މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ތައުލީމު

ކިޔަވަން މާލެ ބަދަލުވާ ކުދިން މަދެއް ނުވޭ: މިނިސްޓަރު

ގިނަ އަދަދެއްގެ ކުދިން، މި އަހަރު ވެސް ހުޅުމާލޭގެ ސްކޫލުތަކަށް ވަން ކަމަށް މިނިސްޓަރު ވިދާޅުވި

ދިރާސީ އާ އަހަރުގެ ކިޔެވުން މި މަހު ފެށި އިރު، މި އަހަރު ވެސް ރަށްރަށުން ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހޯދުމަށް މާލެ ބަދަލުވި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ތައުލީމާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ތައުލީމު ހޯދުމަށް އަދިވެސް ގިނަ އާއިލާތަކެއް މާލެ ހިޖުރަކުރާ ކަމަށެވެ. އޭގެ މިސާލު އޭނާ ނެންގެވީ، ހުޅުމާލޭގެ ސްކޫލުތަކަށް އަލަށް ވަން ދަރިވަރުންގެ އަދަދުންނެވެ.

ތަފްސީލް - މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • މި އަހަރުގެ ކިޔެވުން ފެށުނު އިރު، ރަށްރަށުން ބަދަލުވި މުޅިން އާ، 1،500 ދަރިވަރުންނަށް ހުޅުމާލޭގެ ސްކޫލުތަކުން ވަނީ ޖާގަ ދީފައި

  • އޭނާ ލަފާކުރެއްވީ، އެއީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ފްލެޓްތަކަށް ބަދަލުވި އާއިލާތަކުގެ ކުދިން ކަމަށް

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލު އަންނަ އާދިއްތަ ދުވަހު ހުޅުވާއިރު، އިތުރު އެހެން ސްކޫލެއް ވެސް އަންނަނީ ހުޅުވަން ތައްޔާޜުވަމުންނެވެ. މިއީ 800އަށް ވުރެ ގިނަ ދަރިވަރުންގެ ޖާގައިގެ ސްކޫލުތަކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ އެ ދަރިވަރަކު ހުރި ތަނަކުން، އެންމެ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމެވެ. އެގޮތުން އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ބ. ފެހެންދު އާއި ވ. ތިނަދޫގައި ސެޓެލައިޓް ސްކޫލުގެ ނިޒާމަށް ކިޔަވައިދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ސެޓެލައިޓް ސްކޫލުގެ އާއްމު ކޮންސެޕްޓަކީ:

  • އެހެން ސްކޫލަކުން އޮންލައިންކޮށް ކުރިއަށް ގެންދާ ކްލާސްތަކުގައި ދަރިވަރުން ބައިވެރިވުން

  • ފެހެންދު އާއި ތިނަދޫގައި ކިޔަވައިދެނީ، މާލޭގެ ހުރަވީ ސްކޫލްގައި ގާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިބޭ ޓީޗަރުން

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސެޓެލައިޓް ސްކޫލު މެދުވެރިކޮށް، ސާނަވީއަށް ކިޔަވައިދިނުން ވެސް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ. ގއ. ކޮނޑޭ އާއި ބ. ފުޅަދޫގެ ގްރޭޑް ނުވައެއްގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ސެޓެލައިޓް ސްކޫލު މެދުވެރިކޮށެވެ.

ތައުލީމު ހާސިލް ކުރަން މާލެ ހިޖުރަ ކުރާ ދަރިވަރުންގެ ސަބަބުން، ރަށުގައި އެކަށީގެންވާ ދަރިވަރުން ނެތި، ކުދިންގެ މަތީތައުލީމަށް އަސަރު ކުރާކަން މެމްބަރަކު ވަނީ ފާހަގަކުރައްވާފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އާބާދީ މަދު ރަށްރަށުގައި ޓީޗަރުން ބައިތިއްބައިގެން ކިޔަވައިދިނުމަށް ވުރެ، ސެޓެލައިޓް ސްކޫލް މެދުވެރިކޮށް ކިޔަވައިދިނުމުން، ހަރަދު ކުޑަ އަދި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭތޯ ބެލުމަށް ދިރާސާއެއް ހަދަމުން އަންނަ ކަމަށެވެ. ސަރުކާރުގެ މަގްސަދަކީ، އައިޝަތު އަލީ ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި ކިޔަވާ ކުދިންނެކޭ އެއްގޮތަށް، އެހެން ހިސާބުތަކުގައި އުޅޭ ކުދިންނަށް ވެސް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމެވެ.

ރަށްރަށުން އެންމެ ގިނަ ދަރިވަރުން މިހާރު ބަދަލުވަނީ ހުޅުމާލެއަށް ކަން ފާހަގަކުރައްވައި، އެ ތަނުގައި މިހާރު އަޅާ ސްކޫލުތަކުގެ ތަފްސީލު މިނިސްޓަރު ދެއްވި އެވެ. އެގޮތުން:

  • އަލަށް އާބާދުވި ފޭސް ދޭއްގައި ދެ ސްކޫލެއްގައި ވަރަށް އަވަހަށް ކިޔަވައިދޭން ފެށޭނެ؛ އެއީ އާދިއްތަ ދުވަހު ހުޅުވާ، ކާމިލް ދީދީ ޕްރައިމަރީ ސްކޫލާއި އަންނަ މަހު ކިޔަވައިދޭން ފަށާ، 800އަށް ވުރެ ގިނަ ކުދިންގެ ޖާގައިގެ ޖަމީލް ދީދީ ސްކޫލު

  • ސަލާހުއްދީން ސްކޫލުގެ ނަމުގައި، 1،200 ދަރިވަރުންގެ ޖާގައިގެ ސްކޫލަކާއި ހަމަ އެހާ ބޮޑު، އަދި ނަން ނުކިޔާ ސްކޫލެއް ދަނީ އަޅަމުން

  • ފޭސް އެކެއްގައި ދެ ސްކޫލެއް މިހާރު ވެސް އެބަ އަޅާ؛ އެއީ އަރަބި މީޑިއަމަށް ކިޔަވައިދޭ 800 ކުދިންގެ ޖާގައިގެ ސްކޫލާއި ސީއެޗްއެސްއީގެ އާ އިމާރާތް (އެ ތަނުގައި 1،100 ކުދިންނަށް ކިޔަވައިދެވޭނެ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް