ހާޑް ރޮކް ހޮޓެލް މޯލްޑިވްސް. (ފޮޓޯ/ހާޑް ރޮކް)

ކްރޮސްރޯޑްސްގެ ރިސޯޓުތަކުން ކްރިޕްޓޯކަރަންސީ ބަލައިގަންނަނީ؛ ރާއްޖޭގައި އާ ކަމެއް

މާދަމާ އިން ފެށިގެން ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި ސައި ލެގޫން މޯލްޑިވްސްއަށް ކްރިޕްޓޯކަރަންސީން ފައިސާ ދެއްކޭނެ
30 ސެޕްޓެމްބަރު 2021
1

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރިއަކުން ކްރިޕްޓޯކަރަންސީން ފައިސާ ބަލައިގަންނަ ގޮތަށް ހަދައިފި އެވެ. މިގޮތަށް ނިންމީ ކ. އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްގައި ހަދާފައިވާ ދެ ރިސޯޓުންނެވެ.

ވީ ކިހިނެއް؟ - ކްރޮސްރޯޑްސް ހިންގާ ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ، ކްރިޕްޓޯކަރަންސީ ވިޔަފާރީގައި ދުނިޔޭގެ މަޝްހޫރު އެފްޓީއެކްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން، އެސް ހޮޓެލްސް އިން ހިންގާ ރިސޯޓުތަކުގެ ތެރެއިން ކްރިޕްޓޯކަރަންސީ ބަލައިގަންނަ ފުރަތަމަ ދެ ތަނަކީ ރާއްޖޭގައި ހިންގާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި ސައި ލެގޫން މޯލްޑިވްސް އެވެ. އެގޮތުން:

  • 1-

    މި ދެ ރިސޯޓަށް މާދަމާ އިން ފެށިގެން ހަދާ ބުކިންސްތަކަށް ކްރިޕްޓޯކަރަންސީން ފައިސާ ދެއްކޭނެ

  • 2-

    'ޔޫއެސްޑީ ކޮއިން' އަދި 'ޓެތަ ކޮއިން' އިން ފައިސާ ދެއްކޭނެ

  • 3-

    ކުރިއަށް އޮތް ތަނުގައި ކްރިޕްޓޯކަރަންސީގެ އިތުރު ވައްތަރުތައް ވެސް ބަލައިގަންނާނެ

  • 4-

    ކްރިޕްޓޯކަރަންސީން ފައިސާ ބަލައިގަންނާނީ އެ ދެ ރިސޯޓުގެ ރިޒަވޭޝަން ޑިޕާޓްމަންޓަށް ސީދާ އީމެއިލް ފޮނުވައިގެން ހަދާ ބުކިންތަކަށް އެކަނި

ސައި ލެގޫން މޯލްޑިވްސް. (ފޮޓޯ/އެސް ހޮޓެލްސް)

ބުނީ ކީކޭ؟ - އެސް ހޮޓެލްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގައި ހޮޓާ ހިންގާ ކުންފުނިތަކުގެ ތެރެއިން ކްރިޕްޓޯކަރަންސީ ބަލައިގަންނަ މަދު ކުންފުނިތަކުގެ ތެރޭގައި އެ ހޮޓާ ޗެއިން ހިމެނުމުގެ ފައިދާ ބޮޑު ކަމަށެވެ. އެގޮތުން، އެ ކުންފުނިން ފާހަގަކުރި ފައިދާތަކަކީ:

  • އެސް ހޮޓެލްސްގެ ރިސޯޓުތަކަށް ފައިސާ ދެއްކޭ ގޮތްތައް އިތުރުވުން

  • ކުރިން ބުކިން ނާންނަ މާކެޓުތަކުން ބުކިން ލިބުމުގެ ފުރުސަތު ބޮޑުވުން

  • މެދުވެރިއެއްގެ ބޭނުން ކުރަން ނުޖެހި ރިސޯޓުތަކަށް ސީދާ ބުކިން ލިބޭ މިންވަރު އިތުރުވުން

  • އޮންލައިން ދުނިޔެއެއްގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަވުން

"ކަސްޓަމަރުންނާ ގާތް ގުޅުމެއް ބޭއްވޭނެ އަދި ދަތުރުކުރުމުގައި އެ މީހުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ އާ ގޮތްތައް އަޅުގަނޑުމެން ބަލައި ހޯދަން. ރައްކާތެރިކަމާއެކު ފަސޭހަ އިން ފައިސާ ދެއްކުމަށް ކްރިޕްޓޯކަރަންސީ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން އަޅުގަނޑުމެން ބަލައިގަންނަން،" އެސް ހޮޓެލްސްގެ ސީއީއޯ ޑާކް ޑި ސިއުޕާ ވިދާޅުވި އެވެ.

ކްރިޕްޓޯކަރަންސީއަކީ ކޮބާ؟

  • މަރުކަޒީ ވަކި އެއް ތަނަކުން ކޮންޓްރޯލް ނުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ނެޓްވޯކެއްގެ ޒަރީއާ އިން ޑިޖިޓަލްކޮށް ބޭނުން ކުރާ ފައިސާގެ ވައްތަރުތަކެއް

  • އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަނީ ބިޓްކޮއިން

  • މިފަހުން އެތީރިއަމް އާއި ޑޮޖްކޮއިން ފަދަ އާ ވައްތަރުތަކުގެ ކްރިޕްޓޯކަރަންސީ ވަނީ ޓެކްނޮލޮޖީގެ ދުނިޔޭގައި މަގުބޫލުކަން ހޯދާފައި

  • ޓެސްލާ، މައިކްރޮސޮފްޓް އަދި އޭޓީއެންޑްޓީ ފަދަ ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ވެސް މިހާރު ވަނީ ކްރިޕޮޓޯކަރަންސީ ބަލައިގަންނަން ފަށާފައި

  • ކްރިޕްޓޯކަރަންސީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ނުހުންނާތީ ބައެއް ބޮޑެތި އިންވެސްޓަރުންނާއި މަރުކަޒީ ބޭންކުތަކުގެ ފާޑުކިއުން އަމާޒުވެފައިވޭ

  • ރާއްޖޭގައި ކްރިޕްޓޯކަރަންސީ ބޭނުންކުރެވޭނެ އެއްވެސް ގޮތެއް ނުވަތަ އުސޫލެއް ވެސް އަދި ނެތް

ކްރިޕްޓޯކަރަންސީ މަސައްކަތް ކުރާ ގޮތް ކިޔައިދޭ ވީޑިއޯއެއް

ކޮމެންޓް (1)

ވޮޗްޑޯގް

30 ސެޕްޓެމްބަރު 2021
ގާނޫނީ ފިޔަވަޅު އަޅަންޖެހޭ..
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް