އިޝްތިހާރު

'އާބަން އައިލް' ޕްރޮޖެކްޓް ތަރައްގީ ކުރަން ރާވާފައިވާ ގޮތުގެ ކުރެހުމެއް. (އިލަސްޓްރޭޝަން/ އެޗްޑީސީ)

ޓޫރިޒަމް

'އާބަން އައިލް'ގެ ނަމުގައި ހުޅުމާލޭގައި ބޮޑު ޓޫރިޒަމް ޕްރޮޖެކްޓެއް އިއުލާންކޮށްފި

'އާބަން އައިލް' ޕްރޮޖެކްޓް ހިންގުމަށް ބިން ހާއްސަކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުކޮޅުގައި، ކުރީގެ ފުލްމޫން ރިސޯޓާ ވީކޮޅުގައި
30 ނޮވެމްބަރު 2022
1

'އާބަން އައިލް'ގެ ނަމުގައި ހުޅުމާލޭ ދެވަނަ ފޭސްގައި ބޮޑު އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގުމަށް އެ ރަށް ބަލަހައްޓައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށް، އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އެ ކުންފުނިން މިއަދު އިއުލާންކުރި ގޮތުގައި، އެކި ފަންތީގެ ޓޫރިޒަމް ތަރައްގީ ކުރަން ހާއްސަކޮށްފައިވާ 'އާބަން އައިލް' ޕްރޮޖެކްޓް ހިންގުމަށް ބިން ހާއްސަކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުކޮޅުގައި، ފުލްމޫން ރިސޯޓާ ވީކޮޅުގަ އެވެ. އެއީ:

 • 103،421 އަކަމީޓަރުގެ ސަރަހައްދެއް

 • ދެވަނަ ފިޔަވަހި ހިއްކުމަށް ފަހު ފުރަތަމަ ހެދި މާސްޓާޕްލޭންގައި ވެސް ޓޫރިޒަމް ޒޯނެއް ހަދަން ކަނޑައަޅާފައިވޭ

'އާބަން އައިލް' ޕްރޮޖެކްޓް ތަރައްގީ ކުރަން ރާވާފައިވާ ގޮތުގެ ކުރެހުމެއް - އިލަސްޓްރޭޝަން/ އެޗްޑީސީ
'އާބަން އައިލް' ޕްރޮޖެކްޓް ތަރައްގީ ކުރަން ރާވާފައިވާ ގޮތުގެ ކުރެހުމެއް - އިލަސްޓްރޭޝަން/ އެޗްޑީސީ

ތަފްސީލް - ހުޅުމާލޭ ތަރައްގީކުރުމުގެ މަޝްރޫއާ މުޅިން ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގަން ނިންމާފައިވާ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރަން ނިންމާފައި ވަނީ:

 • މެދު ފަންތީގެ 10 ބުރީގެ ތިން ހޮޓާ - 19،103 އަކަމީޓަރުގެ ސަރަހައްދެއް

 • މަތީ ފަންތީގެ 10 ބުރީގެ ތިން ހޮޓާ - 50،681 އަކަމީޓަރުގެ ސަރަހައްދެއް

 • 8-10 ބުރީގެ ހަތަރު ސިޓީ ހޮޓާ - 2850 އަކަމީޓަރުގެ ސަރަހައްދެއް

 • ހަ ބުރީގެ 21 ގެސްޓްހައުސް - 9224 އަކަމީޓަރުގެ ސަރަހައްދެއް

 • ތިން ބުރީގެ 11 ލަގްޒަރީ ވިލާ - 5083 އަކަމީޓަރުގެ ސަރަހައްދެއް

 • 8-12 ބުރިއަށް، ސާވިސްޑް އެޕާޓްމަންޓް ހަދަން 10 ބިން - 7006 އަކަމީޓަރުގެ ސަރަހައްދެއް

 • ވިޔަފާރިތައް ތަރައްގީކުރަން ނުވަ ބިން - 9474 އަކަމީޓަރުގެ ސަރަހައްދެއް

ވިޔަފާރިތައް ތަރައްގީކުރަން ދޫކުރާ ބިންތަކުގައި ޝޮޕިން މޯލްތަކާއި ސިނަމާ އާއި އެހެނިހެން މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅޭނޭ ތަންތަން ގާއިމްކުރަން ރާވާފައިވާ ކަމަށް ޕްރޮޖެކްޓަށް ހާއްސަކޮށްފައިވާ ވެބްސައިޓުގައި ހުރި ކުރެހުންތަކުން ދައްކަ އެވެ. އަދި އެ ތަނުގައި އުސް ޓަވަރެއް ވެސް ހެދުމަށް ޕްލޭންގައި ހިމަނާފައިވެ އެވެ.

ކުރެހުންތަކުން ދައްކާ ގޮތުގައި، އާބަން އައިލް ތަރައްގީކުރާ ސަހަރައްދު ދެވަނަ ފިޔަވައްސާ ކެނަލްއަކުން ވަކިކޮށްލަން ވެސް ވަނީ ރާވައިފަ އެވެ. އެތަނާއި ފުރަތަމަ ފިޔައްވައްސާ ގުޅިގެން ދާނޭ ގޮތަށް އެ ސަރަހައްދުގައި މިހާރުވެސް ބުރިޖް ހަދާފައިވެ އެވެ. އެތަނުގައި ކެނަލް ހެދުމުގެ މަސައްކަތް ވެސް މިހާރު ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށްވެ އެވެ.

ބުނީ ކީކޭ؟ - އެޗްޑީސީން ބުނެފައިވާ ގޮތުގައި، އެ ތަނަށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ތިން މޮޑެލްއެއްގެ ދަށުން އިންވެސްޓް ކުރެވޭނެ އެވެ. އެއީ:

 • ދިގު މުއްދަތަކަށް ދޫކުރާ ލީސް މޮޑެލް 

 • ކުރު މުއްދަތަކަށް ދޫކުރާ ފިކްސްޑް ލީސް މޮޑެލް 

 • އެކި ފަރާތްތަކުން ގުޅިގެން ހަދާ ޖޭވީ މޮޑެލް

އެޗްޑީސީން ބުނީ 'އާބަން އައިލް' ޕްރޮޖެކްޓް ހުޅުމާލޭގައި ތަރައްގީކުރަނީ ރާއްޖެ އާއި ރާއްޖޭން ބޭރުން މީހުން އައިސް ޗުއްޓީ ހޭދަކުރެވޭނެ މަންޒިލެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ ހުރިހާ ފަންތިއެއްގެ ޓޫރިސްޓުންނަށް ވެސް ހިތްފަސޭހަ، ގިނަ ހިދުމަތްތަކެއް ލިބޭނޭ ސަރަހައްދަކަށް ވާނޭ ކަމަށް ވެސް ވެބްސައިޓްގައި އެޗްޑީސީން ބުނެފައިވެ އެވެ.

އެ މަޝްރޫއުގެ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އިޝްތިހާރު

ކޮމެންޓް (1)

ބަނަސްބެ

1 ޑިސެމްބަރު 2022
މަ ހީކުރީ ހުޅުމާލެ ބިން ހިއްކީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދޭން ކަމަށް.. އެކަމު އެތާނގައި އެންމެ ގިނައީ ގެސްޓް ހައުސް ތަކާ ހޮޓެލް ތަކާ އަދި ލަގްޒަރީ އެޕާޓްމެންޓްސް ހަދާފަ ހުރި ބިންތައް..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް