އަބްދުއްސަލާމް: ކޮމަންޑޫގެ ކުޑަ ކަތީބުކަމާއި ބޮޑު ކަތީބުކަން ވެސްކުރެއްވި

ވަކިވެ އެދިޔައީ 52 އަހަރުގައި ވެސް ކިޔެވުމުގައި އުޅުއްވަނިކޮށް

ގާހިރާގައި އަބްދުއްސަލާމް އަވަހާރަވީ އަރަބި ދަސްކޮށް ގުރުއާން އުނގެނުމުގެ އުއްމީދީ ދަތުރު ފެއްޓެވުމާ އެކު
24 ސެޕްޓެމްބަރު 2022
11

މުހިންމު ނުކުތާތައް

ދަރިން ބުނާ ގޮތުގައި އެއީ ނަމޫނާ ބައްޕައެއް

ކޮމަންޑޫގައި ވެރިޔަކަށް ހުންނެވި އޭރު އެތައް ބަޔަކު ހައިރާންވި ތަރައްގީ ގެނައި

ގާހިރާއަށް ވަޑައިގެންނެވީ މި މަހު 5 ގައި، އަވަހާރަވީ 18 ގައި

މީގެ ދެ ހަފުތާ ކުރި އެވެ؛ އެއްވެސް އެހީތެރިއެއް ނެތި، މާދުރު ގައުމެއްގައި ބައްޕަ އެކަނިމާ އެކި ހުންނަން ޖެހޭތީ ކަންބޮޑުވެފައި ހުރި ދޮށީ އަންހެންދަރިފުޅު ކައިރީގައި އަބްދުއްސަލާމު މުހައްމަދު ވިދާޅުވި އެވެ. މާތްﷲގެ މަގުގައި ކަމެއް ކުރަނިކޮށް، މަރު ގަންނަވައިފި ނަމަ، އެ މީހަކަށް ސުވަރުގެ ފިޔަވައި އެހެން އެއްޗެއް ލިބުމެއް ނެތެވެ.

ގުރުއާނުގެ އިލްމު އުނގެނި، އަދި ގުރުއާނުގައިވާ ﷲގެ ބަސްފުޅުތައް ދެނެގަތުމަށް އަރަބި ދަސްކުރައްވަން، އުމުރުން 50 އަހަރަށް ވުރެ މަތިވީ ފަހުން އަބްދުއްސަލާމު މިސްރަށް ވަޑައިގެންނެވީ މީގެ ދެ ހަފުތާ ކުރިން، މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އަނބިމީހާ އާއި ދަރިންނާއި އާއިލާ މާލޭގައި ބަހައްޓާފައި، އޭނާ މިސްރުގެ ވެރިރަށް ގާހިރާގައި ކިޔެވުން ފެއްޓެވީ، މަދުވެގެން ހަ މަސް ދުވަހުގެ ތެރޭގައި ބަސް އުނގެނި، އެއަށް ފަހު ގުރުއާނުގެ އިލްމައިގެން ކުރިއަށް ވަޑައިގަތުމުގެ އުއްމީދުގަ އެވެ.

އެކަމަކު މި މަހުގެ 18 ވަނަ ދުވަހު އަބްދުއްސަލާމް އަވަހާރަވީ ގާހިރާގައި އޭނާ ހުންނެވި ކޮޓަރީގައި ކުއްލި ގޮތަކަށެވެ. މަރުވެގެން ކޮޓަރިތެރެއަށް ވެއްޓިފައި އޮތް އިރު، ކައިރީގައި ހުރި މޭޒު މަތީގައި އޭނާ ކިޔަވާ ވިދާޅުވާން ގެންގުޅުނު ފޮތްތައް ހުޅުވާފައި ހުއްޓެވެ. އާއިލާއަށް ގަބޫލުކުރެވޭ ގޮތުން، މަރު އައިސް ބައްދަލު ކުރަންދެން ބައްޕަ އިންނެވީ ކިޔަވާށެވެ.

އާދަޔާހިލާފު ހިދުމަތްތަކެއް، މިސާލެއް ފަދަ ބައްޕައެއް

އަބްދުއްސަލާމުގެ ދޮށީ ދަރިފުޅު، އައިޝަތު ފާއިގާ އޭނާގެ ބައްޕަ ސިފަކުރީ، މަދުން ނޫނީ ނުފެންނަ ތަފާތު ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ. ށ. ކޮމަންޑޫގެ ކުޑަ ކަތީބު ކަމާއި ބޮޑު ކަތީބުކަން އަދި ފަހުން އެ އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ގިނަ އަހަރުތަކެއް ވަންދެން އަބްދުއްސަލާމު އަދާކުރެއްވި އެވެ. އެ ދުވަސްތަކުގައި އޭނާ ވަނީ، އޭރު، މީހަކު ހިތަށް ވެސް ނާރާ ފަދަ އީޖާދުތަކާއި ހިދުމަތްތައް ތައާރަފްކުރައްވާފަ އެވެ.

މީގެ 20 އަހަރު ކުރިން، އޭރު ރާއްޖޭގައި މާލެ ފިޔަވައި، އެއްވެސް ރަށެއްގައި ޑީސެލިނޭޝަން ޕްލާންޓެއް ނުބަހައްޓާއިރު އަމިއްލައަށް ކުރެއްވި މަސައްކަތުން، ލޮނު ފެން މީރު ފެނަށް ބަދަލުކުރާ ފެން ޕްލާންޓެއް ކޮމަންޑޫގައި ގާއިމުކުރެއްވި އެވެ. ކޮންމެ އިރުވައި މޫސުމެއްގައި ރަށް ބޯފެނަށް ޖެހޭތީ، ސަރުކާރަށް އެ ޕްލޭން ހުށަހެޅުމުން އެއްވެސް މީހަކު އޭރު އެކަން ގަބޫލުނުކުރުމުން، އޭނާ އެކަން ކުރެއްވީ އަމިއްލަ އަށެވެ. ފެން ޕްލާންޓު ގާއިމްކުރެއްވީ، އަމިއްލައަށް ރާއްޖޭން ބޭރަށް ދަތުރުކުރައްވައި، އެކި ސާމާނާއި ތަކެތި ހޯއްދަވައިގެންނެވެ. މިހާރު ވެސް ކޮމަންޑޫގައި ބޭނުންކުރާ އެ ފެން ޕްލާންޓުން، ށ. އަތޮޅުގެ އެހެން ރަށްތަކަށް ވެސް ބޯފެން ގެންގޮސް ހެދި އެވެ.

ކަތީބުކަމުގެ މަގާމުގައި ހުންނެވި އިރު ވެސް، އޭރަށް ބަލާއިރު އަތޮޅު ތެރޭގެ ރަށެއްގައި ނުކުރާ ތަފާތު ކަންކަން ކޮށް، އާ އީޖާދުތައް ތައާރަފްކުރެއްވި އެވެ. އަމިއްލައަށް ކަންކަން ހޯއްދަވައިގެން ކޮމަންޑޫގައި ފޯން ލައިނެއް އަޅައި، ގެތަކުގައި ފޯނު ބެހެއްޓި އެވެ. ޓީވީ ނެޓްވޯކެއް ގާއިމުކޮށް، ކޮމަންޑޫގެ ހަބަރުތައް ފެންނަ ގޮތަށް، ޓީވީ ޗެނެލްއެއް ހެއްދެވި އެވެ. މިއީ އޭރު ރާއްޖޭގެ ރަށަކަށް އޭނާ ގެންނެވި އިންގިލާބީ ބަދަލަކަށްވި އެވެ. ބޭރުގެ ބައެއް ގައުމުތަކުގެ މީހުން ވެސް، އެހާ ކުޑަކުޑަ ރަށަކުން އެހާ ބޮޑެތި ތަރައްގީތަކެއް ހޯދާތީ، އެކަން ބަލައިލަން ކޮމަންޑުއަށް ދިޔަ ކަމަށް ވެ އެވެ.

ށ. ކޮމަންޑޫގެ ކަތީބުކަން ކުރެއްވި އަބްދުއްސަލާމް: އޭނާ އަވަހާރަވީ އަރަބި ބަސް ދަސްކުރެއްވުމަށް މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަވަނިކޮށް، މި މަހުގެ 18 ވަނަ ދުވަހު

"ވިހި އަހަރު ކުރިން ބައްޕަ ވިސްނެވި ރަށުގެ ވަށައިގެން ހުންނަ ބައްތިތައް ކަރަންޓު ބޭނުން ކުރަން ނުޖެހޭ ގޮތަށް، ސޯލާ ޕަވާއިން ދިއްލަން ވެސް،" ފާއިގާ، 32، ކިޔައިދިނެވެ.

"އަދި މިހާރު ދެއްތޯ މީހުން އެގޮތަށް ކަރަންޓު ދޭ ވާހަކަ ދައްކަނީ."

ފާއިގާ އޭނާގެ ބައްޕަ ސިފަކުރީ، އާދަޔާހިލާފު، ވިސްނުން ތޫނު، ތަސައްވުރެ ބޮޑު ލީޑަރެއްގެ ގޮތުގަ އެވެ. ރަށުގެ ވެރިކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި އިރު، އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް، މީހުންގެ މަސްލަހަތު ކުރިއަށް ނެރުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.  

އެއަށް ވުރެ ބޮޑަށް ލާމަސީލު، ނަމޫނާ ބައްޕައެއްގެ ގޮތުގަ އެވެ. އަބްދުއްސަލާމްގެ ދެ އަންހެން ދަރިން ތިބި އިރު، އޭނާ އަބަދުވެސް ވީ ދަރިންގެ އެންމެ ގާތް މީހާ އަށެވެ. ދަރިންނަށް ކަންކަމުގައި މަޖުބޫރު ނުކުރާ އަދި އަބަދުވެސް އޯގާތެރިކަމާ އެކު މުހާތަބު ކުރައްވާ ބައްޕައަކަށެވެ. ފާއިގާ ބުނިގޮތުގައި އޭނާގެ ރަހުމަތްތެރިއަކީ ވެސް، ސަޕޯޓަރަކީ ވެސް އަދި ދީނީ ކަންކަމުގައި މިސާލެއްގެ ގޮތުގައި ވެސް ބަލަނީ ބައްޕަ އެވެ.

އަބްދުއްސަލާމް، ދަރިން ކައިރީގައި ބަހައްޓައިގެން، ދިރިއުޅުމުގެ އެކި ކަންކަމުގެ ވާހަކަ ދެއްކެވި އެވެ. ގުރުއާނުގެ އާޔަތްތަކުގެ މާނަ އާއި ރަސޫލު ބޭކަލުންގެ ދިރިއުޅުމުގެ ވާހަކަތަކުން މިސާލު ނަންގަވައިގެން، ދިރިއުޅުމުގެ މައްސަލަތަކާ ކުރިމަތިލާންވީ ގޮތް ކިޔައިދެއްވި އެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ބައްޕަ އެދިވަޑައިގެންނެވީ، ފާއިގާ ބުނިގޮތުގައި، ދުނިޔެއަށް ވުރެ އާޚިރަތް އިސްކުރުމަށެވެ.

"ކޮންމެ ކަމެއް ދިމާވިޔަސް ބައްޕަ އަބަދުވެސް ހަނދާންކޮށްދޭނެ ދުނިޔެއަކީ އެއްވެސް އެއްޗެއް ނޫން ކަމަށް،" ފާއިގާ ބުންޏެވެ.

"އަބަދުވެސް ބުނާނެ، ދަރިފުޅާ އާޚިރަތޭ އާޚިރަތޭ." 

ބައްޕަގެ ނަސޭހަތާއި ވާހަކަތަކާއި އޮންނަ ގާތް ގުޅުމުގެ ސަބަބުން، ފާއިގާ ބުނިގޮތުގައި، ދިރިއުޅުމުގެ ކޮންމެ ކަމަކާ ވެސް އޭނާ ކުރިމަތިލީ، އެކަމަށް ތައްޔާރުވެ ހުރެ އެވެ. ކަމެއް ކުރިމަތިވުމުން، 'މިއީ ހަމަ ބައްޕަ ބުނުއްވި ފަދަ ގޮތެކޭ' ކޮންމެ ފަހަރަކު ވެސް ހިތަށްއަރާ ކަމަށް އޭނާ ބުންޏެވެ.

އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ދޫކުރައްވައި، އަބްދުއްސަލާމު ދެން ބޭނުންވީ ކިޔަވައިގެން ވަޒީފާއެއް އަދާކުރައްވާށެވެ. އެހެންވެ، 2007ގައި، ޕްރޮޖެކްޓު މެނޭޖްމެންޓުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ހާސިލްކުރެއްވުމަށް ސްރީ ލަންކާއަށް ވަޑައިގެންނެވި އެވެ. 

ފާއިގާ ބުނީ ކިޔެވުން ފުރިހަމަ ކުރެއްވުމަށް ފަހު އައިޖީއެމްއެޗާއި އެއާޕޯޓުގައި ވެސް ބައްޕަ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި ކަމަށެވެ. އެކަމަކު 2016ގައި ރިޓަޔާ ކުރައްވައި، ބޭކަރީއެއް ހިންގުމުގެ ވިޔަފާރި ފެއްޓެވީ، ފާއިގާއަށް ދަރިއަކު ލިބުމުން، ކާފަދަރިފުޅާ އެކު ގިނަ ވަގުތު ހޭދަކުރެއްވުމުގެ މަގްސަދުގައި ކަމަށް އޭނާ ބުންޏެވެ.

އަބްދުއްސަލާމުގެ ވިޔަފާރި ވެސް ފުޅާވެ، މާލޭގެ އިތުރުން ށ. ފުނަދު އާއި ރ. ދުވާފަރުގައި ވެސް ވަނީ އެތަނުގެ ފިހާރަތައް ހުޅުވައިފަ އެވެ. އެކަމަކު މާލީ ގޮތުން ތަނަވަސްވަމުން ދިޔައިރު ވެސް، ފާއިގާ ބުނިގޮތުގައި، ދަރިންނަށް ބައްޕަ އެންމެ ގިނައިން ދެއްވި އެއް ނަސޭހަތަކީ، މުދަލަށް ވުރެ ބަރަކާތް އިތުރުކުރުމަށެވެ. މަސައްކަތް ކުރަން ޖެހޭނީ ﷲގެ ރަހުމަތް ހޯދުމަށް ކަމަށެވެ.

ހަޔާތުގެ ފަހު ދުވަސްތައް؛ ދުއާ އިޖާބަކުރެއްވިކަމުގެ އިހުސާސް

ފާއިގާ ބުނިގޮތުގައި، އުމުރުން މާ ދުވަސްވުމުގެ ކުރިން، އެހެން މީހުންނަށް ބުރައަކަށް ނުވެ އޮވެ، ދުނިޔެއިން ވަކިވުމަކީ ބައްޕަގެ ދުއާއެކެވެ. އަދި ހެޔޮކަމުގެ މަތީގައި ސާބިތުވެ ހުންނަވަނިކޮށް، މަރުގެންނެވުމަށް ތަކުރާރުކޮށް ދުއާކުރެއްވި އެވެ.

ހަޔާތުގެ ފަހުކޮޅަށް އައިއިރު، އާއިލާއިން ބުނިގޮތުގައި، އަބްދުއްސަލާމަށް އެންމެ އުނދަގޫވެފައި ހުންނެވީ، ގުރުއާން ކިޔަވާއިރު އޭގެ މާނަ ފަހުމް ނުވާތީ އެވެ. މާނައާ އެކު، އޭގެ ތަފްސީރު ވެސް އެނގެން ބޭނުންވި އެވެ. އެހެންވެ، މި ފަހުން އެންމެ އިސްކަން ދެއްވީ އަރަބި ދަސްކޮށްގެން، ގުރުއާން އިތުރަށް އުނގެނެން ކަމަށް އާއިލާއިން ބުންޏެވެ.

އެކަމަކު އަބްދުއްސަލާމުގެ މިޒާޖަށް އެންމެ ބޮޑު ބަދަލެއް އައީ، މިދިޔަ އަހަރުގެ މެދުތެރޭގައި ސްޓްރޯކެއް ޖެހުނު ފަހުން ކަމަށް، އާއިލާއިން ގަބޫލުކުރެ އެވެ. އަރަބި ބަސް ދަސްކުރައްވަން މިސްރުގެ ގާހިރާއަށް ދާން ނިންމެވީ، އާއިލާއިން ބުނިގޮތުގައި، އޭރު ބަލިވެ އޮންނެވި އިރު އެވެ.

ފާއިގާ ބުނީ އޭގެ ކުރިން އެއްވެސް ބޮޑު ބައްޔެއް ބައްޕަގެ ނެތް ކަމަށެވެ. އެކަމަކު ސްޓްރޯކަށް ފަހު މީހުންނާ ވާހަކަ ދެއްކުން މަދުވެ، ކުރިއަށް ވުރެ ބޮޑަށް އަޅުކަމަށް ޝައުގުވެރިކަން ދޫކުރެއްވި އެވެ. އިސްކަންދެއްވީ އަރަބި ބަސް ދަސްކޮށް، ގުރުއާން އުނގެނިވަޑައިގަތުމަށެވެ. އެކަމަކު ކުރިމަތިވި އެކި ހުރަސްތައް، އާއިލާއަށް މިހާރު ވެސް ފެންނަނީ އަޖައިބެއް ފަދަ ގޮތަކަށެވެ.

އަބްދުއްސަލާމް: ރަށުގެ ވެރިކަމުގައި ހުންނެވި އިރު އޭނާ ވަނީ، އާ އީޖާދުތަކެއް ރަށަށް ތައާރަފްކުރައްވާފައި

 އަބްދުއްސަލާމް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، މައްކާއަށް ވަޑައިގަންނަވާށެވެ. އެކަމަކު ހުއްދަތަކާއި ލިޔެ ކިޔުންތައް ހޯދަން ގިނަ ދުވަސް ނަގާތީ، ދެން ހިޔާރުކުރެއްވީ ގާހިރާ އެވެ. އެއް ފަހަރު، މިސްރަށް ވަޑައިގަތުމަށް އެއާޕޯޓަށް ގޮސް، ވިސާގެ މައްސަލަ ޖެހި ފުރޭ ގޮތެއް ނުވި އެވެ. އެހެން ފަހަރެއްގައި، ދަތުރަށް ތައްޔާރުވިތަނުން، އަބްދުއްސަލާމްގެ ބައްޕަ މާ ބޮޑަށް ބަލިވެ، ދަތުރު މަޑުޖައްސާލަން ޖެހުނެވެ. އޭގެ ފަހުން ފްލައިޓް ކެންސަލްވެގެން، ދަތުރެއް ނުކުރެއްވުނެވެ.

އެކަމަކު އެފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް އާއިލާއަށް ފެނުނީ، އުއްމީދު ކަނޑާނުލައި މަސައްކަތްކުރެއްވި ތަނެވެ. 

"ކޮންމެ ފަހަރަކު ނުދެވުނީމަ ވެސް ވަރަށް ދެރަވެފައި ހުންނާނީ. އެކަމަކު އަބަދުވެސް ގަބޫލުކުރެއްވީ، ކޮންމެވެސް ހެވެއް އޮތީމައޭ ދަތުރު ލަސްވަމުން އެ ދަނީ،" ފާއިގާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބައްޕަ އެކަނި އެހާ ދުރަށް ދާން އާއިލާގެ އެއްވެސް މީހަކު ހިތްހަމައެއް ނުޖެހެ އެވެ. އެކަމަކު އެންމެ ފަހު ފަހަރަށް ވެސް އަބްދުއްސަލާމް އާއިލާއަށް ވިދާޅުވީ، ގުރުއާން ކިޔަވަން ހިތްޖައްސަވައި، އެކަމަށް މާލީ ގޮތުން ފުދުންތެރިކަން އިތުރުކުރައްވައި، އެކަމަށް މަގުފަހި ކުރެއްވީ ﷲ ރުއްސަވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ހަޔާތުގެ ބާކީ އޮތް ބައިގައި ގުރުއާނުގެ އިލްމު އުނގެނި އެކަމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ފާއިގާ ބުންޏެވެ.

ފާއިގާގެ ފިރިމީހާއާ އެކު، އަބްދުއްސަލާމު ގާހިރާއަށް ވަޑައިގަތީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އަވަހަށް އަރަބި ދަސްކުރެއްވުމަށް، އަމިއްލަ ސެންޓަރަކާ ގުޅި، ޖެހިގެން އައި ދުވަހު އޭނާ ކިޔަވަން ވެސް ވަޑައިގަތެވެ. ފާއިގާ ބުނީ ފުރަތަމަ ދުވަހު ކިޔަވަން ގޮސް، ފޯނުން ގުޅައި ވާހަކަ ދެއްކެވި އިރު ދުވަހަކު ވެސް ނުވާ ވަރަށް އުފާވެފައި ހުންނެވި ކަމަށެވެ. ހުވަފެންތައް ހަގީގަތަކަށް ވާތީ، އެ އުފާވެރިކަން އަޑުން ވެސް އެނގުނު ކަމަށް އޭނާ ބުންޏެވެ.

ފާއިގާގެ ފިރިމީހާ އެނބުރި މާލެ އައީ، ބަފައިބެގެ ހުރިހާ ކަމެއް ހަމަޖެހުމުން، މި މަހުގެ 17 ވަނަ ދުވަހު އެވެ. އެކަމަކު މާލެ އައިސް ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް، ދެން ލިބުނީ އަބްދުއްސަލާމުގެ މަރުގެ ހަބަރެވެ.

ކަމެއް ގޯސްވެއްޖެކަން އާއިލާއަށް އެނގުނީ، ހެނދުނު ކިޔަވަން ވަޑައިގަންނަވާ ގަޑީގަ އާއި ކިޔަވައި ނިމޭ ގަޑީގައި ގުޅުމުން ވެސް ޖަވާބެއް ނުލިބުމުންނެވެ. އަދި ކިޔަވަން ދާ ސެންޓަރަށް ގުޅުމުން އެތަނަށް ވަޑައިނުގަންނަވާ ކަމަށް ބުނުމުންނެވެ. ކުއްލި ގޮތަކަށް އަބްދުއްސަލާމް އަވަހާރަވިކަން އެނގުނީ، ގާހިރާގައި ހުންނަ އަޒްހަރު ޔުނިވަސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންތަކެއް އެގެއަށް ގޮސް ބެލުމުންނެވެ.

އެހާ ދުރުގައި ހުއްޓާ ބައްޕަ ދުނިޔެ ދޫކުރެއްވުމުން ފާއިގާ އާއި އޭނާގެ މުޅި އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފަ އެވެ. އެކަމަކު ފާއިގާގެ ހިތަށް ލުއި ވެސް ވެއްޖެމެ އެވެ. އެއީ ބައްޕަގެ ހުރިހާ ދުއާއެއް ވެސް ﷲ އިޖާބަ ކުރައްވާ، އެފަދަ ރީތި ގޮތަކަށް ބައްޕަގެ ނިމުން ލެއްވެވީމަ އެވެ. އެކަމަށް، ބައްޕަ ކުރެއްވި މަސައްކަތް އޭނާއަށް ފެނިފައި ވެސް ހުރީމަ އެވެ.

ކޮމެންޓް (11)

ހިތުގެފުންމިނުން

27 ސެޕްޓެމްބަރު 2022
إِِنَّا لِلهِ وَإِنَّـا إِلَيْهِ رَاجِعُوْنَ މާތްﷲ މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި.! އަދި އާއިލާއަށް ކެއްތެރިކަން ދެއްވާށި. آمیـــــن.
3 0

ޙުސައިން

24 ސެޕްޓެމްބަރު 2022
عبدالسلام އަކީ އަޅުގަނޑު ދަންނަ ހެޔޮ ރަޙްމަތްތެރިއެއް. އޭނާއަކީ މި އާޓިކަލްގައި ހަމަ ބަޔާންކޮށްފައިވާ ފަދަ ޙިކްމަތްތެރި، މީހުންނަށް އަޅާލާ ހެޔޮ ނަސޭހަތް ދެއްވި، އަދި ޚާއްޞަކޮށް ކަމެއްގައި މީހަކު ގޮސްފިނަމަ އެ ކަމެއްގައި އެމީހަކަށް ހެޔޮ މަޝްވަރާ ދެއްވި ހެޔޮލަފާ ބޭފުޅެއް. عبدالسلام ގެ މަރުގެ ޚަބަރު ލިބުނީ ކުއްލި ސިހުމަކާއި ފުންހިތާމަޔާއެކު. މާތްﷲ عبدالسلام ގެ ފުރާނައަށް ރަޙްމަތް ލައްވާ ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިޢުމަތް ދެއްވަވާށި. އަދި ޢާއިލާއަށާއި ގާތް އެންމެންނަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވަވާށި. أمين يارب العالمين
14 0

އިބްރާހިމް

24 ސެޕްޓެމްބަރު 2022
ހެޔޮ ރަޙްމަތް ލައްވާށި
11 0

ޢަބްދުﷲ މުޙައްމަދު

24 ސެޕްޓެމްބަރު 2022
ވަކިވެ ދިޔައީ ރަނގަޅު ރަޙްމަތް ތެރިއެއް. މަރްޙޫމަށް ސުވަރުގަޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި.
12 0

ޙަމްޒާ

24 ސެޕްޓެމްބަރު 2022
މާތްﷲ އަބްދުއްސަލާމްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.. އާމީން
11 0

ކަމަނަ

24 ސެޕްޓެމްބަރު 2022
إِِنَّا لِلهِ وَإِنَّـا إِلَيْهِ رَاجِعُوْنَ މާތްﷲ މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި.! އަދި އާއިލާއަށް ކެއްތެރިކަން ދެއްވާށި. آمیـــــن.
13 0

ޒުވާބު

24 ސެޕްޓެމްބަރު 2022
އަބްދުއްސަލާމްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި އަޅުގަނޑުގެ ހިޔާލެއް ދަންނަވާލާނަން. މީގެ ކުރިން އަޅުގަނޑށް މީ ކާކުކަން ނޭނގުނަސް މކހާރު އެނގިއްޖެ. ދައުރު ނޫހުން މި ކަހަލަ ވާހަކަތައް ގެނެސްދޢތީ ވަރަށް އުފާވޭ. ލިޔުންތެރިކަމުގެ ފެންވަރާއި ހުށަހަޅައިދިނުން ވެސް ވަރަށް ރަނގަޅު. ތި ނޫހަށް ވެސް ކުރިއެރުން އެދެން.
34 0

ާއިސްމާއިލް

24 ސެޕްޓެމްބަރު 2022
إِِنَّا لِلهِ وَإِنَّـا إِلَيْهِ رَاجِعُوْنَ މާތްﷲ މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި.! އަދި އާއިލާއަށް ކެއްތެރިކަން ދެއްވާށި. آمیـــــن.
25 0

ރަކޯސަ

24 ސެޕްޓެމްބަރު 2022
ހެޔޮ ރަހްމަތް ލައްވާށި،
29 1

މުހައްމަދު

24 ސެޕްޓެމްބަރު 2022
އަބްދުއްސަލާމްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި
37 0

މުޙައްމަދު

24 ސެޕްޓެމްބަރު 2022
ހެޔޮ ރަހުމަތް ލައްވާށި
27 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް