ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް މީހަކު ހޯދަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ކޮވިޑް ލޯނުގެ ގްރޭސް ޕީރިއަޑް ދަންމާލަން އިތުރު ފުރުސަތެއް ދީފި

ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށް ޖުމްލަ 103 މަސް ނުވަތަ އަށް އަހަރާއި ބައިގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނަގާފައިވާ ފަރާތަކަށް އެބައޮތް

ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް، ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ސަރުކާރުން އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރި 'ކޮވިޑް ރިކަވަރީ ލޯން ސްކީމު'ގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދޭން އެދުމުގެ ފުރުސަތު ސަރުކާރުން މިއަދު އަނެއްކާވެސް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ފިިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ލޯނު ނަގާފައިވާ މީހުންގެ ތެރެއިން ގްރޭސް ޕީރިއަޑް އިތުރުކޮށްދޭން އެދޭ މީހުންނަށް، ޖުމްލަ 19 މަހަށް އެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - އެ މިނިސްޓްރީން ބުނީ:

  • މި ފަހަރު ގްރޭސް ޕީރިއަޑް އިތުރުކޮށްދޭނީ ކުރިން ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް 19 މަހަށް އިތުރުކޮށް ނުދޭ މީހުންނަށް 

  • ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށް ޖުމްލަ 103 މަސް ނުވަތަ އަށް އަހަރާއި ބައިގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނަގާފައިވާ ހުރިހާ ފަރާތަކަށް ވެސް ހުޅުވާލާފައިވޭ

  • ގްރޭސް ޕީރިއަޑް އިިތުރުކޮށް، ލޯނު ރީޝެޑިއުލް ކުރަން އެދޭ ފަރާތްތަކުން ދެ މަހުގެ ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ؛ އީމެއިލް އެޑްރެސް - recoveryscheme@bml.com.mv

"މި މުއްދަތު ހަމަވާ ތާރީހުގައި ބީއެމްއެލްއަށް ފާހަގަވެފައިވާ ނަން-ޕާފޯމިން ލޯނުތަކާ މެދު (90 ދުވަހަށް ވުރެ ގިނަ ދުވަހަށް ޕޭމަންޓް އޯވަޑިއު ވެފައިވާ ފަރާތްތައް) ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު މި މިނިސްޓްރީއަށް އޮތްކަން އާންމުކޮށް އަންގައި އިއުލާނުކުރަމެވެ،" އިއުލާނުގައިވެ އެވެ.

ބުނީ ކީކޭ؟ - ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނީ ރިކަވަރީ ލޯނު ސްކީމަކީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވޯކިން ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާ ގޮތަށް އެ ދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމަކަށް ވާތީ، ލޯނު އަނބުރާ ދެއްކުމުގައި ވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެ މިނިސްޓްރީގެ މަގުސަދެއް ކަމަށެވެ.

ކޮވިޑް ރިކަވަރީ ލޯނު ސްކީމް

  • މި ސްކީމުގެ ދަށުން ރިސޯޓުތަކަށް ލޯނު ދޫކުރީ އެއްވެސް މާލީ އިދާރާއަކަށް ދައްކަން ޖެހި، ނުދައްކާ ހުރި ލޯނެއް ނުވަތަ ފައިނޭންސިން ފެސިލިޓީއެއް ނެތް އަދި 2019 ވަނަ އަހަރުގެ ވިޔަފާރިން ފައިދާ ވެފައިވާ އަދި ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ކޭޝްފްލޯ ޕޮޒިޓިވް ރިސޯޓުތަކަށް

  • ރިސޯޓު ނޫން ވިޔަފާރިތަކަށް ލޯނު ދޫކުރީ އަހަރަކު 10 މިލިއަނަށް ވުރެ އިތުރު އަދަދެއްގެ ވިޔަފާރިކޮށްފައިވާ އަދި އެއްވެސް މާލީ އިދާރާއަކަށް ދައްކަންޖެހި، ނުދައްކާ ހުރި ލޯނު ނުވަތަ ފައިނޭންސިން ފެސިލިޓީއެއް ނެތް އަދި 2019 ވަނަ އަހަރުގެ ވިޔަފާރިން ފައިދާވެފައި ވާނަމަ

  • މި ލޯނު ސްކީމުގެ ދަށުން ދޫކުރި ލޯނު އަނބުރާ ދެއްކުމަށް ފުރަތަމަ ތިން އަހަރު ދިން

  • އިންޓްރެސްޓަކީ އަހަރަކު %6

  • ބީއެމްއެލް މެދުވެެރިކޮށް ރިކަވަރީ ލޯނު ސްކީމުގެ ދަށުން 585.9 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް