ކުރުނބާ މޯލްޑިވްސްގައި މިއަދު ކުރިއަށްދާ ޖީއެމް ފޯރަމްގެ ތެރެއިން. (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒު)

ޖީއެމް ފޯރަމް 2022

ޓޫރިޒަމް ސިނާއަތުގެ 100އަށް ވުރެ ގިނަ އިސްވެރިންނާ އެކު ޖީއެމް ފޯރަމް ފަށައިފި

ޖީއެމް ފޯރަމްގައި ޓޫރިޒަމް ސިނާއަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮޕަރޭޝަންތަކާ ގުޅުން ހުރި މުހިންމު މައުލޫތަކަށް ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދަވާނެ
15 ސެޕްޓެމްބަރު 2022
1

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ 100އަށް ވުރެ ގިނަ ޖެނެރަލް މެނޭޖަރުންނާ އެކު 'ޖެނެރަލް މެނޭޖާސް ފޯރަމް' (ޖީއެމް ފޯރަމް) މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ހޮޓެލިއާ މޯލްޑިވްސް އިން އިންތިޒާމުކުރާ ޖީއެމް ފޯރަމް ކުރިއަށް ދަނީ ކުރުނބާ މޯލްޑިވްސްގަ އެވެ.

ތަފްސީލު - އެ ފޯރަމްގައި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔުނިވާސަލް ރިސޯޓްސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ޗަމްޕާ ހުސައިން އަފީފް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ފޯރަމްގެ ކީނޯޓް ސްޕީކަރަކީ، ބްރޭންޑުތައް އެހެން ހަރުފަތަކަށް ގެންދިއުމަށް ވަކާލާތުކުރައްވާ، ހޮސްޕިޓާލިޓީ ދާއިރާގެ ލީޑް ސްޓްރެޖިސްޓެއް ކަމަށްވާ ޑޭވިޑް ކީން އެވެ. އޭނާ އަކީ ރާއްޖޭގެ ބައެއް ރިސޯޓު ބްރޭންޑުތައް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޑޭވިޑްގެ ވާހަކައިގައި ވިދާޅުވީ ރާއްޖެއަކީ މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ 'ބެންޗްމާކު' ކަމަށެވެ. މި އަހަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރޭއިރު، ޑޭވިޑް ވިދާޅުވީ މި ހާސިލުކުރެވުނީ އާދައިގެ ލަނޑުދަނޑިއެއް ނޫން ކަމަށެވެ.

ޖީއެމް ފޯރަމްގައި ހޮސްޕިޓާލިޓީ ދާއިރާގެ ލީޑް ސްޓްރެޓީޖިސްޓް އަދި ކުއޯގެ ސީއީއޯ ޑޭވިޑް ކީން ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

'50 އަހަރުގެ ފިލާވަޅުތައް ހަނދާނުގައި ބެހެއްޓުން މުހިންމު'

ޑޭވިޑްގެ ވާހަކައަށް ފަހު ޓޫރިޒަމްގެ ބާނީންނާ ސުވާލުކުރުމަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި އަފީފު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައި ދުވަސްވަރު ފެނުނީ ހިތްވަރުގަދަ ދިވެހިންތަކެއް ކުރި ބުރަ މަސައްކަތް ކަމަށެވެ.

ޓޫރިޒަމްގެ އިސް ސަފަށް އާ ޖީލެއް އަންނައިރު، އަފީފް ސުވާލު އުފެއްދެވީ ނުވަތަ އޭނާއަށް ޔަގީން ނުވާ ކަމަކީ އެފަދަ ހިތްވަރުގަދަ ދިވެހިން އަދިވެސް ރާއްޖޭގައި ތިބިތޯ އެވެ. ނުވަތަ ޓޫރިޒަމްގެ އިސް ސަފަށް ދެން އަންނާނީ ވަކި މުއްދަތަކަށް އިންވެސްޓުކޮށްފައި އަނބުރާ ދާ ބޭރު ކުންފުނިތައްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

އުމަރު މަނިކުގެ ވާހަކައިގައި، ޓޫރިޒަމް ސިނާއަތާ އެކު ކުރިއަށްދާ ދިއުމުގައި ފާއިތުވެދިޔަ 50 އަހަރު ދަސްވި ފިލާވަޅުތައް ހަނދާން ނައްތާނުލުމަށް އިލްތިމާސްކުރެއްވި އެވެ.

އުމަރު މަނިކާއި އަފީފު ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ މިހާރު ރާއްޖޭގައި ޓޫރިޒަމް ފުޅާވަމުން އަންނަ ގޮތުން، ރާއްޖެއަަށް ހާއްސަ އަދި މުޅި ދުނިޔެއިން ބަލައިގެންފައިވާ 'ވަން އައިލެންޑް ވަން ރިސޯޓު' ކޮންސެޕްޓް ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތުމެވެ.

"މިހާރު އެބަ ތަރައްގީ ކުރޭ އެއް ރިސޯޓާ 2 މީޓަރު ދުރުގައި އިތުރު ރިސޯޓެއް. [ރަށްތައް] ކައިރިވަމުން ކައިރިވަމުން މި އަންނަނީ،" އަފީފު ވިދާޅުވި އެވެ.

"އެއް ރިސޯޓުގައި ބޮޑުބެރު ޖަހާ އަޑު އެބައިވޭ ޖެހިގެން އޮންނަ ރިސޯޓަށް."

ޖީއެމް ފޯރަމްގައި، ޓޫރިޒަމްގެ ބާނީން ކަމަށްވާ އުމަރު މަނިކު (ވ) އަދި އަފީފު (މ). (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

މި އަހަރުގެ ފޯރަމްގައި ހިމެނޭ މައިގަނޑު ދާއިރާތަކަކީ:

  • ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ސިއްހަތާއި ދުޅަހެޔޮކަމާ ދޭތެރޭ ޓޫރިސްޓުން ދެކޭ ގޮތް ނުވަތަ ޕޯސްޓް ޕެންޑެމިކް ވެލްބީން

  • ޓޫރިޒަމްގެ ދާއިރާގައި ތަމްރީނާއި މީހުން ބިނާކުރުން

  • ހޮޓެލް އިންވެސްޓްމަންޓް އަދި ކޮންޒަވޭޝަން ޓޫރިޒަމް

ކޮމެންޓް (1)

ބާނީން

15 ސެޕްޓެމްބަރު 2022
ސެލްފިޝް ބާނީން ދައްކާނީ ތިޔަކަހަލަ ވާހަކަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް