މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްއެމްއޭ

ދަރަނި ބޮޑުވާތީ އެމްއެމްއޭ ކަންބޮޑުވޭ؛ އެންމެ ބޮޑު ބިރަކީ އިންފްލޭޝަން

އެމްއެމްއޭގެ ލަފާކުރުމަކީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރިޒާވަށް ވެސް ހީނަރުކަން އަންނާނެ ކަމަށް

މުހިންމު ނުކުތާތައް

އިންފްލޭޝަންގެ ދަތިކަން އަންނަ އަހަރާ ހަމައަށް ދިގުލާނެ ކަމަށް ލަފާކުރޭ

ކުރު މުއްދަތެއްގައި ބޮޑެތި އަދަދުތަކުން ދައްކާ ގޮތަށް ލޯނު ނެގުމާ ދެކޮޅު

ރިޒާވް ހުސްވެ ދަރަނި ނުދެއްކޭނޭ ހާލަތެއް ނެތް

ދަރަނި ދެއްކުމުގައި މިވަގުތަށް ކަންބޮޑުވުމެއް ނެތް ނަމަވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ދަރަނިތަކާ މެދު ކަންބޮޑުވާ ކަމަށާއި މެދު ރާސްތާ އާއި ދިގު މުއްދަތުގައި ދަރަނި އަދާކުރަން ގެންގުޅޭ ސިޔާސަތުތަކާ މެދު ކަންބޮޑުވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު  ހާޒިރުކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ސުވާލު ކުރެއްވީ ރާއްޖޭގެ މާލީ ހާލަތާ މެދު ފިނޭންސް މިނިސްޓަރު ދައްކަވާ ވާހަކަތަކަށް އެމްއެމްއޭއިން އެއްބަސްވޭތޯ އާއި އެކަމުގެ އެއްބަސް ނުވާ ކަމެއް އޮތްތޯ އެވެ.

އެ ސުވާލާ ގުޅިގެން ގަވަރުނަރު ހާޝިމް ވިދާޅުވީ:

  • ފިނޭންސް މިނިސްޓަރާ އެއްބަސްނުވަނީ މެދު ރާސްތާ އާއި ދިގު ރާސްތާގައި ރާވާފައިވާ ސިޔާސަތުތަކާ މެދު

  • ދިގު ރާސްތާއެއްގައި ރާއްޖޭގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެއްކުމަށް ޓަކައި މިހާރަށް ވުރެ ރަނގަޅަށް ކަންކަން ރާވަން ޖެހޭ 

  • އާމްދަނީ އިތުރުވަމުން އަންނަ މިންވަރަށް ވެސް ބަލާ، ގާނޫނަށް ވެސް މިހާރު އެބަ ބަދަލު ގެންނަން ޖެހޭ

"މިހިސާބުން ވެސް އަޅުގަނޑުމެން އެބަ ޖެހޭ ކަންކަން ރާވަން. އެބައިތައް މަދުވާ ވާހަކަ އަޅުގަނޑު ކުރިން ވެސް ސްޓޭޓްމަންޓެއްގައި ހުންނާނެ ފާހަގަކޮށްފައި،" ގަވަރުނަރު ވިދާޅުވި އެވެ.

ތަފްސީލް - ގަވަނަރުގެ ވާހަކަތަކުގެ އިތުރު ތަފްސީލަށް ވަޑައިގަންނަވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ޕޯޓަފޯލިއޯ ބޮޑުވަމުން އަންނަ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ސްރީލަންކާގެ ހާލަތާ ރާއްޖޭގެ ދަރަނީގެ ކަންކަން ގުޅުވެނީ ވެސް އެހެންވެގެންކަން ފާހަގަ ކުރައްވާ އިމާދު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ދަރަނިތަކަކީ ވަރަށް ކުރު މުއްދަތެއްގައި ވަރަށް ބޮޑެތި އަދަދުތަކުން ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

އިމާދު ވިދާޅުވީ 2026 ވަނަ އަހަރު ރާއްޖެއިން ބޮޑު އަދަދެއްގެ ދަރަންޏެއް ދައްކަން ޖެހޭ އިރު އެ ދަރަނިތައް ރީފައިނޭންސް ކުރެވޭނީ ރާއްޖޭގެ އިގްތިސާދުގެ ހާލަތު އެ ހިސާބަށް އަންނަ އިރު ބައްޓަންވެފައި އޮންނަ ގޮތާއި ކްރިޑިޓް ރޭޓިންއަށް ވެސް ބަލާފައި ކަމަށެވެ. އަދި މިވަގުތު ދަރަނި ދެއްކުމުގައި ރާއްޖެއަށް ދައްޗެއް ނެތީ މުސްތަގުބަލުގައި އިގްތިސާދު ރަނގަޅަށް އޮންނާނޭ ކަމަށް މިވަގުތަށް ލަފާކުރެވޭތީ ކަމަށް އިމާދު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެއީ ޔަގީންކަމެއް އޮންނަ ކަމެއް ނޫންކަން އިމާދު ފާހަގަ ކުރެއްވި އެވެ.

އެހެންވެ އިމާދު އެދިވަޑައިގެންނެވީ ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ސިޔާސަތު ނުވަތަ ފިސްކަލް ސިޔާސަތާ މެދު މަޖިލީހުން ފާރަވެރިވުމަށެވެ.

"މި ދެންނެވި މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓެޖީ ތިބޭފުޅުންނާ ހަމައަށް ގެންނައިރުގައި އެ މިނިސްޓާ ހުށަހަޅުއްވާ ފިސްކަލް ސްޓްރެޓެޖީ އޮތީ އެ ހާލަތުގައިތޯ؟ އެކަން ތިބޭފުޅުން ޔަގީންކުރައްވަންވާނެ. އެކަން ޔަގީން ވީމާ އަޅުގަނޑުމެން އެންމެންނަށް ވެސް، ދިވެހި ރައްޔިތުންނަށް ވެސް އަދި ތިބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޔަގީންކަން ރާއްޖޭގެ ޑެޓް މިހިރީ މެނޭޖް ކުރެވޭ ހާލަތެއްގައޭ،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ އިދާރާތަކުން ގުޅިގެން އިގްތިސާދީ ކަންކަމުގައި ފިޔަވަޅު އަޅާ ނަމަ ރަނގަޅު މަގަކަށް ރާއްޖެ ގެންދެވޭނޭ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އިގްތިސާދު ފުޅާކުރަން ފުރުސަތު ބޮޑު

ޑެޕިއުޓީ ގަވަރުނަރު އިމާދު ވިދާޅުވީ ރާއްޖެއަށް މިހާރު އަންނަނީ 1.7 މިލިއަން ޓޫރިސްޓުން ކަމަށެވެ. އެހެން ނަމަވެސް އެ އަދަދު 7 މިލިއަނަށް އިތުރުކޮށްގެން ރާއްޖޭގެ އިގްތިސާދު ފުޅާކުރެވޭނެ ކަމަށް އިމާދު ވިދާޅުވި އެވެ. އޭނާ ގާބޫލު ކުރައްވާ ގޮތުގައި ލޯނު ނަގައިގެން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވާން ޖެހޭނީ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ގާއިމް ކުރެވޭ ކަންތައްތަކަކަށް ކަމަށެވެ. އެގޮތުން ބަނދަރު ހެދުން ފަދަ ކަންކަން ވެސް ކުރަންވީ އިތުރުވާ ޓޫރިޒަމް ނަމްބަރުތަކާ ގުޅުވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ތަރައްގީކުރަން ގެންގުޅޭ ފޯކަސް ބަދަލު ކުރަން ޖެހޭކަން ވެސް އިމާދު ފާހަގަ ކުރެއްވި އެވެ.

"ރަށު ތަރައްގީއަށް ބަޖެޓުން މިކުރާ ހޭދަނުކޮށް ވާންވެސް އެބަ އޮތް. އޭގެ ކުޑަކުޑަ މިސާލަކީ އަޅުގަނޑުމެން އެބަ އަޑުއަހަން އުކުޅަސް ކިޔާ ރަށަކުން ރާއްޖޭގެ ބަޖެޓަށް 55 މިިލިއަން ޓެކްސްގެ ގޮތުގައި ސަރުކާރަށް ވަނީމާ މި އެނގޭ އެއްޗަކީ ގްރޯތް މޮޑެލް ބަދަލުކޮށް ޕްރައިވެޓް ސެކްޓާ އެންހޭންސްކޮށްގެން އަޅުގަނޑުމެންނަށް މިހުރި ގޮންޖެހުންތަކަށް ހައްލު ހޯދޭނޭ،" އިމާދު ވިދާޅުވި އެވެ.

ރިޒާވް ހުސްވެ ދަރަނި ނުދެއްކޭ ހާލަތެއް ނުފެނޭ

ގަވަރުނަރު ހާޝިމްއާ ގިނަ މެންބަރުން ކުރިމަތިކުރި ސުވާލަކީ ރާއްޖޭގެ ރިޒާވް ހުސްވެ ދަރަނި ނުދެއްކޭ ހާލަތަކަށް ގޮސްފާނެ ތޯ އެވެ. އެ ސުވާލުތަކާ ގުޅިގެން ގަވަރުނަރު ވިދާޅުވީ މިވަގުތު ފެންނަން ހުރި ހިސާބުތަކުން ދަރަނި ނުދެއްކޭ ހާލަތެއް ނެތް ކަމަށެވެ. އަދި ރިޒާވް ހުސްވާތަން ވެސް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވް ހުރީ 316 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި މިއަހަރު ނިމޭއިރު 214 މިލިއަން ޑޮލަރަށް ނެޓް ރިޒާވް ވެއްޓޭނޭ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.

"ހިސާބުތައް އެހެރީ އަޅުގަނޑުމެން ނެރެފައި. އޭގެއިން އަޅުގަނޑުމެންނަަކަށް ނުފެނޭ ދަރަނި ނުދެއްކޭ ރިޒާވް ހުސްވާ ހާލަތެއް،" ގަވަރުނަރު ވިދާޅުވި އެވެ.

އިންފްލޭޝަން ބޮޑު ކަންބޮޑުވުމެއް، ރިޒާވް ހީނަރުވާނެ

ޑެޕިއުޓީ ގަވަރުނަރު އިމާދު ވިދާޅުވީ މިއަހަރު ނިމޭއިރު ރިޒާވް ދަށްވާނެ ކަމަށް ބެލެވެނީ އިންފްލޭޝަނާ ހެދި ތަކެތި އިމްޕޯޓް ކުރުމަށް ހިނގާ ހަރަދު ބޮޑުވާތީ ކަމަށެވެ. ހާއްސަ ގޮތެއްގައި ތެޔޮ އަގުބޮޑުވަމުން ދިޔުމުގެ ސަބަބުން އެސްޓީއޯއަށް ތެޔޮ ގަންނަން ކުރަން ޖެހޭ ހަރަދު ބޮޑުވެ އެސްޓީއޯއަށް ބޭރު ފައިސާ ބޭނުންވާ އަދަދު އިތުރުވެ އެކަމުގެ ޕްރެޝަރު ބޮޑުވާނެ ކަމަށް އިމާދު ވިދާޅުވި އެވެ. އެގޮތުން އަހަރު ފެށީ އެސްޓީއޯއަށް ތެޔޮ ގަންނަން 200 މިލިއަން ޑޮލަރު ހާއްސަކޮށްގެން ނަމަވެސް އެ އަދަދު ދެ ގުނަ ބޮޑުވާނެ ކަމަށް އިމާދު ވިދާޅުވި އެވެ.

"ތެލަށް ކުރާ ހަރަދު ދެގުނަ ބޮޑުވެގެން މިދަނީ. ރާއްޖޭގައި މިވާގޮތަކީ ތެޔޮ އެތެރެ ކުރާ ޕްރައިވެޓް މީހުން ވެސް ތެޔޮ އަގުބޮޑުވީމާ ނުގެނޭ. އެހެންވެ އެސްޓީއޯއަށް މި ޖެހެނީ އިގްތިސާދަށް ބޭނުންވާ ހުރިހާ ތެލެއްހެން ގަންނަން. އެ ޕްރެޝަރު ހުންނާނެ،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގައި ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން %3އަށް މައްޗަށް ދާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ. މީގެ ކުރިން ލަފާކޮށްފައި އޮތީ މިއަހަރު ރާއްޖޭގެ އިންފްލޭޝަން %1ގައި ހިފެހެއްޓޭނެ ކަމަށެވެ. އަދި އިންފްލޭޝަން މައްޗަށް ދާ ދިޔުމުގެ ސަބަބުން ސަރުކާރުން ސަބްސިޑީއަށް ކުރާ ހަރަދުތައް ވެސް އިތުރުވާނެކަން ވެސް އިމާދު ފާހަގަ ކުރެއްވި އެވެ.

ގަވަރުނަރު ހާޝިމް ވެސް ވިދާޅުވީ އިންފްލޭޝަން ބޮޑުވުމަކީ މިވަގުތުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. ހާއްސަ ގޮތެއްގައި އަސާސީ ކާބޯތަކެތީގެ އަގުތައް ބޮޑުވުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ގަވަރުނަރު ލަފާކުރައްވަނީ އަންނަ އަހަރާ ހަމައަށް އިންފްލޭޝަންގެ ދަތިތަކާ ކުރިމަތިލާން ޖެހޭނޭ ކަމަށެވެ.

ބޭރު ފައިސާ މާރު ކުރާ އަގަށް ބަދަލު ނުގެންނާނެ 

ބޭރު ފައިސާ މާރުކުރާ ރޭޓް ނުވަތަ އެކްސްޗޭންޖް ރޭޓަށް ބަދަލު ނުގެންނާނެ ކަމުގެ ޔަގީންކަން ވެސް އެމްއެމްއޭއިން މިއަދު ދިނެވެ.

ޑެޕިއުޓީ ގަވަރުނަރު އިމާދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ފިކްސްޑް އެކްސްޗޭންޖް ރޭޓަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތްކަމަށް ގިނަ އިގްތިސާދީ ބޭފުޅުން ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިހާރު އޮތް ރޭޓް ބަދަލުކޮށް ޑިވެލިއު ކުރުމަކީ އެމްއެމްއޭގެ ވިސްނުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އިމާދު ވިދާޅުވި ގޮތުގައި މީގެ ކުރިން އެކަން ކުރުމުން ވެސް ނުރަސްމީ މޭކެޓްގައި ޑޮލަރު ވިއްކާ އަގަށް ހައްލެއް ނައިސް ރަސްމީ ރޭޓަށް ވުރެ ބޮޑު ރޭޓެއް އުފެދުނެވެ. އެހެން ވީމާ އެފަދަ ކަމެއް ކޔރަން ޖެހޭ ހާލަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް