ރައީސް ސޯލިހު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު އާޓިފިޝަލް ބީޗު ކުރިމަތީގައި، އެމްޑީޕީގެ މައި ހަރުގޭގެ ދޮރުމަތީގައި ސަޕޯޓަރުންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ވަގުތީ ނަތީޖާ: ރައީސް ސޯލިހަށް %61.1، ނަޝީދަށް %38.9

މިއީ ހުރިހާ ވޯޓު ފޮއްޓެއް ގުނާ ނިމި، އެމްޑީޕީން އާންމު ކުރި ވަގުތީ ނަތީޖާ

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އިންތިހާބު ކާމިޔާބުކުރެއްވީ %22 އިތުރަށް ހޯއްދަވައިގެންނެވެ. އެމަނިކުފާނު %61.1 ވޯޓު ހޯއްދެވި އިރު، ވާދަވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ %38.9 އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރިކަން ބޮޑު އެތެރޭގެ އިންތިހާބުގައި އެމްޑީޕީގެ 40،887 މެމްބަރުން އިއްޔެ ވޯޓު ލާފައިވެ އެވެ. އެއީ ވޯޓު ލުމުގެ ހައްގު އޮތް 57،255 މީހުންގެ %71.4 އެވެ. 

ޖެނުއަރީ 28، 2023: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލަނީ (ފޮޓޯ/އަބްދުﷲ އިޔާން)

މާލެ ސަރަހައްދުގެ ވޯޓު ފޮށިތަކުގެ އެވަރެޖް ނަތީޖާއަށް ބަލާއިރު:

  • ރައީސް ސޯލިހަށް ލިބިވަޑައިގަތީ %49.3 

  • ނަޝީދަށް ލިބިވަޑައިގަތީ %50.6

ނަމަވެސް، ރާއްޖޭގެ އުތުރުގެ ރަށްތަކުން ބޮޑު ތަފާތަކާ އެކު ގިނަ ވޯޓު ފޮށިތައް ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ވޯޓުލާ އާބާދީ މަދު ބައެއް ރަށްރަށުން އެމަނިކުފާނަށް %100 ވޯޓު ލިބިވަޑައިގެންނެވި އިރު، އުފަން ރަށް ޅ. ހިންނަވަރުގެ ފޮށިން %97.88 ލިބިވަަޑައިގަތެވެ.

ވޯޓު ލަމުން ދިޔަ ވަގުތު އެންމެ ބޮޑެތި ހަމަނުޖެހުންތައް ހިންގާ، ތިން ވޯޓު ފޮއްޓެއް ފަޅާލާފައިވާ ގދ. އަތޮޅުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ %61.52 އެވެ. ދެކުނުގެ އަތޮޅުތަކުގެ ނަތީޖާ ވާދަވެރިވެފައި ކައިރިކުރި ނަމަވެސް، ކުރި ލިބިފައިވަނީ ރައީސަށެވެ.

މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެ ކައިރިއަށް ރޭ އެއްވެ އުފާފާޅުކުރަމުން ގެންދިޔަ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ މިހާރު ވާދަވެރިކަން ނިމިއްޖެ ކަމަށާއި ޕާޓީ އެކުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ނުކުންނަންވީ ކަމަށެވެ.  

ޖެނުއަރީ 28، 2023: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލުމަށް ޖަމާލުއްދީން ސްކޫލަށް ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެނގުން މުހިއްމު - ރައީސް ސޯލިހު ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރެއްވި ނަމަވެސް، ޕާޓީގެ ރައީސް ނަޝީދު މިހާތަނަށް ބަލި ގަބޫލުކުރައްވާފައެއް ނުވެ އެވެ.

ވޯޓު ގުނައި ވަގުތީ ނަތީޖާތައް ނެރެމުން ދިޔަ ވަގުތު،  ނަޝީދުގެ ކެމްޕޭނުން ބުނެފައިވަނީ ރައީސް ސޯލިހު އިންތިހާބުގައި ކުރި ހޯއްދެވީ އާދަޔާހިލާފަށް ގިނައިން ވޯޓު ލާފައިވާ މަދު ފޮށިތަކަކުން ކަމަށެވެ. އެމަނިކުފާނުގެ ފަރާތުން ނެރުނު ކުރު ބަޔާނެއްގައި، ނަތީޖާ ޝީޓުތައް ރަނގަޅަށް ބަލާ ދިރާސާ ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

ޖެނުއަރީ 28، 2023: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތިނަދޫގައި ވޯޓުފޮށި ފަޅާލުން (ފޮޓޯ/ހުސެއިން އާހިލް އަހްމަދް)

ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ވޯޓާސް ލިސްޓުގައި ނަން ނެތް ކަމަށް ބުނެ އަދި އެކި ތުހުމަތުތައް ކޮށް، ހަމަނުޖެހުން ހިންގައި ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ފަޅާލާފައިވެ އެވެ. އަދި ބައެއް ފޮށިތަކަށް ވޯޓު ލާން ޖެހޭ އަދަދަށް ވުރެ އިތުރަށް މީހުން ވޯޓު ލާފައިވާ ކަމުގެ ޝަކުވާ ނަޝީދުގެ ސަޕޯޓަރުން ކުރަމުން ދެ އެވެ. އެ ޝަކުވާއާ ގުޅޭގޮތުން މިހާތަނަށް ޕާޓީގެ ބަހެއް ނުލިބެ އެވެ.

މާލެ، 28 ޖެނުއަރީ 2023 - ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު އާޓިފިޝަލް ބީޗު ކުރިމަތީގައި، އެމްޑީޕީގެ މައި ހަރުގޭގެ ދޮރުމަތީގައި ސަޕޯޓަރުންނާ އެކު އުފާފާޅުކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ރައީސް ސޯލިހު ބޮޑު ތަފާތަކުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވާފައިވަނީ، 'ޑަބަލް ޑިޖިޓް'ގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމަށް އެމަނިކުފާނު އިއްޔެ ވޯޓު ލުމަށް ފަހު ވިދާޅުވެފައި ވަނިކޮށެވެ.

ކޮމެންޓް (1)

އައްލާ

29 ޖެނުއަރީ 2023
މަރުހަބާ އިބޫ! ހަދާންކުރަންޖެހެނީ މިއީ އިބޫ ގެ މޮޅުކަމެއް ނޫންކަން، މިއީ ކައިރީގައި ތިބަ އިޚުލާސްތެރި އެތައް ބަޔެއްގެ ބުރަ މަސައްކަތް ކަން... އެމީހުން އެމަސައްކަތްކުރީ އިބޫ އަންނި އަށްވުރެ މަޑުމައިތިރިވެފަ، ޚުލްގުހެޔޮ ބޭފުޅެއްކަމައް ފެންނާތީ، އަދި ތެޅިގަނެގެން ކަންކަން ނުނިންމާ ވިސްނުންތެރިކަމާއެކު ވިސްނާފަ ކަންކަން ނިންމަވާ ބޭފުޅަށްވީތީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް