މަޖިލީހުގެ މެމްބަރަކު އަންނަ އަހަރުގެ ބަޖެޓް ފޮތް ބައްލަވާލައްވަނީ. (ފައިލް ފޮޓޯ/ މަޖިލިސް)

އައިއެމްއެފް

އިގްތިސާދު ރަނގަޅަސް، ހަރަދާއި ދަރަނި ކުޑަކުރަން އަވަސް ފިޔަވަޅު އަޅަން ޖެހޭ: އައިއެމްއެފް

ބޭރުން ހޯދަން ޖެހޭ ފައިސާގެ މިންވަރު އިތުރުވުމުގެ ސަބަބުން މިހާރު ވެސް މަދުވެފައިވާ ރިޒާވަށް އޭގެ ބުރަ ބޮޑުވާނެ ކަމަށް ވެސް އައިއެމްއެފުން ބުނޭ
21 ޑިސެމްބަރު 2022

ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވެ، ކުރިއަރާނެ ކަމަށް ލަފާކުރެވުނަސް، ދަރަނި ބޮޑުވުމާއި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެެތީ، ބޮޑެތި މަޝްރޫއުތަކަށް ކުރާއި ހަރަދާއި ދަރަނި ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އިއްޔެ ރާއްޖެއަށް ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް ރާއްޖެއަށް ކުރި ދަތުރަށް ފަހު އެ ވަފުދުގެ ރިޕޯޓް އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމުން އެ ބޯޑުން މަޝްވަރާކުރުމަށް ފަހު އެ ފަރާތްތަކުން ދެކޭ ގޮތާ އެކު އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.

ޑޮލަރު ލިބުމުގެ ދަތިކަން ދެމި އެބައޮތް. އެކަން ހާމަވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު އިތުރުވުމުގެ ސަބަބުން.

އައިއެމްއެފް

ތަފްސީލް - އައިއެމްއެފުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި، ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު އަންނަނީ ވަރަށް ބާރަށް އަނބުރާ އިއާދަވަމުންނެވެ. އޭގެ މައިގަނޑު ސަބަބަކީ، އައިއެމްއެފުން ބުނި ގޮތުގައި، ޓޫރިޒަމް ރަނގަޅުވުމުގެ އިތުރަށް "ކަމާ ބެހޭ ފަރާތްތަކުން އެޅި ހަރުދަނާ ފިޔަވަޅު"ތަކެވެ.

މި ކުރިއެރުން އަންނަ އަހަރު ވެސް ދެމެހެއްޓޭނެ ކަމަށް އައިއެމްއެފުން ލަފާކުރެ އެވެ. އެގޮތުން:

  • މި އަހަރު ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ %10.5ގައި

  • އަންނަ އަހަރުގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ %6.6ގައި

'ދަރަނި ބޮޑު؛ އޭގެ ބުރަ ރިޒާވަށް ކުރާނެ'

އައިއެމްއެފްގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގެ ދަރަނި ބޮޑުވުމެވެ. ކޮވިޑުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން %154އަށް ދަރަނި އެރުމަށް ފަހު ދަރަނީގެ ނިސްބަތް މިހާރު އެއަަށް ވުރެ ކުޑަވެފައި ވިޔަސް، އަދިވެސް ރާއްޖޭގެ ދަރަނި ވަރަށް ބޮޑު ކަމަށާއި މެދު ރާސްތާގައި ވެސް ދަރަނީގެ މިންވަރު ހުންްނާނީ ވަރަށް މަތީގައިކަން އައިއެމްއެފުން ފާހަގަކުރި އެވެ.

"ބޭރުން ހޯދަން ޖެހޭ ފައިސާގެ މިންވަރު އިތުރުވުމުގެ ސަބަބުން މިހާރު ވެސް މަދުވެފައިވާ ރާއްޖޭގެ [ބޭރު ފައިސާގެ] ރިޒާވަށް އޭގެ ބުރަ ބޮޑުވާނެ. އަދި ދަރަނި ދައްކަން ފައިސާ ހޯދުން ނުވަތަ ދަރަނި ފަސްކުރުން ފަދަ ކަންކަމަށް ކުރިމަތިވާ ގޮންޖެހުން ބޮޑުވާނެ،" ބަޔާނުގައިވެ އެވެ.

"ޑޮލަރު ލިބުމުގެ ދަތިކަން ދެމި އެބައޮތް. އެކަން ހާމަވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު އިތުރުވުމުގެ ސަބަބުން."

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މާލީ ފިޔަވަޅުތަކެއް އަޅަން އައިއެމްއެފުން ގޮވާލި. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ދަރަނީގެ އިތުރުން، އައިއެމްއެފުން ފާހަގަކުރި އެހެން ގޮންޖެހުންތަކަކީ:

  • ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިގްތިސާދުތައް ދަށަށް ދިއުން

  • ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ދިއުން

  • ދުނިޔޭގެ މާލީ ބާޒާރުން ފައިސާ ލިބުން ދަތިވުން އަދި އަގުބޮޑުވުން

ހަރުދަނާ ސިޔާސަތުތަކެއް އަވަހަށް ތަންފީޒުކުރަން ޖެހޭ

ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދިއުމާ ވެސް އެކު، އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ވަނީ މުހިންމު މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ރާއްޖެއަށް ގޮވާލާފަ އެވެ. އެގޮތުން، އައިއެމްއެފްގެ ބޯޑުން ފާހަގަކުރި އެންމެ މުހިންމު ފިޔަވަޅުތަކަކީ:

  • ދައުލަތުގެ ހަރަދު، ހާއްސަކޮށް ކޮންމެހެން ބޭނުން ނޫން ބޮޑެތި މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދު ކުޑަކުރުން ނުވަތަ ފަސްކުރުން

  • ރާއްޖޭގެ އެތެރޭގެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުން

  • ދަރަނި މެނޭޖުކުރުން ހަރުދަނާކޮށް، ވަރަށް ވިސްނުންތެރިކަމާ އެކު އެކަން ކުރުން

  • އާންމުކޮށް އެންމެންނަށް ސަބްސިޑީ ދިނުން ހުއްޓާލައި ހައްގުވާ ފަރާތްތަކަށް އެކަނި އެ އެހީތެރިކަން ފޯރުކޮށްދިނުން

"ޓެކުހާއި ސަބްސިޑީ އިސްލާހުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަޅަމުން އަންނަ މުހިންމު ފިޔަވަޅުތަކަށް ޑިރެކްޓަރުން މަރުހަބާ ވިދާޅުވެ، އެ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަށް ގޮވާލެއްވި،" ބަޔާނުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް