ސޮނޭވާ އިން ނ. އަތޮޅުގައި ހިންގާ ސޮނޭވާ ޖާނީ ރިސޯޓް. (ފޮޓޯ/ސޮނޭވާ)
ސޮނޭވާ ގްރޫޕުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގައި ކްރިޕްޓޯކަރަންސީން ފައިސާ ބަލައިގަންނަ ގޮތަށް ހަދައިފި އެވެ.
ވީ ކިހިނެއް؟ - ސޮނޭވާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ކުންފުނިން ވަނީ ކްރިޕްޓޯކަރަންސީގެ ހިދުމަތް ދޭ 'ޓްރިޕްލްއޭ' އާއި ކްރިޕްޓޯކަރަންސީން މުއާމަލާތްތައް ކުރެވޭ ޕްލެޓްފޯމް 'ޕޮމެލޯ ޕޭ'އާ ގުޅިފަ އެވެ.
ތަފްސީލް - އެ ދެ ޕްލެޓްފޯމް މެދުވެރިކޮށް:
-
ސޮނޭވާ އިން ރާއްޖޭގައި ހިންގާ ދެ ރިސޯޓް ކަމަށްވާ ބ. ސޮނޭވާ ފުށި އަދި ނ. ސޮނޭވާ ޖާނީން ކްރިޕްޓޯކަރަންސީ ބަލައިގަންނަނާނެ
-
ސޮނޭވާ އިން ތައިލެންޑުގައި ހިންގާ ސޮނޭވާ ކިރި ރިސޯޓުން ވެސް އެ ގޮތަށް އަމަލު ކުރާނެ
-
ސޮނޭވާ އިން ބަލައިގަންނާނީ ބިޓްކޮއިން އަދި އެތީރިއަމް
-
ސޮނޭވާއަށް ކްރިޕްޓޯކަރަންސީން ދައްކާ ފައިސާ ޕްރޮސެސް ކުރާނީ ބައިނަލްއަގުވާމީ މުއާމަލާތްތަކެއްގެ ގޮތުގައި
"ސޮނޭވާ އިން އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ހޮސްޕިޓާލިޓީ ސިނާއަތުގައި އިސް ދައުރެއް އަދާކުރުމަށް. އެހެންކަމުން، ފައިސާ ދައްކާނެ އިތުރު ގޮތެއް ތައާރަފްކޮށް، ކްރިޕްޓޯކަރަންސީ ބަލައިގަތުމަކީ އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ކަސްޓަމަރުންނަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ސޮނޭވާގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ޑެޕިއުޓީ ސީއީއޯ ބްރޫސް ބްރޮމްލީ ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ސޮނޭވާ އަކީ ކްރިޕްޓޯކަރަންސީން ފައިސާ ބަލައިގަންނަން ފެށި ރާއްޖޭގެ ފުރަތަމަ ރިސޯޓެއް ނޫނެވެ. އެގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރިއަކުން ކްރިޕްޓޯކަރަންސީން ފައިސާ ބަލައިގަންނަ ފެށީ، ކ. އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްގައި ހަދާފައިވާ ދެ ރިސޯޓުން މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
އެނގުން މުހިންމު - މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ، ކްރިޕްޓޯކަރަންސީ ރާާއްޖޭގައި ބޭނުން ކުރުން 2018ގައި މަނާކޮށްފަ އެވެ. އަދި ކްރޮސްރޯޑްސްގެ ދެ ރިސޯޓުން ކްރިޕްޓޯކަރަންސީ ބަލައިގަންނަން ފަށާފައި ވާކަން އިއުލާނު ކުރުމުން ވެސް އެމްއެމްއޭ އިން ވަނީ ކުރީގެ ނިންމުން ހަނދާންކޮށްދީފަ އެވެ.
އެމްއެމްއޭގެ އެ ނިންމުމާ ގުޅިގެން ކްރޮސްރޯޑްސް އިން ނިންމި ގޮތެއް ނޭނގެ އެވެ. އަދި ސޮނޭވާ އިން ކްރިޕްޓޯކަރަންސީ ބަލައިގަންނަނީ ބައިނަލްއަގުވާމީ މުއާމަލާތްތަކެއްގެ ގޮތުގައި ކަމަށް ވާތީ، އެ އުސޫލު ސޮނޭވާއަށް ހިނގާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
ކްރިޕްޓޯކަރަންސީ އަކީ ކޮބާ؟
-
މަރުކަޒީ ވަކި އެއް ތަނަކުން ކޮންޓްރޯލް ނުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ނެޓްވޯކެއްގެ ޒަރީއާ އިން ޑިޖިޓަލްކޮށް ބޭނުން ކުރާ ފައިސާގެ ވައްތަރުތަކެއް
-
އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަނީ ބިޓްކޮއިން
-
މިފަހުން އެތީރިއަމް އާއި ޑޮޖްކޮއިން ފަދަ އާ ވައްތަރުތަކުގެ ކްރިޕްޓޯކަރަންސީ ވަނީ ޓެކްނޮލޮޖީގެ ދުނިޔޭގައި މަގުބޫލުކަން ހޯދާފައި
-
ޓެސްލާ، މައިކްރޮސޮފްޓް އަދި އޭޓީއެންޑްޓީ ފަދަ ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ވެސް މިހާރު ވަނީ ކްރިޕޮޓޯކަރަންސީ ބަލައިގަންނަން ފަށާފައި
-
ކްރިޕްޓޯކަރަންސީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ނުހުންނާތީ ބައެއް ބޮޑެތި އިންވެސްޓަރުންނާއި މަރުކަޒީ ބޭންކުތަކުގެ ފާޑުކިއުން އަމާޒުވެފައިވޭ
-
ރާއްޖޭގައި ކްރިޕްޓޯކަރަންސީ ބޭނުންކުރެވޭނެ އެއްވެސް ގޮތެއް ނުވަތަ އުސޫލެއް ވެސް އަދި ނެތް
ކޮމެންޓް (1)
ސަލީމް