ބާޒާރުމަތީގައި ވިއްކަން ހުރި ބައެއް ތަކެތި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ރޯދައަށް ބާޒާރު ތިޔާގި ވިޔަސް ބައެއް ތަކެތީގެ އަގު ބޮޑު
މި އަހަރުގެ ރޯދަމަސް މާދަމާ ފަށާއިރު، މާރުކޭޓު ސަރަހައްދު މިފަހަރު ފެންނަނީ ވަރަށް ތިޔާގިކޮށެވެ. މިދިޔަ އަހަރު ރޯދަމަސް އައިއިރު، ދިވެހިން އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ގިނަ ބާވަތްތައް ފެނުނީ ވަރަށް މަދުކޮށެވެ. އެއާ ހިލާފަށް މިފަހަރު ބާޒާރު ތިޔާގިކޮށް އޮތް ނަމަވެސް، ތަކެތީގެ އަގުތައް އަޅާބަލާއިރު މިފަހަރު ހުރީ ބޮޑުވެފަ އެވެ.
މައިގަނޑު ގޮތެއްގައި މޭވާ އާއި ތަރުކާރީގެ އަގުތައް މީގެ ދުވަސްކޮޅެއް ކުރިއާ އަޅާބަލާއިރު ވަނީ ބޮޑުވެފަ އެވެ.
މާރުކޭޓުގައި ބައެއް ތަކެތީގެ އަގު
މިދިޔަ އަހަރުގެ ރޯދަމަސް ފެށި ދުވަސްވަރާއި މިހާރު ބާޒާރުގައި ބައެއް ތަކެތީގެ އަގުތައް ހުރި ގޮތް އަޅާބަލާއިރު:
-
ކިއުކަމްބާ - ކިލޯއެއް 50-60ރ.އަށް (މިދިޔަ އަހަރު ހުރީ ކިލޯއެއް 30-40ރ.އަށް)
-
ލެޓިއުސް - 100ރ.އަށް ކިލޯއެއް (މިދިޔަ އަހަރު ހުރީ ކިލޯއެއް 60ރ.އަށް)
-
ކޮޕީ ފަތް - 10ރ.އަށް ބޮނޑިއެއް؛ މިދިޔަ އަހަރު ވެސް ހުރީ ހަމަ މި އަގުގައި
-
ފަޅޯ - 60ރ.އަށް ކިލޯއެއް (މިދިޔަ އަހަރު ހުރީ ކިލޯއެއް 30-50ރ.އަށް)
-
އޮރެންޖު - ވަކިން 4ރ.އަށް އަދި ކިލޯއެއް 45ރ.އަށް (މިދިޔަ އަހަރު ވެސް ހަމަ މި އަގުގައި)
ކަރާ ވެސް އަގު ބޮޑު
މީގެ ދުވަސްކޮޅެއް ކުރިން ކަރާ ކިލޯއެއްގެ އަގު ހުރީ 12-15ރ.އާ ދެމެދުގަ އެވެ. ނަމަވެސް، މިއަދު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ، އެންމެ ދަށްކޮށް ވެސް 25ރ. އަށެވެ.
މިދިޔަ އަހަރު ރޯދަމަސް ފެށިއިރު ކަރާގެ އަގު ހުރީ ކިލޯއެއް 20ރ. އަށެވެ. އަދި ފަހުން 25.ރއަށް ވެސް އަގު އަރައިގެންދިޔަ އެވެ. މިއަދު ބާޒާރުގައި އެންމެ އަގުހެޔޮކޮށް ލިބެން ހުރީ އިންޑިއާ ކަރާ އެވެ. އެގޮތުން:
-
އިންޑިއާ ކަރާ - ކިލޯއެއް 25ރ.އަށް
-
ތޮއްޑޫ އަދި އެ ނޫނަސް ދިވެހި ކަރާ - ކިލޯއެއް 28-30ރ.އަށް
މިރުސް، ލުނބޯ އަދި މަހުގެ އަގުހެޔޮ
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރޯދަމަހާ ދިމާކޮށް ބާޒާރުގައި މިރުހުގެ އަގު ވަނީ ދަށްވެފަ އެވެ. މިރުހުގެ އެކި ބާވަތްތައް ބާޒާރުގައި ލިބެން ހުރިއިރު، މިރުސް ކިލޯއެއްގެ އަގު ހުރީ ގާތްގަނޑަކަށް 300ރ.ގަ އެވެ. މިދިޔަ އަހަރު ރޯދަމަސް ފެށިއިރު މިރުސް ކިލޯއެއްގެ އަގު ހުރީ 600ރ.އިން މަތީގަ އެވެ.
ދިވެހިންގެ މެދުގައި މަގުބޫލު ކަނޑޫދޫ މިރުހުގެ 100 ގުރާމް ބާޒާރުން ލިބެން ހުރީ 30ރ. އަށެވެ. އަދި ލ. ގަމު މިރުހުގެ 100 ގުރާމް 35ރ.އަށް ހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މިރުސް، 100 ގުރާމު 25ރ.އަށް ވެސް އެބަ ވިއްކަ އެވެ.
ލުނބޯގެ އަގު އާންމު ދުވަސްވަރާ އަޅާބަލާއިރު، ބާޒާރުގައި މިހާރު ލިބެން ހުރީ ބޮޑުކޮށް ނަމަވެސް، މިދިޔަ އަހަރުގެ ރޯދަމަސް ފެށި ދުވަސްވަރާ އަޅާބަލާއިރު އަގުހެޔޮކޮށެވެ. އެގޮތުން، ލުނބޯ ކިލޯއެއްގެ އަގު ބާޒާރުގައި މިހާރު ހުރީ 70-100ރ.އާ ދެމެދުގަ އެވެ. މިދިޔަ އަހަރު ރޯދަމަހާ ދިމާކޮށް ގެންނަން އުޅުނު ލުނބޯ ޝިޕްމަންޓްތައް ލަސްވުމުގެ ސަބަބުން އޭރު ލުނބޯ ކިލޯއެއްގެ އަގު ހުރީ 110ރ.އިން މަތީގަ އެވެ.
މި އަހަރުގެ ރޯދަމަހު ބާޒާރުގައި ލުނބޯގެ އަގު ހިފަހައްޓަން އެސްޓީއޯއިން ވަނީ އިންޑިއާއިން ލުނބޯ ޝިޕްމަންޓެއް އެތެރެކޮށްފަ އެވެ. އަދި އެސްޓީއޯގެ ފިހާރަތަކުން ލުނބޯ ކިލޯއެއް ވިއްކާ އަގަކީ 60ރ. އެވެ.
މަހުގެ ބާވަތްތަކުގެ އަގު މިއަދު ބާޒާރުގައި ހުރި ގޮތް:
-
ކަންނެލި - ކިލޯއެއް 40ރ.އަށް
-
ގޮދާ - ކިލޯއެއް 40ރ.އަށް
-
ކަނޑުމަސް - ކިލޯއެއް 30-35ރ.އަށް
ފަރުމަސް ކިލޯއެއްގެ އަގު 80-100ރ.އާ ދެމެދުގައި ހުރިއިރު، މުށިމަހާއި ރިއްމަހުގެ އަގު ހުރީ، މަހެއް 5ރ. އަށެވެ. އަދި ރެހި ކިލޯއެއްގެ އަގުހުރީ 10-15ރ. އަށެވެ.