ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ޖޭއެމްސީއާ އެކު މިރޭ ސޮއިކުރަނީ. (ދައުރު ފޮޓޯ)

ހަނިމާދޫ އެއާޕޯޓު: އުތުރުގެ އެންމެ ބިޔަ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސަރުކާރުން ސިފަކުރާ ގޮތުގައި މިއީ އުތުރުގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދަށް ބޮޑު އިންގިލާބެއް ގެންނާނެ ވަރުގެ މަޝްރޫއެއް
25 ސެޕްޓެމްބަރު 2022
1

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހިންގަން ނިންމާފައިވާ މަޝްރޫއުގެ އެއްބަސްވުމުގައި، އެ މަޝްރޫއު ހަވާލުކުރާ އިންޑިއާގެ ކުންފުންޏާ އެކު މިރޭ ސޮއިކޮށްފި އެވެ. ސަރުކާރުން ބުނާ ގޮތުގައި، މިއީ ރާއްޖޭގެ އުތުރުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު އެވެ.

ވީ ކިހިނެއް؟ - މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިރޭ މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ

  • އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ ނައިބު ރައީސް ކޭއެސް ރެޑީ

ތަފްސީލް - މި މަޝްރޫއު ހިންގަން ހަމަޖައްސާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުންނެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ އަގަކަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.

ޖޭއެމްސީ އަކީ އިމާރާތްކުރުމުގެ ދާއިރާ އާއި ހަކަތައިގެ ދާއިރާގެ ބޮޑެތި މަޝްރޫއުތައް ހިންގާ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެކެވެ. ޖޭއެމްސީއާ މަޝްރޫއު ހަވާލުކުރީ ކްރެޑިޓް ލައިންގެ އެއްބަސްވުމުގައިވާ ގޮތަށް، އެގްޒިމް ބޭންކުގެ ފަރާތުން އިންޑިއާގައި މިދިޔަ މާޗު މަހު ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ބީލަމަށް ޕްރޮޕޯސަލް ހުށަހެޅި ހަތަރު ކުންފުނި އިވެލުއޭޓް ކުރުމަށް ފަހު އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ނިންމައި 2025ގައި އެއާޕޯޓުން ހިދުމަތް ދޭން ފަށަން ވަނީ ހަމަޖެހިފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ހުށަހެޅި ވީޑިއޯ ޕްރެޒެންޓޭޝަނުން މި މަޝްރޫއާ ގުޅޭ ބައެއް މުހިންމު މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އެ ޕްރެޒެންޓޭޝަންގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި:

  • 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ގާއިމްކުރާނެ

  • އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލެއް ހަދާނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.

އެ ޕްރެޒެންޓޭޝަންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްވި ކުރު މެސެޖުގައި ވިދާޅުވީ، އެ މަޝްރޫއު ނިމުމުން:

  • މުޅި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

  • އުތުރަކީ ރާއްޖޭގެ އިގްތިސާދީ ހަބަކަށް ވާނެ

  • އުތުރުގެ އިގްތިސާދު ކުރިނާރާ އޮތް އޮތުމަށް ނިމުމެއް އަންނާނެ

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ސަރުކާރުން ކުރިން ފާހަގަކުރި ކަންކަމަކީ:

  • އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް އެ އެއާޕޯޓުން ހިދުމަތް ދެވޭނެ

  • މެދުއިރުމަތި، ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓު ކުރުމުގެ ގާބިލުކަން ލިބި، އުތުރުގެ ޓޫރިޒަމަށް ދިރުން ލިބޭނެ

  • ރާއްޖޭން ބޭރުން ސީދާ އުތުރަށް މުދާ އެތެރެކުރަން ފެށޭނެ

  • ރާއްޖޭން މަސް ބޭރުކުރަން އަދި ބޮޑު ކަންނެލި ބޭރު ކުރާ ފަރާތްތަކަށް ފަސޭހަވާނެ

  • ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އާގު ބޯޓްތަކަށް އުތުރުގައި މެރިޓައިމް ހަބެއް ގާއިމްކުރުމަށް ފަސޭހަވާނެ

  • އުތުރުގައި ރިސޯޓު، ސިޓީ ހޮޓާ އަދި ގެސްޓުހައުސް އަޅަން ބޭރު އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ

  • ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުންހުރި އެހެން ދާއިރާތަކުން ވިޔަފާރި އާއި އާމްދަނީގެ ފުރުސަތުތައް ތަނަވަސްވާނެ

އެނގުން މުހިންމު - ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށަން ފުރަތަމަ ރާވާފައި އޮތީ މި އަހަރުގެ މެދުތެރޭގަ އެވެ. ނަމަވެސް، ޕްރޮޖެކްޓުގެ އަގު ބޮޑުވެ، ކްރެޑިޓް ލައިން އިތުރު ކުރަން ޖެހުމުން މަޝްރޫއު ބަޔަކާ ހަވާލުނުކުރެވި ލަސްވެގެން ދިޔައީ އެވެ. 

މި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، އެ މަޝްރޫއު ހިމެނޭ ކްރެޑިޓް ލައިނަށް އިތުރު 100 މިލިއަން ޑޮލަރު އިތުރުކޮށްދޭން އިންޑިއާ އިން ވަނީ އެއްބަސްވެ، އެ ކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް (1)

ޙުފުނާ

26 ސެޕްޓެމްބަރު 2022
ދައުރު ނިމެންވާއިރަށް އަވަހަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިންޑިއާއަށް ހުރިހާ މަޝްރޫޢުތައް ބަހާލާފަ މިވެރިން ބަޗާނީ، ދެންއަންނަ ބަޔަކު އުޅެންޖެޙޭނީ މި އިންޑިއާކިބައިން ބަދަލު ހޯދުމާ މި ވެރިން ބޭރުކުރުމުގަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް