ހިތަދޫ ޕީޕީއެމް ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "ވަޒީފާ ބޭނުންވާ ރައްޔިތުންނަށް ވަޒީފާގެ ޔަގީންކަން ހޯދައިނުދެވޭ ސަރުކާރެއްގެ ބޭނުމެއް ނޯންނާނެ. މި ސިޓީގެ ޓޫރިޒަމް ތަރައްގީނުކޮށް، ގިނަ ވަޒީފާ ދެވޭކަށް [ނުވަތަ] ފުޅާކުރެވޭކަށް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ، އަޅުގަނޑުމެންގެ ޕްލޭނަކީ [އަދި] ރައްޔިތުން ވެސް ބޭނުންވާ ގޮތަކީ، ޓޫރިޒަމް ފުޅާކުުރުން. އައްސޭރި ޓޫރިޒަމްގެ ކޮންސެޕްޓް ހަގީގަތަކަށް ހަދައިދިނުން އިރާދަކުރެއްވިއްޔާ."
ތަފްސީލު - ޖަލްސާގައި އައްޑޫގެ 'އައްސާރި ޓޫރިޒަމް' ކޮންސެޕްޓް އިތުރަށް ތަފްސީލުކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ އެއީ ސަރުކާރުން އައްޑޫގެ ޓޫރިޒަމަށް އިންވެސްޓުކޮށްގެން އައްޑޫގެ ޓޫރިޒަމް ފުޅާކުރުމުގެ ކޮންސެޕްޓެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހަދަން ސީދާ ސަރުކާރުގެ ބައިވެރިވުން އޮންނަ 'ފީސަބަލް ކޮންސެޕްޓެއް' ކަމަށް ވެސް ވިދާޅުވި އެވެ.
"އައްސޭރި ޓޫރިޒަމް ކުރިއަށް ގެންގޮސް، އިރާދަކުރެއްވިއްޔާ 6،000 އެނދު މި ސީޓީގައި ގާއިމްކޮށް، އެ މަޝްރޫއު ތިޔަ ރައްޔިތުންނަށްޓަކައި ކާމިޔާބު ކުރާނަން،" މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވި އެވެ.
"އޭގެން އުފެދިގެން ދާނީ، ގާތްގަނޑަކަށް 10 ވަރަކަށް ހާސް ވަޒީފާ."
އައްޑޫގައި ސީޕްލޭން ހަބެއް؛ ދެކުުނުގެ ހަތަރު އަތޮޅަށް ފައިދާ ވާނެ
މުއިއްޒު ވިދާޅުވީ އައްސޭރި ޓޫރިޒަމުން އައްޑޫގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމާ އެކު ސީޕްލޭން ހަބެއް ވެސް ގާއިމްވެގެން ދާނެ ކަމަށެވެ.
"ސީޕްލޭން ހަބެއް މިތަނަށް ގެނައުމުން އޭގެ ފައިދާ ވާނީ، ހަމައެކަނި މި އަތޮޅަކަށް ނޫން. ފުވައްމުލަކާއި ގއ. އަދި ގދ އަތޮޅުގެ ރިސޯޓުތަކަށް، މި ހިސާބުތަކަށް އޭގެ ފައިދާ ކުރާނެ،" މުއިއްޒު ވިދާާލުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫގައި ސީޕްލޭން ހަބެއް ގާއިމްކުރުން ހިމެނޭހެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް އައްޑޫގައި ފެށި ކަމަށެވެ.
"އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު، ގިނަ ކަންތައްތަކެއް ފެށި، ކުރިއަށް ދަމުން ދިޔައީ. އެހެން ނަމަވެސް މިއަދު މި ފެންނަނީ، މި ރާއްޖޭގެ ތަރައްގީ އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެން ގޮސްފައިވާތަން. އަނެއްކާ މި ޖެހެނީ، ނަގާ ކޮޅަށް ޖަހަން،" މި ސަރުކާރުން ހިންގާ މަޝްރޫތަކުގެ ދޯހަޅިކަމަށް އިޝާރަތްކުރައްވަމުން އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެއީ ކުރެވޭނެ ކަމެއް. ރައްޔިތުން އަޅުގަނޑުމެންނާ އެކު ތިބި ކަމުގައިވާ ނަމަ، އަނެއްކާވެސް ރާއްޖެއަށް ތަރައްގީގެ ރަން ޒަމާނެއް ގެނެވިދާނެ."
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރުގައި އައްޑޫގެ ރައްޔިތުން ތަރައްގީއަށް ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަ ޖެހޭނެ ކަމަށެވެ. އެކަމާ ޝައްކު ނުކުރަން އެދިވަޑައިގެންނެވި އެވެ.
"މި އައްޑޫ ސިޓީގެ ރައްޔިތުންގެ އުންމީދުތައް ވަރަށް ވެސް ފޮނި އަދި ފޮނި ވާން ވެސް ޖެހޭނެ. މި އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްގީއަށްޓަކައި ފެންބޮވައިގެންފައި ތިބި އަދި ތަރައްގީ ބޭނުންވާ، ތަރައްގީ ހައްގުވާ ރައްޔިތުންތަކެއް. އަޅުގަނޑުމެން މަސައްކަތް ކުރާނީ، މިކަން ހާސިލުކޮށްދިނުމަށް،" މުއިއްޒު ވިދާޅުވި އެވެ.