މާލޭ ލޯކަލް މާރުކޭޓުގައި މީހަކު ވިޔަފާރިކުރަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ޓެކްސް ބޮޑުކުރުމުން އަގުތަކަށް ކުރާނީ ވަގުތީ އަސަރެއް: އައިއެމްއެފް

ކާބޯތަކެއްޗާއި ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑުވެ، ރިޔާސީ އިންތިހާބާ ގުޅުން ހުރި ހަރަދުތައް އިތުރުވުމުގެ ސަބަބުން އިންފްލޭޝަން %4.9އަށް އަރާނެ ކަމަށް އައިއެމްއެފުން ލަފާކުރޭ
21 ޑިސެމްބަރު 2022
1

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ތަކެތީގެ އަގުތަކަށް ކުރާނީ ވަގުތީ އަސަރެއް ކަމަށާއި ނަމަވެސް ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގައި ވެސް ތަކެތީގެ އަގުތައް މައްޗަށް ދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް ރާއްޖެއަށް ކުރި ދަތުރަށް ފަހު އެ ވަފުދުގެ ރިޕޯޓް އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމުން އެ ބޯޑުން މަޝްވަރާކުރުމަށް ފަހު އެ ފަރާތްތަކުން ދެކޭ ގޮތާ އެކު އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.

ތަފްސީލް - އެ ބަޔާނުގައި އައިއެމްއެފުން ބުނި ގޮތުގައި، ރާއްޖޭގައި ވެސް ތަކެތީގެ އަގުތައް މައްޗަށް ދާ ނިސްބަތް ނުވަތަ އިންފްލޭޝަން މައްޗަށް ދިޔައަސް، އުފުލޭ ނިސްބަތް ހުރީ ހިފެހެއްޓިފަ އެވެ. އޭގެ ސަބަބަކީ އަސާސީ ކާބޯތަކެެއްޗާއި ތެޔޮ ފަދަ ތަކެއްޗަށް ދައުލަތުން ދޭ ސަބްސިޑީކަން ފާހަގަކުރަމުން އައިއެމްއެފުން ބުނީ:

  • މިދިޔަ އަހަރު %0.2ގައި ހުރި އިންފްލޭޝަން މިދިޔަ ޖުލައިގެ ނިޔަލަށް ވަނީ %2.7އަށް އަރާފައި

  • އޭގެ މައިގަނޑު ސަބަބަކީ ކާބޯތަކެއްޗާއި ދަތުރުފަތުރާއި ސިއްހީ ހިދުމަތްތައް އަދި ތެލުގެ އަގު އުފުލުން

އަންނަ އަހަރު %4.9އަށް އިންފްލޭޝަން އަރާނެ ކަމަށް އައިއެމްއެފުން ލަފާކުރެ އެވެ. އޭގެ ސަބަބުތަކެއްގެ ގޮތުގައި އައިއެމްފުން ފާހަގަކުރީ:

  • ކާބޯތަކެއްޗާއި ތެލަށް ކުރަން ޖެހޭ ހަރަދު އަންނަ އަހަރު ވެސް ބޮޑުވުން

  • އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅުން ހުރި ހަރަދުތައް

  • އަންނަ އަހަރު ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ކުރާނެ "ވަގުތީ" އަސަރު

'ފިޔަވަޅު އަޅަން އެމްއެމްއޭ ތައްޔާރުވާން ޖެހޭ'

މާލީ ސިޔާސަތު އަދިވެސް ބޮޑަށް ހަރުކަށިކޮށް، އިންޓަރެސްޓް ރޭޓް މަތިކުރަން މަރުކަޒީ ބޭންކު ތައްޔާރީ ހާލަތެއްގައި އޮތުމަށް އައިއެމްއެފުން ވަނީ ލަފާ ދީފަ އެވެ. އެމްއެމްއޭން އެ ފިޔަވަޅުތައް އަޅަން ޖެހޭނީ، އައިއެމްއެފުން ބުނި ގޮތުގައި:

  • އިންފްލޭޝަންގެ އަސަރު ލަފާކުރުންތަކަށް ވުރެ ވެސް ބޮޑުވުން

  • ކަޅު ބާޒާރުގައި މިހާރު ވެސް ބޮޑު އަގުގައި ގަންނަ ޑޮލަރުގެ އަގު އިތުރަށް އުފުލި، ރަސްމީ ރޭޓާއި ކަޅު ބާޒާރުގެ ރޭޓާ ދެމެދު އޮންނަ ފަރަގު މިހާރަށް ވުރެ ފުޅާވުން

"ބޭރު ފައިސާގެ ނިޒާމާ ގުޅޭ އިސްލާހީ ފިޔަވަޅުތައް އަޅަން ވެސް ޑިރެކްޓަރުން ގޮވާލެއްވި،" ބަޔާނުގައިވެ އެވެ.

އެނގުން މުހިންމު - އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިދިޔަ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި، އިންފްލޭޝަން ބޮޑުވުމަކީ މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. ހާއްސަކޮށް، އަސާސީ ކާބޯތަކެތީގެ އަގުތައް ބޮޑުވުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (1)

މުޙައްމަދު

22 ޑިސެމްބަރު 2022
އައި އެފް ގެ ތިޔަރީތައް ރާއްޖެ އަކަށް ވާރކް އެއް ނުކުރޭ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް