ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޖެޓީއެއްގެ މަތީގައި ފަތުރުވެރިއަކު އިށީނދެލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރާއްޖޭގެ އިގްތިސާދު %6.5ގައި ކުރިއެރިޔަސް ގޮންޖެހުންތައް ބޮޑު: ވޯލްޑް ބޭންކު

ދުނިޔޭގެ އިގްތިސޯދު ވަރަށް ބޮޑަށް މަޑުޖެހިފައި ވަނިކޮށް، ބޮޑު އިންޓްރެސްޓުގައި ލޯނު ނެގުން މަދުނުކޮށްފި ނަމަ، ކުރު މުސްތަގުބަލުގައި މާލީ ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ވަނީ ލަފާކޮށްފައި

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ އިގްތިސާދު މި އަހަރު %6.5ގައި ކުރިއަރާނެ ކަމަށާއި، ނަމަވެސް ރާއްޖެއަށް ހުރި އިގްތިސާދީ ގޮންޖެހުންތައް ބޮޑު ކަމަށް ވޯލްޑް ބޭންކުން މިއަދު ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އިގްތިސާދީ ރިޕޯޓުގެ މި އަހަރުގެ ދެ ވަނަ އަދަދު މިއަދު ވަނީ އާންމުކޮށްފަ އެވެ. 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް' ރިޕޯޓުގެ މި ފަހަރުގެ އަދަދުގައި ފާހަގަކޮށްފައިވާ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ އިގްތިސޯދު އެވްރެޖުކޮށް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވެނީ %5.4ގަ އެވެ.

ތަފްސީލް - އިގްތިސޯދު ކުރިއަރާނެ ލަފާކުރެވުނު ނަމަވެސް، ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ހާއްސަކޮށް، ދުނިޔޭގެ އިގްތިސޯދު ވަރަށް ބޮޑަށް މަޑުޖެހިފައިވަނިކޮށް، ބޮޑު އިންޓްރެސްޓުގައި ލޯނު ނެގުން މަދުނުކޮށްފި ނަމަ، ކުރު މުސްތަގުބަލުގައި މާލީ ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ލަފާކޮށްފަ އެވެ.

މާރުކޭޓު ސަރަހައްދުގައި ގުދަނަކަށް މުދާ އަރުވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ރާއްޖޭގެ އިގްތިސޯދަށް ހުރި ގޮންޖެހުންތަކުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ:

 • ދުނިޔޭގެ އިގްތިސޯދަށް އައިސްފައިވާ މަޑުޖެހުމާ އެކު، ތަކެތީގެ އަގު އުފުލޭތީ އެކަމުގެ އަސަރު ރާއްޖޭގެ އިގްތިސޯދަށް ދަނީ ވަރަށް ބޮޑަށް ކުރަމުން

 • ބަޖެޓް ދަރަނި ފޫބެއްދުމަށް ފައިސާ ޗާޕުކުރުން ކުރިއަށް ގެންދިއުން 

 • ކޮންމެހެން ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި އެންމެންނަށް އެ ހަރަދުކުރުމުން، ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުން؛ އާމްދަނީ އިތުރަށް ހޯދުމަށް ޖީއެސްޓީ މަތި ކުރި ނަމަވެސް، ސަބްސިޑީދޭ އުސޫލަށް ބަދަލު ނުގެނައުމަކީ މާލީ ގޮތުން އިގްތިސޯދަށް އޮތް ގޮންޖެހުމެއް

 • މަޝްރޫއުތައް ހިމެނޭ ގޮތަށް ކެޕިޓަލް ހަރަދުތައް އިތުރުވުން

 • ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ ޖީޑީޕީގެ ނިސްބަތުން %115ގައި

އެމްއެމްއޭ އިމާރާތް. (ފޮޓޯ/އެމްއެމްއޭ)

މާލީ ހާލަތު އިތުރަށް ގޯސް ނުވާނެކަން ކަށަވަރުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ދައުލަތުން ކުރާ ހޭދަތައް ހަރުދަނާ ކުރަން ޖެހޭކަން ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، ކުރެވިދާނެ ކަންތައްތައް ކަމަށް ފާހަގަކޮށްފައިވަނީ:

 • އާސަންދަ ސްކީމަށް ބަދަލު ގެނައުން

 • ސަރުކާރުގެ ކުންފުނިތަކަށް ސަބްސިޑީ ދޭ އުސޫލަށް ބަދަލުތައް ގެނައުން

 • ހަރުދަނާ ޕަބްލިކް އިންވެސްޓުމެންޓު މެނޭޖުމެންޓު ނިޒާމެއް ގާއިމް ކުރުން

 • ޓެކްސް ފެއާނެސް ނުވަތަ އެއް ހަމައަކުން ޓެކްސް ނެގުމަށް، އުސޫލަށް ބަދަލު ގެނައުން

 • ޓެކްސްގެ އަދަދާއި މިންވަރަށް ބަދަލު ގެނައުން

 • އިގްތިސޯދުގައި ނުރަސްމީ ހަރަކާތްތައް މަދުކުރުން

ދައުލަތުގެ ޓެކްސް އިދާރާ މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރާއްޖޭގެ އިންސްފްރާސްޓްރަކްޗާ ނިޒާމު ހަރުދަނާ ނަމަވެސް، ސަރުކާރުން އެ ހިދުމަތްތައް ފޯރުކޮށްދޭން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ބޮޑުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަން ކަމަށް ކުރަން ޖެހޭ ހަރަދުތައް އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮޑުކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި އޮތް ފަރަގު ކުޑަވި ނަމަވެސް، ހިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުންތައް އަދިވެސް އެބަހުރި. ހާއްސަކޮށް ފެނާއި ނަރުދަމާގެ ހިދުމަތް އަދި އިންޓަނެޓުގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތަކުގައި ފަރަގު އެބަހުރި. މިކަންކަން ހައްލު ކުރުމަށް އިތުރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ،" އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ބުނީ ކީކޭ؟ - ވޯލްޑް ބޭންކުން ރާއްޖެ، ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒަރުވޯސް ވިދާޅުވި ކަމަށް، އެ ރިޕޯޓާ އެކު ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭގެ އިގްތިސޯދު ޓޫރިޒަމަށް ބަރޯސާވި ނަމަވެސް، ތިމާވެއްޓާ ރަށްޓެހި ޓޫރިޒަމް އަދި މަސްވެރިކަން ފަދަ ސިނާއަތްތައް ތަރައްގީކޮށް، ކުރިއެރުވިއްޖެ ނަމަ، އޭގެ ފައިދާ އިގްތިސޯދަށް ކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް