ބީޖޭޕީ)ގެ ތަރުޖަމާނު ނުޕޫރު ޝަރުމާ: ސަސްޕެންޑް ކުރި --ފޮޓޯ/ ޕީޓީއައި

އިންޑިއާ

ރަސޫލާއަށް ފުރައްސާރަކުރި އިންޑިއާ މީހާ ބީޖޭޕީން ސަސްޕެންޑްކޮށްފި

މި އަމަލު އަރަބި ބައެއް ގައުމުތަކުން ވަނީ ކުށްވެރިކޮށްފައި

ކީރިތި ރަސޫލާ މުހައްމަދުގެފާނަށް ފުރައްސާރަ ކުރި، އިންޑިއާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީގެ ބަހަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނު ނުޕޫރު ޝަރުމާ އެ ޕާޓީން ސަސްޕެންޑްކޮށްފި އެވެ.

މިއަދު ބީޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީއަކީ ހުރިހާ ދީންތަކަކަށް އިހުތިރާމް ކުރާ  ޕާޓީއެއް ކަމަށެވެ. އަދި ބުނީ އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލްކުރާ ހަމައެެއް ނޫން ކަމަށެވެ.

ޝަރުމާ އޭނާގެ ދިފާއުގައި ކުރި ޓުވީޓެއްގައި ބުނީ އޭނާ ކޮމެންޓް ކުރީ ހިންދީ ކަލާންގެ އާ ބެހޭ ގޮތުން ކަމަށާއި އެއްވެސް ދީނަކަށް ކުޑަމައިމީސް ބަސް ބުނުމަކީ އޭނާގެ ނިޔަތް ނޫން ކަމަށެވެ. ޝަރުމާ ވަނީ އޭނާގެ ވާހަކަ އަނބުރާ ގެންގޮސްފަ އެވެ.

އޭނާގެ އިތުރަށް އިސްލާމް ދީނަށް ފުރައްސާރަ ކުރި އެ ޕާޓީގެ ތަރުޖަމާނު ނަވީން ޖިންދާލު ވެސް ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

އިސްލާމް ދީނަށް ނަފުރަތު އުފައްދައި އަދި ފުރައްސާރަކޮށްގެން ބީޖޭޕީގެ މެންބަރަކާ ދެކޮޅަށް ފިޔަވަޅު އެޅި މިއީ ފުރަތަމަ ފަހަރެވެ.

ދީނީ މީހުންނާއި ދީނީ ތަންތަނަށް ގެއްލުންދޭ މީހުންނަށް އިންޑިއާގެ ވެރިން ތަރުހީބުދޭ ކަމަށާ ނޫނީ އެފަދަ ކަންކަމަށް ބީރުކަންފަތެއް ދޭ ކަމަށް އެމެރިކާގެ އޮފިޝަލުން ވެސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. ދުނިޔޭގެ ދީނީ މިނިވަންކަމާ ބެހޭ 2021 ގެ ރިޕޯޓް ނެރުމުގެ ހަފުލާގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ވެސް ވަނީ އެ ވާހަކަ ވިދާޅުވެފަ އެވެ.

ރަސޫލާއަށް ފުރައްސާރަކޮށް އަދި މުސްލިމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ޝަރުމާ ދެއްކި ވާހަކައާ ގުޅޭ ގޮތުން އިސްލާމީ ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ގަތަރާއި ކުވައިތު ހިމެނެ އެވެ. އަދި ކުވައިތުން ވަނީ އެ ގައުމުގައި ހުންނަވާ އިންޑިއާގެ އެމްބެސެޑަރު ފޮރިން މިނިސްޓްރީއަށް ހާޒިރު ވެސް ކޮށްފަ އެވެ. އެ ގައުމުން ބުނީ ބީޖޭޕީގެ އޮފިޝަލް ދެއްކި ވާހަކަ ގަބޫލު ނުކުރާ ކަމަށެވެ. ގަތަރުން ވެސް ބުނީ ބީޖޭޕީން ޝަރުމާ ސަސްޕެންޑް ކުރުމުން މަރުހަބާ ކިޔާ ކަމަށާއި އެކަމަކު މޯދީގެ ސަރުކާރުން ވެސް އެކަން ކުށްވެރިކޮށް އަދި މައާފަށް އެދެން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ޝަރުމާ، ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ބަސް ބުނީ ރަސޫލާގެ އަނބިކަނބަލުން އައިޝަތުގެފާނާ ބެހޭ ގޮތުން ކުރި ކޮމެންޓެއްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް