ޑަޗްޑޮކްލޭންޑްސް އިން ތަރައްގީކުރާ ފްލޯޓިން ސިޓީ އޮންނާނެ ގޮތުގެ ތަސައްވަރު ދައްކައިދޭ ކުރެހުމެއް.

ފްލޯޓިން ސިޓީ

ފްލޯޓިން ސިޓީ ހަގީގަތަކަށް ނުވެ، ފަޅުތައް ވިއްކަނީ

ފްލޯޓިން ސިޓީ ހަދާ ޑަޗް ޑޮކްލެންޑްސް ކުންފުންޏަށް ފަސް ފަޅު ދޫކުރި އިރު، އެ ތަނުން ދެ ފަޅު މިހާތަނަށް ވިއްކާލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ

ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހެދުމުގެ މަސައްކަތް ކުރާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް ދިން ފަޅުތަކުގެ ތެރެއިން އެއްވެސް ފަޅެއްގައި މަސައްކަތް ކުރިއަށް ނުގެންދާ ކަމަށާއި، ނަމަވެސް ބައެއް ފަޅުތައް ވިއްކާލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މައްސަލައިގެ ފެށުން - ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް ދިން ފަޅުތަކުގައި ރަށްތަކެއް ހިއްކުމަށް ފަހު، އެ ތަންތަން ވިއްކައިގެން ދައުލަތަށް އެއްވެސް ވަރަކަށް ފައިސާ ލިބުނުތޯ ރައްޔިތުންގެ މަަޖިލީހުގެ ބައެއް މެމްބަރުން ވަނީ މިދިޔަ މަހުގެ 21ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ސުވާލު އުފައްދަވާފައިވެ އެވެ.

އެ ދުވަހު އެކަން ކަމަށް ޖަވާބުދާރީވާން މަޖިލީހަށް ވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ވެސް އެކަމާ ބެހޭ ގޮތުން ބައެއް މެމްބަރުން ސުވާލު ކުރެއްވި އެވެ.

ބުނީ ކީކޭ؟ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު'ން މައުލޫމާތު ސާފުކުރަން ފޮނުވި ފޯމުގެ ޖަވާބުގައި ޓޫރިޒަމް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުން ޑަޗް ޑޮކްލެންޑްސް މޯލްޑިވްސްއަށް ޖުމްލަ ފަސް ފަޅު 2019ގައި ދޫކޮށްފައިވާ ކަމަށެވެ.

"ޑަޗް ޑޮކްލެންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މި މިނިސްޓްރީއާ ދެމެދު 8 މެއި 2019ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، އެ ފަޅުތައް ވިއްކުމާއި ހިއްކުމުގެ ހުއްދަ ދީފައިވެ އެވެ،" މިނިސްޓްރީގެ ޖަވާބުގައި ވެ އެވެ.

"މި މިނިސްޓްރީގެ ރެކޯޑުތައް ދައްކާ ގޮތުގައި ޑަޗް ޑޮކްލެންޑްސް މޯލްޑިވްސްއަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތައް އަދި ހިއްކާކަށް ނުފަށަ އެވެ."

ތަފްސީލު - ޑަޗް ޑޮކްލެންޑްސްއަށް ދޫކުރި ފަޅުތައް ވިއްކުމާއި ހިއްކުމުގެ ހުއްދަ އެއްބަސްވުމުގެ ދަށުން ލިބިދީފައިި ވާއިރު، މިނިސްޓްރީން ބުނީ އެ ކުންފުންޏަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ދެ ފަޅެއް ވިއްކާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން:

  • އެއް ފަޅު ވިއްކާލީ 100،000 ޑޮލަރު (1.53 މިލިއަން ރުފިޔާ)އަށް

  • އަނެއް ފަޅު ވިއްކާލީ 5،000 ޑޮލަރު (76،750ރ.)އަށް

ނަމަވެސް، ޑަޗް ޑޮކްލެންޑްސްއިން އެ ފަޅުތައް ވިއްކާލީ ކޮން ތާރީހެއްގައި ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.

ފްލޯޓިން ސިޓީ މަޝްރޫއު

ފްލޯޓިން ސިޓީ މަޝްރޫއު ހިންގަން އެންމެ ފުރަތަމަ މަސައްކަތް ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. ނަމަވެސް، ފެބްރުއަރީ 2012ގައި ނަޝީދުގެ ވެރިކަން ބަދަލުވުމުން އެ މަޝްރޫއު އޭރު ހުއްޓުމަކަށް އަ އެވެ.

މި މަޝްރޫއު ކުރިއަށްގެންދަން އަލުން ސޮއިކުރީ އެމްޑީޕީގެ މި ސަރުކާރު އައި ފަހުން، 8 މެއި 2019ގަ އެވެ. ނަމަވެސް، އޭގެ ފަހުން ވެސް އެ މަޝްރޫއުގެ މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަކާއި ނަޝީދުގެ ފެކްޝަނެއް އުފެދުނު ފަހުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިދިޔަ އަހަރު ފޮނުއްވި މެސެޖުތަކެއްގައި މި މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރަށް ތުހުމަތުތަކެއް ކުރެއްވި އެވެ. އެގޮތުން:

  • ނަޝީދު ވިދާޅުވީ އެ މަޝްރޫއަށް ސަރުކާރުން ހުރަސްއަޅަނީ އެއީ އެ މަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓަކަށް ވާތީ ކަމަށް

  • ނަޝީދަށް ރައްދު ދެއްވައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ ގްރޫޕުގައި ވިދާޅުވީ ޑަޗް ޑޮކްލޭންޑްސް އިން މި ފަހުން ހުށަހެޅީ އެ މީހުންގެ އަމިއްލަ ފައިދާ ހިމެނޭ ހުށަހެޅުމެއް ކަމަށާއި އެކަން ކުރުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް އެބަހުރި ކަމަށް

  • އެ ކުންފުނިން ބޭނުން ވަނީ ރިސޯޓުގެ ފަޅުން ވަކި ބައެއްގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ކަމަށް ވާއިރު، ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދުން އެ ބައި އުނިކޮށްދިނުމަށް އެ ކުންފުނިން ހުށަހަޅާފައިވޭ؛ ފައްޔާޒު ވިދާޅުވި ގޮތުގައި، އެކަން ކުރެވެން އޮތީ ގާނޫނު އިސްލާހުކޮށްގެން

  • މި މަޝްރޫއަކީ ސްކޭމެއް ކަމަށާއި ޑަޗް ޑޮކްލޭންޑްސްއަށް ދީފައިވާ ތިން ފަޅެއް އެ ކުންފުނިން މިހާރު ވެސް ވިއްކާލާފައިވާ ކަމަށް ފައްޔާޒު އޭރު ވިދާޅުވި

އޭގެ ފަހުން، 23 ޖޫން 2022ގައި ފްލޯޓިން ސިޓީ މަޝްރޫއުގެ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށް ފަހު އަލުން ސޮއިކުރި އެވެ.

ފްލޯޓިން ސިޓީގެ އެއްބަސްވުމަށް ބަދަލު ގެނެސް އާ އެއްބަސްވުމުގައި ސޮއިކުރުމަށް 23 ޖޫން 2022 ވަނަ ދުވަހުގެ ރޭ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެކަމަށް ބޭއްވި ރަސްމިއްޔާތުގައި މައުސޫމް ވިދާޅުވި ގޮތުގައި، އެއްބަސްވުމަށް ބަދަލު ގެނައުމަށް ނިންމީ ރިސޯޓެއްގެ ބައެއްގައި މީހުން އުޅޭ ތަންތަން އެޅޭނެ މަގުފަހިކޮށް ދިނުމަށެވެ. އެ އެއްބަސްވުމަށް ގެނައީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި "ޑިވެލޮޕްމެންޓަލް" ބަދަލެކެވެ.

ފްލޯޓިން ސިޓީގައި ގެ އަޅަން ރާއްޖޭގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ބައިސަންއާ މިދިޔަ އަހަރުގެ ފެބްރުއަރީގައި ހަވާލުކުރި އެވެ. އޭރު ބުނީ އެ އަހަރުގެ ރޯދައިގެ ފަހަށް އެ ގެތައް ނިންމާނެ ކަމަށެވެ. އަދި މިދިޔަ ޖޫންގައި އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށް ފަހު ބުނީ މިދިޔަ އޮގަސްޓްގައި ފުރަތަމަ ގެތައް ފެންނާނެ ކަމަށެވެ. ނަމަވެސް، އަދި މިހާތަނަށް އައިއިރު، މޮކްއަޕްއަށް ހެދި ގެތަކެއް ފިޔަވައި ފްލޯޓިން ސިޓީގެ އިތުރު މަސައްކަތެއް ނުފެނެ އެވެ.

'ފްލޯޓިން ސިޓީ'ގެ ފުރަތަމަ ގެތައް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ފްލޯޓިން ސިޓީ:

  • 5،000 ހައުސިން ޔުނިޓް

  •  35 ލަގްޒަރީ ވިލާ

  • 1،500-900 އަކަފޫޓުގައި ދެ ބުރިއަށް ހަދާ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް

  • އެޕާޓްމަންޓެއްގެ އަގު - 2-4 މިލިއަން ރުފިޔާ

  • ފްލޯޓިން ސިޓީ ހަދާނީ ނެދަލެންޑްސްގައި ބޭނުންކުރާ ޓެކްނޮލޮޖީގެ އެހީގައި

ކޮމެންޓް (2)

ދެން ކުރެވޭނީ ކީއް؟

9 މާރިޗު 2023
އެމީހުންނަށް ޕްރޮޖެކްޓް ޑެލިވަރ ނުކޮށް ވެސް ފަޅު ވިއްކޭގޮތަށް އެގްރީމެންޓް ހެދީމާ ދެން ކުރެވޭނީ ކީއް؟ މިފަޅުތައް ދިވެހިންގެ އަންނަން އޮތް ޖީލުތަކަށް އަލުން ލިބޭނެތަ؟ ހެންވޭރުގައި އޮންނަ ޓާފް ދަނޑެއްގެ ސަރަހައްދަށް ވެސް ގާނޫނީ ބާރު ނުފޯރާކަމަށް އަޑުއިވެނީ
4 0

މުޖުތާޒު

9 މާރިޗު 2023
ފްލޯޓިންގސިޓީހެދޭނީ އެއީކިހިނެތްހަދާއެއްޗެއްކަން މިސަރުކާރުގަ އުޅޭ މީހަކަށްނޭގޭނެ ކަރުދާހުގަދިވެހިން ލިޔެފަދިނީމައެގިދާނެލިޔެފައޮތީ ފްލޯޓިންގސީޓީކަން އެއައްވުރެބޮޑަކައްނޭގޭނެ ސަރުކާރު ކުންފުނިތަކުގަވެސް ތިބީ އެކަހަަލަރޯނުއެދުރުންތާކައްގެނެރަލް މެނޭޖަރަކު ލައިފިނަމަ ލާނީއެމްޑީޕީ ހަރުގެދޮށްގައުޅޭ ތަނެއްދޮރެއްނޭގޭ އެކްޓިވިސްޓެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް