ރޭ އެމްއެންޕީގެ މާލޭ ޖަގަހައިގައި ބޭއްވި ޖަލްސާގައި ހަންނާން ވާހަކަ ދައްކަވަނީ: އޭނާ ވަނީ އެ ދާއިރާއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައި (ފޮޓޯ/ އެމްއެންޕީ)

އެމްއެންޕީ ކެންޑިޑޭޓް ވައުދުވަނީ އޭނާގެ މުސާރައިން ދާއިރާގެ މީހުންނަށް ލޯނު ދޭން

ރޭ ހަންނާން ވަނީ އޭނާގެ ދާއިރާއަށް ވާ ވައުދުތައް އިފްތިތާހުކޮށްފައި؛ މަޖިލިސް ކެންޑިޑޭޓަކަށް ނުވެވޭނެ ގިނަ ވައުދުތައް އޭގައި ހިމެނޭ

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުވެއްޖެ ނަމަ، ލިބޭ މުސާރައިން ވިޔަފާރިތައް ކުރިއަރުވަން އިންޓްރެސްޓް ފްރީ ލޯނު ދޭނެ ކަމަށް އެ ދާއިރާއަށް ވާދަ ކުރައްވާ އެމްއެންޕީ ކެންޑީޑޭޓް ހަންނާން އިދުރީސް ވައުދުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހަންނާންގެ މާލޭ ކެމްޕެއިން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި އޭނާގެ ކެމްޕެއިން ވައުދުތައް ވަނީ އިފްތިތާހުކޮށްފަ އެވެ. ވައުދުތައް އިފްތިތާހުކޮށްދެއްވީ، ހަންނާން އާއި އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާ މެމްބަރު މުހައްމަދު ނާޒިމް އެވެ. ވައުދުތައް އިފްތިތާހު ކުރުމަށްފަހު، ޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާން ވައުދުވީ، އޭނާ ހޮވިއްޖެ ނަމަ އޭނާގެ މުސާރައިން ދާއިރާގެ މެދު ފަންތީގެ ވިޔަފާރިވެރިންނަށް ލޯނު ދެއްވާނެ ކަމަށެވެ. 

ހަންނާނު އަދި ނާޒިމް ކޮމަންޑޫ ދާއިރާއަށް އެޕާޓީން ވާ ވައުދުތައް އިފްތިތާހު ކޮށްދެއްވަނީ: މަޖިލިސް މެންބަރަކަށް ނުކޮށްދެވޭނެ ގިނަ ކަންކަން އެ ވައުދުތަކުގެ ތެރޭގައި ހިމެނޭ (ފޮޓޯ/ ތިލަދުން)

އަޅުގަނޑު ދަންނަވާނީ ﷲގެ ރަހުމަތްފުޅުން މި ގޮނޑިއަށް ތިބޭފުޅުން އަޅުގަނޑު ހޮއްވަވާފި ކަމުގައިވާނަމަ، ކުރިއަށް އޮތް ދެ އަހަރު [މުސާރައިގެ ގޮތުގައި] އަޅުގަނޑަށް ލިބޭ ދެ މިލިއަން ރުފިޔާ އަޅުގަނޑު ހަރަދު ކުރާނީ އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި އެބޭފުޅުންގެ[މެދު ފަންތީގެ ވިޔަފާރިވެރިންގެ] މަސައްކަތަށޭ

ހަންނާން އިދުރީސް، ކޮމަންޑޫ ދާއިރާގެ އެމްއެންޕީ ކެންޑީޑޭޓް

ބުނީ ކީކޭ؟ - ހަންނާނު ވިދާޅުވީ، ދާއިރާގެ ތިން ރަށް ހިމެނޭ، ށ. ކޮމަންޑޫ އާއި ށ. މަރޮށި އަދި ށ. ފޯކައިދޫއަށް ކެމްޕެއިން ތެރޭ ތިން ފަހަރަށް ދަތުރުކޮށް، މިހާރު ދާއިރާގެ ނުވަންނަ ގެއެއްވެސް ނުހުންނާނެ ކަމަށެވެ. އެހެންވެ ރައްޔިތުން ބޭނުންވާ ކަންކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ހަންނާން ވިދާޅުވި އެވެ. 

"އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވުނީ ހާދަ ގިނަ ކަންކަން އެބަހުއްޓޭ އަޅުގަނޑުމެން ކޮށްދޭން ޖެހޭ. ހާދަ ގިނަ ކަންކަން އެބަހުއްޓޭ ސަރުކާރުތަކުން ވައުދުވެ، ވައުދު ނުފުއްދާ... އެހެންވެ މިއޮތީ މެނިފެސްޓޯ ތައްޔާރުކޮށްފައި. މީގައި ނޯންނާނެ އަޅުގަނޑަށް ނުކުރެވޭ ކަމެއް،" ހަންނާންގެ ވައުދުތަކުގެ ލީފްލެޓް ދައްކާލަމުން އޭނާ ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނާންގެ އެންމެ ބޮޑު ވައުދެއްގެ ގޮތުގައި އޭނާވީ ވައުދަކީ މަޖިލީހަށް އޭނާ ހޮވިއްޖެ ނަމަ، މި ދައުރުގެ ބާކީ އޮތް ދެ އަހަރު ތެރޭ އޭނާއަށް މުސާރައިގެ ގޮތުގައި ލިބޭނެ ދެ މިލިއަން ރުފިޔާ ދާއިރާގެ މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދިނުމެވެ.

"[ކޮމަންޑޫ ދާއިރާގެ] ރަށްރަށަށް  ޒިޔާރަތް ކުރި އިރު އެބަ ތިބި ރަށްރަށުގައި މަސައްކަތް ކުރަން ބޭނުންވާ މެދު ފަންތީގެ މީހުން. މަސް ކައްކާ ހިއްކަން ބޭނުންވާ މީހުން އެބަތިބި، ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުން އެބަ ތިބި. އަދި ފަހާ ކޯސްތައް ފުރިހަމަކޮށްފައި ފަހަން ބޭނުންވެފައި ތިބި މީހުން އެބަ ތިބި،" ހަންނާން ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ﷲގެ ރަހުމަތްފުޅުން މި ގޮނޑިއަށް ތިބޭފުޅުން އަޅުގަނޑު ހޮއްވަވައިފި ކަމުގައިވާނަމަ، ކުރިއަށް އޮތް ދެ އަހަރު [މުސާރައިގެ ގޮތުގައި] އަޅުގަނޑަށް ލިބޭ ދެ މިލިއަން ރުފިޔާ އަޅުގަނޑު ހަރަދު ކުރާނީ އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި އެބޭފުޅުންގެ[މެދު ފަންތީގެ ވިޔަފާރިވެރިންގެ] މަސައްކަތަށޭ."

އޭނާ އެހެން ވިދާޅުވުމާއެކު މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރައްވާ އެ ޕާޓީގެ އިސް ތިން ލީޑަރުން ކަމުގައިވާ ނާޒިމް، ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމް އަދި ތިމަރަފުށީ ދާއިރާ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ކޮޅަށް ތެދުވެ ބާރަށް އަތްތިލަ ބަޑި ޖައްސަވާ ހަންނާނަށް ހިތްވަރު ދެއްވާފައި އެވެ.

"މި މަސައްކަތުގެ ތެރޭ އަޅުގަނޑަށް މިިހާރުވެސް ފެނޭ އަޅުގަނޑަށް ލިބޭ މުސާރަ އެބޭފުޅުންނަށް ދިނީމަ އެބޭފުޅުންނަށް ލިބޭ އުފާ ފާގަތިކަން، އެބޭފުޅުންގެ ޖީބަށް ވަންނާނެ ފައިސާ، އެބޭފުޅުންގެ ގެއަށް ދެން އަޅުގަނޑުމެން ޒިޔާރަތްކުރާއިރު، އެބޭފުޅުން ތިބޭނެ ގޮތް އަޅުގަނޑަށް ސިފަވޭ،" އެފަދަ ހޭދައެއް ދާއިރާއަށް ކުރެެއްވުމުން ރައްޔިތުންނަށް ލިބޭނީ ހިތްހަމަޖެހުންކަން ފާހަގަ ކުރައްވަމުން ހަންނާން ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާން ވެވަޑައިގެންނެވި އެހެން ވައުދުތަކަކީ:

  • ކޮމަންޑޫ ދާއިރާއަށް އެއާޕޯޓެއް އަޅަން ސަރުކާރަށް ޕްރެޝަރު ކުރާނަން

  • ރައްޔިންތުނަށް ދެރަވާ އެއްވެސް ގާނޫނެއް ހަދަން ތަނެއް ނުދޭނަން

  • އިންތިހާބުވާތާ 30 ދުވަހުގެ ތެރޭ ކޮަމަންޑޫގައި އައިސް ޕްލާންޓަކާއި ސްލިޕްވޭއެއް ގައިމްކޮށްދޭނަން

  • އިންތިހާބުވާތާ ކުޑަ ދުވަސްކޮޅެއްތެރޭ ފޯކައިދޫ ސްކޫލްގައި ކޮލެޖް ލެވެލްގެ ކޯސްތައް ހިންގަން މަގުފަހުކޮށްދޭނަން

  • މަރޮށީގައި ދީނީ ޕްރޮގްރާމް ހިންގަދޭނަން

ރޭ އެމްއެންޕީ މާލޭ ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ އެމްއެންޕީ)

އެހެން ވާހަކައެއް - އިންތިހާބާ ދިމާކޮށް، ސަރުކާރުން ވަނީ ކޮމަންޑޫ ދާއިރާއަށް ގިނަ މަޝްރޫއުތަކެއް އިއުލާންކޮށް، އަމަލީ މަސައްކަތް ފަށައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ކޮމަންޑޫ އާއި އެރަށާއި ޖެހިގެން އޮންނަ މަތިކޮމަންޑޫ ގުޅުވާލުމެވެ. އޭގެ އިތުރުން އެ ދާއިރާގެ ތިން ފަޅު ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްވެސް ވަނީ ހިމަނާފައި އެވެ.

ހަންނާން ވިދާޅުވީ، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމާއި ދާއިރާގައި ރިސޯޓު ހަދާ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެއް ކަމަށާއި ކޮންމެ އިންތިހާބަކާ ދިމާކޮށް އެ ވާހަކަ ދައްކާ ކަމަށެވެ.

އެނގުން މުހިންމު - ހަންނާންގެ ވައުދުތަކުގެ ތެރޭގައި ދާއިރާއަށާއި ތިން ރަށަށް ވަކި ވަކިން އޭނާވާ ވައުދުތައް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބޮޑެތި ބައެއް ވައުދުތަކަކީ:

  • ލޭންޑް ޔޫސް ޕްލޭން އަވަސް ކުރުމަށް ގާނޫނަށް ބަދަލުގެނައުމަށް ހުށަހެޅުން

  • ސަރުކާރާ ގުޅިގެން ދައިރާގައި ހުއްޓިފައިވާ މަސައްކަތްތަކުގެ ދުވެލި ބާރުކުރުން

  • 3 ރަށުގައި ކޮންމެ އަހަރަކު ކުރީގެ މެންބަރު ހުސައިން ވަހީދުގެ ހަނދާނުގައި 'އެމްޕީކަޕް"ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުން

  • 3 ރަށުން ރަމަޟާން މަހު އުމްރާއަށް މީހަކު ފޮނުވުން

ހަންނާންގެ ވައުދުތައް: ތިން ރަށަށް އޭނާ ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައި

ފަސްމަންޒަރު - ހަންނާން އިންތިހާބާ ދިމާކޮށް ގިނަ ވައުދުތަކެއް ވީއިރު، ސަރުކާރުން ވަނީ މި އިންތިހާބާ ދިމާކޮށް ގިނަ މަޝްރޫތަކެއް އެ ދާއިރާގައި ފަށައިފަ އެވެ. އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން:

  •  އިންތިހާބު އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، ތާއީދު ހޯދަން ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާއްމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެ ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން ނުވަތަ ކުރަން އުޅުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ

  • އެފަދަ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 12،000ރ. އާއި 48،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް