ރަޝިއާގެ އެންމެ މުއްސަނދި މީހާ، އެލެކްސިއާ މޮރްދަޝޯވްގެ ސުޕަޔޮޓް، 'ނޯޑް' ރާއްޖޭގައި. (ފޮޓޯ/ޝާހު ޝާހިދު)

ޓޫރިޒަމް

ރަޝިއާގެ އެންމެ މުއްސަނދި މީހާ ސުޕަޔޮޓުގައި ރާއްޖެއަށް

ދިގުމިނުގައި 142 މީޓަރު ހުންނަ މި ޔޮޓު ކަނޑަށް ބާލާފައި ވަނީ މިދިޔަ އަހަރު
12 ޖެނުއަރީ 2022

ރަޝިއާގެ އެންމެ މުއްސަނދި މީހާ، އެލެކްސިއާ މޮރްދަޝޯވް އޭނާގެ ސުޕަޔޮޓް 'ނޯޑް'ގައި ރާއްޖޭ އައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ވީ ކިހިނެއް؟ - ދިވެއްސެއް ކަަމަށްވާ ޝާހު ޝާހިދު އިއްޔެ ނަގާފައިވާ ފޮޓޯއަކުން ފެންނަނީ 'ނޯޑް' ބ. އަތޮޅުގެ ރިސޯޓެއްގެ ބޭރުގައި އަޅާފައި އޮއްވަ އެވެ. މި ފޮޓޯއާ ހަވާލާދީ، ދުނިޔޭގައި އޮޕަރޭޓުކުރާ ސުޕަޔޮޓުތަކުގެ ދަތުރުތައް ޓްރެކުކުރާ ވެބްސައިޓުތަކުން ވެސް ވަނީ 'ނޯޑް' ރާއްޖޭގައި އޮތް ކަމަށް ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް، އެލެކްސިއާ މޮރްދަޝޯވް ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައިކަން ސާފެއް ނުވެ އެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކާއި ހޮޓާތައް ހިންގާ އެއް ޗެއިން ކަމަށްވާ ފޯ ސީޒަންސްގެ ޕްރައިވެޓް އައިލެންޑް ވެސް އޮންނަނީ ބ. އަތޮޅުގަ އެވެ. މީގެ އިތުރުން ވެސް ރާއްޖެ އާއި ބޭރުގެ ވިޔަފާރިވެރިންގެ ރިސޯޓުތައް އެ އަތޮޅުގައި ގިނަ އެވެ.

އެލެކްސިއާ މޮރްދަޝޯވް އަކީ ކާކު؟

ފޯބްސް އިން އަހަރަކު އެއް ފަހަރު ނެރޭ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ރޭންކިންގެ އެންމެ ފަހުގެ އަދަދުގައި އެލެކްސިއާ މޮރްދަޝޯވް ހިމަނާފައި ވަނީ ރަޝިއާގެ އެންމެ މުއްސަނދި މީހާގެ ގޮތުގަ އެވެ.

ރިއަލްޓައިމްކޮށް އަޕްޑޭޓުކުރާ ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައި މި ވަގުތު އެލެކްސިއާ މޮރްދަޝޯވް ހިމަނާފައި ވަނީ ދުނިޔޭގެ 56 ވަނައަށް އެންމެ މުއްސަނދި މީހާގެ ގޮތުގަ އެވެ.

އެގޮތުން:

  • އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 29 ބިލިއަން ޑޮލަރު (448 ބިލިއަން ރުފިޔާ) އެބަހުރި

  • އޭނާ އަކީ ރަޝިއާގައި ސްޓީލް އުފައްދާ ކުންފުނިތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ ބޮޑު ކުންފުނި، ސެވަސްޓަލްގެ އެންމެ ބޮޑު ހިއްސާދާރު

  • މައިންކޮށްގެން ރަން ނަގާ ވިޔަފާރިއަކާއި ކަރަންޓު އުފެއްދުމުގައި ބޭނުންކުރާ އާލާތްތައް އުފައްދާ ކުންފުންޏެއް ވެސް އޭނާ ހިންގާ

  • ރަޝިއާގެ އެންމެ ބޮޑު ބޭންކާއި މުއާސަލާތީ ކުންފުނީގައި ވެސް އޭނާގެ ހިއްސާ އޮވޭ

ރަޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އެލެކްސިއާ މޮރްދަޝޯވް، ރަޝިއާގެ ރައީސް ލެޑިމިއާ ޕޫޓިންއާ އެކު 2018ގައި ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން.

'ނޯޑް' ސުޕަޔޮޓަށް ބަލާލުމެއް

  • ދިގުމިނުގައި 142 މީޓަރު ހުރޭ

  • މި ޔޮޓު ބަނދެފައި ވަނީ ޖަރުމަނުގެ މަޝްހޫރު ބޯޓުޔާޑު، ލާސެންގައި

  • ޔޮޓުގެ އެތެރެ އާއި ބޭރު ފަރުމާކޮށްފައި ވަނީ އިޓަލީގެ ޑިޒައިން ފާމެއް ކަމަށްވާ ނުވޮލާރީ ލެނާޑުން

  • މި ޔޮޓު ބަނދެ ނިންމައި ކަނޑަށް ބޭލީ މިދިޔަ އަހަރު

  • ސްޓީލް އަދި އެލުމިނިއަމުން ބަނދެފައިވާ މި ޔޮޓު ފަރުމާކޮށްފައި ވަނީ، އަސްކަރީ މަނަވަރެއްގެ ބައްޓަމަށް

  • ހަ ބުރިއަށް ހަދާފައިވާ މި ޔޮޓުގައި 20 ކެބިން (ކޮޓަރި) ހުރޭ

  • މި ޔޮޓުގައި އެއްފަހަރާ ޖުމްލަ 36 މީހުންނަށް ދިރިއުޅެވޭނެ

  • ހެލިކޮޕްޓަރަކާ އެކު އޮޕަރޭޓުކުރާ މި ޔޮޓުގެ ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕެޑެއް ހުރޭ

  • ހޭލިކޮޕްޓަރު ނުދުއްވާ ވަގުތުތަކުގައި ރައްކާތެރިކަމާ އެކު ބާއްވަން ވަކި ހާއްސަ ތަނެއް ހުރޭ

  • ޔޮޓުގެ އެންމެ އަޑީ ޑެކުގައި ކުޅިވަރު ކުޅެ، ޑައިވްކުރެވޭނެ ސެންޓަރެއް ހުރޭ

  • ޔޮޓުގެ މައި ޑެކުގައި ސުވިމިން ޕޫލެއް އޮވޭ

ސުޕަޔޮޓް 'ނޯޑް'އާ ބެހޭ ވީޑިއޯއެއް

އެނގުން މުހިންމު - ޔޫރަޕްގެ ފިނި މޫސުމާ އެކު މިއީ ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނެވެ. އެހެންވެ، މި ދުވަސްވަރު މުއްސަނދިންގެ އިތުރުން، މަޝްހޫރު ފަންނާނުންނާއި ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް