ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: ޓޫރިޒަމަށް ހީނަރުކަމާ ވަނީ ކުރިމަތިވެފައި. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފު ޖުނައިދު)
ދެ ވަނަ ކުއާޓަރުގައި ޓޫރިޒަމަށް ހީނަރުކަން؛ އެހެން ސިނާއަތްތަކަށް ވެސް ބަނަކަން
ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަނާ ދިމާވުމުގެ ސަބަބުން މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތަށް ހީނަރުކަން އައިސް ރާއްޖޭގެ އިގްތިސާދު މައިގަނޑު އެހެން ސިނާއަތްތައް ވެސް އެހާ ރަނގަޅަށް ކުރިއަރާފައި ނުވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހެދި ބިޒްނަސް ސާވޭއިން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ޖޫން 23 އިން މިދިޔަ މަހުގެ 19އަށް އެކި ސިނާއަތްތަކުން 138 ވިޔަފާރިއެއް ބައިވެރިވެގެން ކުރިއަށް ގެންދިޔަ އެ ސާވޭގެ ރިޕޯޓް އެމްއެމްއޭއިން މިއަދު އާންމުކުރި އިރު، އެ ރިޕޯޓްގައި ބުނެފައި ވަނީ ކޮވިޑް-19އަށް ފަހު ރާއްޖެއަށް ޓޫރިސްޓުން އަންނަމުން ދިޔަ ބައެއް ގައުމުތަކުން އަދިވެސް ޓޫރިސްޓުން އަންނަން ފަށާފައި ނުވާތީ މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ޓޫރިޒަމްގެ އޮފް ސީޒަނާ ކުރިމަތިވި ކަމަށެވެ. އެހެންވުމުގެ ސަބަބުން އެ ސާވޭގައި ބައިވެރިވި ޓޫރިޒަމް ދާއިރާގެ %92 ވިޔަފާރިން ބުނެފައި ވަނީ އެ މީހުންގެ ވިޔަފާރި ދަށްވެފައިވާ ކަމަށެވެ.
އެގޮތުން އެ ސާވޭއަށް މައުލޫމާތު ދިން ޓޫރިޒަމްގެ ވިޔަފާރިތަކުން ފާހަގަކުރީ:
-
ވިޔަފާރިތަކުގެ %96 ބުނީ ބުކިންސްތައް ދަށްވެފައިވާ ކަމަށް
-
ހުރިހާ ވިޔަފާރިތަކުން ބުނީ އާމްދަނީ ދަށްވެފައިވާ ކަމަށް
-
ވިޔަފާރިތަކުގެ %96 ބުނީ އޮކިއުޕެންސީ ދަށްވެފައިވާ ކަމަށް
-
ވިޔަފާރިތަކުގެ %50 ބުނީ މުވައްޒަފުން މަދުކޮށްފައިވޭ ކަމަށް
-
ވިޔަފާރިތަކުގެ %69 ބުނީ މާލީ ހާލަތަށް ބަދަލެއް ނާންނަ ކަމަށް
ދެ ވަނަ ކުއާޓަރުގައި ޓޫރިޒަމްގެ ވިޔަފާރި ދަށްވި ނަމަވެސް ތިން ވަނަ ކުއާޓަރުގެ ތެރޭގައި ރިސޯޓް ބުކިންތައް އިތުރުވާނެ ކަމަށް ކަމަށް ސާވޭއިން ދައްކަ އެވެ. އެކަމަކު ވިޔަފާރީގެ ހާލަތު ރަނގަޅުވެ އާމްދަނީ ރަނގަޅުވާނެ ކަމަށް ޓޫރިޒަމްގެ ވިޔަފާރިތަކުން ލަފާނުކުރާ ކަމަށް ސާވޭގެ ރިޕޯޓުން ދައްކަ އެވެ. އެގޮތުން ޓޫރިޒަމްގެ ވިޔަފާރިތަކުން ބުނެފައި ވަނީ:
-
ވިޔަފާރިތަކުގެ %82 ލަފާކުރަނީ އާމްދަނީ ރަނގަޅުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް
-
ވިޔަފާރިތަކުގެ %84 ބުނީ ރޫމް ރޭޓްތައް ދަށަށް ދާނެ ކަމަށް
-
ވިޔަފާރިތަކުގެ %53 ބުނީ ރިސޯޓް ބުކިންތައް ރަނގަޅުވާނެ ކަމަށް
-
ވިޔަފާރިތަކުގެ %64 ބުނީ މާލީ ހާލަތަށް ބަދަލު އަންނާނެ ކަމަށް ލަފާނުކުރެވޭ ކަމަށް
-
ވިޔަފާރިތަކުގެ %75 ލަފާކުރަނީ ވިޔަފާރި ދަށްވާނެ ކަމަށް
އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ނުހޯދުނު
ސާވޭއަށް މައުލޫމާތު ދިން ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކުން ރިޕޯޓްކުރި ގޮތުގައި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތައް މިދިޔަ ކުއާޓަރުގައި ވަނީ ފުޅާވެފަ އެވެ. އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތް ހިންގުނު ވަރު ދައްކައިދޭ އިންޑެކްސްއަށް އެއް ޕޮއިންޓް އިތުރުވެ 47އަށް މިދިޔަ ކުއާޓަރުގައި އިތުރުވެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އޭގެ އިތުރުން، %49 ވިޔަފާރިން ބުނެފައި ވަނީ އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް އިތުރުވެފައިވާ ކަމަށެވެ. އަދި މަސައްކަތް ލިބުނު ވަރު ދަށްވެފައިވާ ކަމަށް ބުނެފައި ވަނީ އެންމެ %2 ވިޔަފާރިތަކުންނެވެ. މީގެ އިތުރުން ދެ ވަނަ ކުއާޓަރުގައި އާ އޯޑަރުތައް ލިބުނު އަދަދު 23 ޕޮއިންޓް އިތުރުވެ 46 ޕޮއިންޓަށް އަރާފައިވެ އެވެ.
ރިޕޯޓްގައިވާ ގޮތުން، އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތައް މި ކުއާޓަރުގައި ރަނގަޅު ވާނެ ކަމަށް ދާއިރާގެ ވިޔަފާރިތަކުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން، އިމާރާތް ކުރުމުގެ ހަރަކާތްތައް އިތުރުވާނެ އިންޑެކްސް ކުޑަކޮށް ދަށްވި ނަމަވެސް، މަސައްކަތް ލިބޭނެ ކަމަށް ލަފާކުރެވޭ ވޮލިއުމް 15 ޕޮއިންޓް އިތުރުވެ 68އަށް ވަނީ އަރައިފަ އެވެ. އަދި ވަޒީފާ އުފެދޭ މިންވަރު ބަލާ އިންޑެކްސް 8 ޕޮއިންޓް އިތުރުވެ 68އަށް ވަނީ އަރައިފަ އެވެ.
ރީޓެއިލް އާއި ހޯލްސޭލް ވިޔަފާރިއަށް މަޑުޖެހުން
ދެ ވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ކުރިއަރަމުން ދިޔަ ދުވެލި ދަށަށް ދިޔަ ނަމަވެސް، ސާވޭއަށް މައުލޫމާތު ދިން ދާއިރާއިގެ ވިޔަފާރިތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮންމެވެސް ވަރަކަށް ވިޔަފާރި ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން، ވިޔަފާރި ކުރިއެރި ނިސްބަތް 21 ޕޮއިންޓް ދަށްވެ 48 ޕޮއިންޓަށް ވަނީ ދަށްވެފަ އެވެ. މީގެ އިތުރުން، ސަޕްލައި ކުރާ ފަރާތްތަކަށް ދިން އޯޑަރުތަކުގެ އަދަދު ބަލާ އިންޑެކްސްގައި 34 ޕޮއިންޓް ދަށްވެ 55އަށް ވަނީ ވެއްޓިފަ އެވެ.
ރީޓެއިލް އަދި ހޯލް ސޭލް ވިޔަފާރިތަކުގައި ވެސް މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން، ވަޒީފާ އިތުރުވި އިންޑެކްސްއަށް 3 ޕޮއިންޓް އިތުރުވެ 68އަށް ވަނީ އަރައިފަ އެވެ.
މިދިޔަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގެ ކުރިއެރުން މަޑު ޖެހުނު ނަމަވެސް، މި ކުއާޓަރުގައި ތަކެތި ވިއްކޭނެ ވަރު ރަނގަޅު ވާނެ ކަމަށް ވިޔަފާރިތަކުން ލަފާކުރެ އެވެ. އެގޮތުން، އެ އިންޑެކްސް 97 ޕޮއިންޓް މައްޗަށް ގޮސް 82އަށް ވަނީ އަރައިފަ އެވެ.
ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާގެ ކުރިއެރީ އާދައިގެ ވަރަކަށް
ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ކުރިއެރުން ދެވަނަ ކުއާޓަރުގައި ހުރީ އާދައިގެ ވަރެއްގައި ހިފެހެއްޓިފައި ކަމަށް ސާވޭއަށް މައުލޫމާތު ދިން ވިޔަފާރިތަކުން ވަނީ ބުނެފަ އެވެ. އެގޮތުން، ދެ ވަނަ ކުއާޓަރުގައި މި ދާއިރާގެ ވިޔަފާރިތަކުގެ ޖުމްލަ އާމްދަނީ އާއި ޑިމާންޑް އިންޑެކްސްއިން 110 ޕޮއިންޓް ދަށްވެ 23އަށް ވަނީ ވެއްޓިފަ އެވެ. އަދި މުވައްޒަފުން އިތުރުވި އިންޑެކްސް 13 ޕޮއިންޓް ދަށްވެ 28އަށް ވަނީ ވެއްޓިފަ އެވެ.
ހުރިހާ ސިނާއަތެއްގެ ވިޔަފާރިތަކުން ވެސް ފާހަގަކޮށްފައިވާ ގޮތުގައި، ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތަކެތީގެ އަގުތައް ބޮޑުވުމެވެ. އެކަމުގެ ސަބަބުން ވިޔަފާރި ހިންގުމުގެ ހަރަދުތައް ވަނީ ބޮޑުވާން ފަށާފަ އެވެ. އަދި ބޭރު ފައިސާގެ ނުލިބުމުގެ މައްސަލަ ވެސް ބޮޑު ކަމަށް ސާވޭ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.