ތާރީހުގައި ކާޓިޔާގެ ނަން ލިޔެވޭނީ ޖައްވަށް ދިޔަ މެކްސިކޯއަށް އުފަން ފުރަތަމަ އަންހެން މީހާގެ ގޮތުގައި

އަންހެނުން

ކާޓިޔާ: ޖައްވަށް ދިޔަ މެކްސިކޯއަށް އުފަން ފުރަތަމަ އަންހެނާ

ކާޓިޔާ އަކީ ޖޯން ހޮޕްކިންސް ޔުނިވާސިޓީގައި މާސްޓާސްއަށް ކިޔަވަމުން އަންނަ ދަރިވަރެއް

މުހިންމު ނުކުތާތައް

ކުޑައިރު އެމެރިކާއަށް ހިޖުރަކުރި އިރު އިނިގިރޭސި ބަސް ނޭނގޭތީ ދަތިތަކާ ކުރިމަތިވި

މެކްޑޮނަލްޑްސްގައި މަސައްކަތްކޮށް އާއިލާގެ ހަރަދު ބެލެހެއްޓި

ނާސާގެ މަޝްހޫރު ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގައި މަަސައްކަތް ކޮށްފައިވޭ

ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިންގެ ރޮކެޓެއްގައި ޖައްވަށް ގެންދިޔަ ފަސިންޖަރުންގެ ފަސްވަނަ ގުރޫޕުގައި، މެކްސިކޯ އަށް އުފަން އަންހެނަކު ހިމެނުނެވެ. މިއީ މެކްސިކޯ އަށް އުފަން އަންހެނަކަށް މިފަދަ ފުރުސަތެެއް ލިބުނު ފުރަތަމަ ފަހަރެވެ.

ހުޅަނގު ޓެކްސަސްގައި ހުންނަ ބްލޫ އޮރިޖިންގެ ޓާމިނަލަކުން ފޮނުވާލި 60 ފޫޓުގެ ސަބްއޯބިޓަލް ރޮކެޓުގައި ދުނިޔޭގެ ބިމުން 62 މޭލަށް ވުރެ މައްޗަށް ހަ މީހުން ގެންދިޔަ އެވެ. މި ދަތުރުގައި ޖައްވުގައި އުޅުމުގެ އިހްސާސް އެ މީހުންނަށް ކުރެވޭނެ އެވެ. ބަރުދަން ނެތް ކަމުގެ އިހްސާސް މަދު މިނެޓުކޮޅަކަށް ތަޖުރިބާކޮށްލެވޭނެ އެވެ.

މި ދަތުރުގައި ބައިވެރިވި ގިނަ ފަސިންޖަރުންނަކީ އެކަމަށް ގިނަ އަދަދަކަށް ފައިސާ ހޭދަކޮށްފައިވާ މީހުންނެވެ.

އެކަމަކު މެކްސިކޯގެ ގުއަޑަލަހާރާގެ އިންޖިނިއަރެއް އަދި ސައިންސް ކޮމިއުނިކޭޓަރެއް ކަމަށްވާ އުމުުރުން 26 އަހަރުގެ ކާޓިޔާ އެޗަޒަރެޓާ ހޮވާފައިވަނީ 'ސްޕޭސް ފޯ ހިއުމޭނިޓީ'ގެ ނަމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުންނެވެ. މި މިޝަންގައި ބައިވެރިވުމަށް އޭނާ ނެގީ އެތައް ހާސް ބައެއްގެ ތެރެއިންނެވެ.

އުމުރުން 7 އަހަރުގައި އިނގިރޭސި ބަސް ނޭނގޭތީ ކާޓިޔާ އަށް ކުރިއަށް ދާން އުނދަގޫވާނެ ކަމަށް ޓީޗަރުން ބުނެފައިވޭ

އެ ޖަމިއްޔާގެ އަމާޒަކީ ޖައްވަށް "ހާއްސަ ލީޑަރުން" ފޮނުވުމެވެ. މަގްސަދަކީ އެމީހުންނަށް "އޯވާވިއު އިފެކްޓް" ތަޖުރިބާކުރުމަށް ފުރުސަތު ހޯދާ ދިނުމެވެ. އޯވާވިއު އިފެކްޓަކީ، ޖައްވަށް ގޮސްފައިވާ އެސްޓްރޮނޯޓުން ބުނާ ގޮތުގައި، ޖައްވީ އުޅަނދަކުން ދުނިޔެ ބަލާލުމުން މީހާގެ ނަޒަރިއްޔާތަށް އަންނަ ވަރަށް ފުން ބަދަލެކެވެ. މިކަން ޖައްވީ އުޅަނދުތަކުން ގިނައިން ރިޕޯޓްކުރެ އެވެ.

ކާޓިޔާ ސީއެންއެން ބިޒްނަސް އަށް ބުނެފައިވަނީ އޭނާ އަށް އޯވާވިއު އިފެކްޓް ތަޖުރިބާ ކުރެވުނީ ވަރަށް އަމިއްލަ ގޮތަކަށް ކަމަށެވެ.

"ތިރިއަށް ބަލާލުމުން އެންމެން ފެނޭ، އަހަރެމެންގެ ހުރިހާ މާޒީއެއް، އަހަރެމެންގެ ހުރިހާ ގޯސްތަކެއް، އަހަރެމެންގެ ހުރިހާ ހުރަސްތަކެއް، އެ ހުރިހާ ކަމެއް — ހުރިހާ ކަމެއް ފެނޭ،" ކާޓިޔާ ބުންޏެވެ.

ކެލިފޯނިއާގައި ހުންނަ ނާސާގެ މަޝްހޫރު ލެބޯޓްރީއެއްގައި ކާޓިޔާ މަސައްކަތް ކޮށްފައިވޭ

"އަދި އަހަރެން އަނބުރާ ތިރިއަށް އައި އިރު އަހަރެންނަށް ވިސްނުނީ އެހެން އަންހެނުން އަދި ލެޓީނާސް އާއި ހަމުގެ ކުލަ ތަފާތު މީހުންނަށް މި މަންޒަރު ދައްކަން އަހަރެން ބޭނުންވާކަން. އަހަރެން ބޭނުންވަނީ އެ މީހުންނަށް ވެސް ބުނެދޭން ޖައްވަށް ދާން ބޭނުން ނަމަ އެކަން ކުރެވޭނެއޭ. އެ މަސައްކަތް ކުރުމަށް އަަހަރެންގެ އޮތް އަޒުމް ވަރުގަދަވީ،" އޭނާ ބުންޏެވެ.

ކާޓިޔާ އަކީ ޖައްވަށް ދަތުރުކުރި، މެކްސިކޯއަށް އުފަން ފުރަތަމަ އަންހެނާ އެވެ. އަދި 1985 ވަނަ އަހަރު ނާސާގެ ސްޕޭސް ޝަޓްލްއެއްގެ މިޝަންގައި ބައިވެރިވި ސައިންސްވެރިއެއް ކަމަށްވާ ރޮޑޮލްފޯ ނެރީ ވެލާއަށް ފަހު ދެވަނަ އަށް ޖައްވަށް ދިޔަ މެކްސިކޯ މީހާ އެވެ.

އުމުރުން 7 އަހަރުގައި އެމެރިކާއަށް ހިޖުރަކުރި އިރު ކާޓިޔާ އަށް އިނގިރޭސި ބަސް ނޭނގޭތީ، އޭނާ އަށް ކުރިއަށް ދިއުމަށް އުނދަގޫވެދާނެ ކަމުގެ އިންޒާރުތައް ޓީޗަރުން ދީފައިވެ އެވެ. އެއީ ގަދައަޅާ މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް ކަމުގައި ކާޓިޔާ ބުނެފައިވެ އެވެ.

އެއްފަހަރާ ހަތަރު ވަޒީފާ އަދާ ކުރިން. އަހަންނަށް ވަރަށް މުހިއްމު ކަމަކަށް ވި ކޮލެޖު ނިންމުން

ކާޓިޔާ
މި ވަގުތު މާސްޓާސް ފުރިހަމަކުރަމުންދާ ކާޓިޔާ އަކީ އާދައިގެ އާއިލާއެއްގެ ކުއްޖެއް

އުމުރުން 17 އަހަރާއި 18 އަހަރުގައި މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރި އިރު ލިބުނު މުސާރައިން މުޅި އާއިލާގެ ހަރަދުތައް އޭނާ ބަަލަހައްޓަން ޖެހުނެވެ.

"އެއްފަހަރާ ހަތަރު ވަޒީފާ އަދާ ކުރިން. އަހަންނަށް ވަރަށް މުހިއްމު ކަމަކަށް ވި ކޮލެޖު ނިންމުން،" ކާޓިޔާ ބުންޏެވެ.

މިހާރު އޭނާ މަސައްކަތް ކުރަނީ ޖޯން ހޮޕްކިންސް ޔުނިވާސިޓީގައި އިންޖިނިއަރިން ދާއިރާ އިން މާސްޓާސް ފުރިހަމަ ކުރުމަށެވެ. ކެލިފޯނިއާގައި ހުންނަ ނާސާގެ މަޝްހޫރު ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގައި އޭނާ މީގެ ކުރިން މަަސައްކަތް ކޮށްފައިވެ އެވެ.

ކާޓިޔާ އަކީ ސޯޝަލް މީޑިއާގައި ވެސް ވަރުގަދަ މީހެކެވެ. ޓިކްޓޮކްގައި 330،000 ފޮލޮވަރުން ހޯދާފައިވެ އެވެ. ޔޫޓިއުބްގައި ސައިންސާ ގުޅޭ ޝޯއެއް ހޯސްޓް ކުރެ އެވެ. ސީބީއެސް އިން ދައްކާ 'މިޝަން އަންސްޓޮޕަބަލް' ކޮންމެ ހަފްތާބަންދަކު ހުށަހަޅައިދެ އެވެ.

ޖައްވަށް ދިއުމަށް އޭނާ އަށް ފުރުސަތު ދިން ސްޕޭސް ފޯ ހިއުމޭނިޓީ އަކީ 2017 ވަނަ އަހަރު އުފެއްދި ޖަމިއްޔާ އެކެވެ. ޑައިލަން ޓޭލާ ކިޔާ ސްޕޭސް އިންވެސްޓަރެއްގެ ޖަމިއްޔާ އެކެވެ. މިފަހުން އޭނާ ވެސް ވަނީ ބުލޫ އޮރިޖިންއާ އެކު ޖައްވަށް ދަތުރު ކޮށްފަ އެވެ.

ޖައްވަށް ދިއުމަށް ކާޓިޔާ ހޮވިފައިވަނީ އެތައް ބައެއްގެ ތެރެއިން.

"އަޅުގަނޑުމެން ހޯދަމުން ދިޔައީ  މުޖުތަމައުތަކުގައި ލީޑަރުންގެ ގޮތުގައި ތިބި މީހުން، ދާއިރާގައި ނުފޫޒު އޮތް ބައެއް.   މިހާރު ވެސް ހަގީގަތުގައި މޮޅު މަސައްކަތެއް ދުނިޔޭގައި ކުރަމުންދާ މީހުން، އަދި އެއީ ކޮންމެ ކަމެއް ވިޔަސް ޝައުގުވެރިކަމާ އެކު ކުރާ މީހުން،" ސްޕޭސް ފޯ ހިއުމޭނިޓީ އިން ބުނެފައިވެ އެވެ.

ކާޓިޔާ ބުނިގޮތުގައި އޭނާ ބޭނުންވަނީ އޭނާ ފަދަ އިންޖިނިއަރުންނަށް މިކަހަލަ ފުރުސަތުތައް ފަހި ކުރުމަށް ޕަބްލިކް ފިގާއަކަށް ވުމަށެވެ.

"އަހަރެން ދެކެމުން އައި ހުވަފެންތަކާ އެއްގޮތަށް ހުވަފެން ދެކޭ މީހުން މި ދުނިޔޭގައި އެބަތިބި. އެހެނަސް މި ތަނުން އެ މީހުންނެއް ނުފެނޭ. އަހަރެން ބޭނުން، އެ މީހުންނަށް ވެސް މިކަން ހާސިލުވާން. ފުރުސަތުތައް ފަހިވާން. އެކަމުގައި އެހީތެރިކަން އަހަރެން ބޭނުންވޭ،" އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް