ސައްތާރު ބުޅި ހެދުމުގެ މަސައްކަތުގައި: ދިރިއުޅުމުން ފެންނަނީ މުޅިން ވެސް މަސައްކަތްތެރިކަން

ސައްތާރު: މަސްވެރިކަމާ ގުޅޭ މަސައްކަތުން ގަދަރުވެރި ދިރިއުޅުމެއް

އޭނާ ޖަހާ ބުޅިއަށް ޑިމާންޑް އޮވޭ؛ މަލިކުން ވެސް ގަނޭ
10 ޑިސެމްބަރު 2021
2

ޒުވާންކޮށް ހަށިގަނޑުގައި ވަރު ހުރި ދުވަސްވަރު އޭނާ ކުރީ ދޮށީގެ މަސްވެރިކަމެވެ. މަހަށް ގޮސްގެންނާއި އިހި ނަގައިގެން ދިރިއުޅުން ހަމަޖައްސައި ދަރިން ބޮޑުކުރި އެވެ. ދޮށީ އުމުރާ އެކު ކަނޑުގެ ރާޅުތައް ފަދައިން ގައިގެ ހަންގަނޑަށް ރޫ އަރައިފި އެވެ. އޭނާ ހުރީ ހިތްހަމަޖެހިގެންނެވެ. އަދިވެސް، ފުދުންތެރި ގަދަރުވެރި ދިރިއުޅުމެއް އޭނާ ވޭތުކުރަމުންދަނީ މަސްވެރިކަމާ ގުޅޭ ކަމެއްގަ އެވެ.

ރ. އިނގުރައިދޫ އަބްދުއް ސައްތާރު އިބްރާހިމްފުޅަކީ 14 ކުދިންގެ ބައްޕަ އެކެވެ. ސައްތާރު، 73، ބުނާ ގޮތުން ކަކުލުގެ އޮޕަރޭޝަނެއްް ކޮށްފައި ހުއްޓަސް އޭނާ އަދިވެސް ގަދަ އެވެ. މިހާރު ހުރީ، އޭނާގެ ބަހުން ނަމަ، "ކޫސަނި ބަލި" އެވެ. އެއީ ލޭމައްޗަށް ދިއުމާއި ހަކުރު މަތިވުމެވެ.

 ސައްތާރު އޭނާ ޖަހާފައިވާ ބުޅިތަކެއް ދައްކާލަނީ (ފޮޓޯ/މޯލްޑިވިއަން ލައިފްސްޓައިލް ފޮޓޯސް/މުހައްމަަދު މާލިކު)

އޭނާގެ މަސައްކަތަކީ ބުޅި ހެދުމެވެ. ސައްތާރު ޖަހާ ބުޅި ރާއްޖޭގެ އެކި ރަށްރަށުން މަސްވެރިން ގަނެ އެވެ. މަސް ދޯނި ބަނުމަށް އެންމެ މަޝްހޫރު އެއް އަތޮޅަކީ އޭނާގެ އަތޮޅު ކަމުގައިވާ އިރު، ސުނާމީގައި ސުންނާފަތިވެ ފަޅުވި ރ. ކަނދޮޅުދޫ މަސްވެރިންނާއި މަޑުއްވަރީ މަސްވެރިން، އޭނާގެ އަތުން، ބަރާބަރަށް ބުޅި ގަނެ އެވެ. އަދި މ. ދިއްގަރުން ފެށިގެން، މަސްވެރިކަން އެންމެ ފުޅާކޮށް ކުރާ ގއ. ވިލިނިގިއްޔާ ހިސާބަށް އެ ބުޅީގެ ޑިމާންޑް އެބަ އޮތެވެ. 

ސައްތާރު މޮޅު ބުޅިއެއް ޖަހާކަން އެނގެނީ އޭނާގެ ބުޅި ރާއްޖޭގެ ރަށްރަށުގެ އިތުރުން މަލިކަށް ވެސް ފޮނުވާތީ އެވެ. މި އަހަރުގެ މެދެއްހާ ހިސާބުގައި ވެސް 500 އެއްހާ ބުޅި ޖަހައި މަލިކަށް ފޮނުވާލި އެވެ. 'ދައުރު'އާ ވާހަކަދެއްކި އިރު ސައްތާރު ހުރީ އުފަލުން ފޮޅިފަ އެވެ.

މި ވިޔަފާރީގެ ފުރުސަތު އޭނާއަށް ފަހިވީ އޭނާގެ ދަރިއެއްގެ ފަރާތުން ކަމަށް ފަހުރުވެރިކަމާ އެކު ބުންޏެވެ.

"އަހަރެންގެ ދަރިޔަކު އުޅޭނެ ސަފާރީއެއްގައި. އޭނާއާ ދިމާވި މަލިކު މީހަކު ބުނީ ތި ރަށުން ބުޅިއެއް ހޯދައިދޭށޭ. އަހަރެން ބުނެފިން ދަރިފުޅާއޭ ބައްޕައަކަށް ނޭނގޭނެއޭ މަލިކުގައި ބޭނުންކުރާ ބުޅި ހުންނަ ގޮތެއް. ބައްޕައަށް އެއިން ބުޅިއެއް ހޯދައިދޭށޭ. އޭގެ ފަހުން މަލިކުގައި ބޭނުންކުރާ ކަހަލަ ބުޅިއެއް ދަރިފުޅު އެ މީހާގެ އަތުން ހޯދައިދިން،" ސައްތާރު ބުންޏެވެ.

މަސައްކަތް ކުރަނީ ބަހާލައިގެން. މާ ބޮޑު ކަމަކަށް ނުހަދާ. ސައްތާރު ޖަހާ ބުޅި މަލިކުން ވެސް ގަނޭ (ފޮޓޯ/މޯލްޑިވިއަން ލައިފްސްޓައިލް ފޮޓޯސް/މުހައްމަަދު މާލިކު)

އެއަށް ބެލުމުން އޭނާ އަށް ފެނުނީ ދިވެހި މަސްވެރިކަމުގައި ބޭނުންކުރާ ކަހަލަ ބުޅިއެކެވެ. ބުޅިއެއް 8ރ.ގެ މަގުން މަލިކަށް އޭނާ ބުޅި ވިއްކަ އެވެ.

ސައްތާރު މި ވިޔަފާރި ކުރާތާ ވީ ދެ އަހަރެއްހާ ދުވަހެވެ. ބުޅި ޖެހުމަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. އަމިއްލަ އަތުން ބުޅި ހަދައި ތިމަރަލުމަކީ ކާބަފައިންގެ ޒަމާނުގައި ވަރަށް އާއްމުކޮށް ކުރި މަސައްކަތެކެވެ. މި ޒަމާނުގައި މި މަސައްކަތް ކުރާ މީހުން ވަރަށް މަދެވެ.  

ފިޔަރި ޖަހައި ދަގަނޑު ފަތިކޮށްލައި އެއްވަރު ކޮށްލަނީ އެވެ. ދެން ހެޔޮވަރު ފަލަމިނަށް ކަފާލަނީ އެވެ. ހަތަރު އަރިއަށް ތަޅައި އެއްކޮޅު ދާރަ ޖަހައި ތުނޑެއް ގޮތަށް ހިމަކޮށްފައި އަނެއްކޮޅުގައި ފިލިތު ޖަހަނީ އެވެ. ބުޅީގެ ތުނޑުތައް ފީރަކުން ގާނައި ތޫނުކޮށް ބުޅި ބަހައްޓަން ބޭނުންވާ ސިފައަށް ބުޅި ލަނބަނީ އެވެ. ލެނބި ފަރާތް ނޫން އަނެއް ފަރާތަށް ފިލިތުކޮޅު ލަނބާލަނީ އެވެ. ދެން ތިމަރައަށް ލަނީ އެވެ. އޭގެ ކުރިން ބުޅިތައް ރާހުތަށް ލައި ސާފުކޮށްލަ އެވެ.

ސައްތާރު ވެސް ކަންކުރަނީ މިގޮތަށެވެ.

"ފިޔަރި ޖަހައި އެއްވަރުކޮށްލައި ކަންވާރު ލައްވަން ތޮރުފަން ފިލުތު ޖަހަނީ. ދެން ލަންބަނީ. އެއަށް ފަހު ތިމަރަ އަޅަނީ ރޭގަނޑު. ހެނދުނަށް ހުންނަނީ ނިމިފައި،" މަސައްކަތް ކުރާ ގޮތް ސައްތާރު ކިޔައިދިނެވެ.

ވަގުތު ބަހާލައިގެން މަަސައްކަތް ކުރާތީ ބޮޑު ކަމަކަށް ނުވެ އެވެ. ތަޖުރިބާއާ އެކު އަތްމަތި އަވަހެވެ. ދޮށީ އުމުރާ ބަލާފައި ހަލުވި އެވެ.

"މިހާރު ގާތްގަނޑަކަށް 43 މިނެޓު ތެރޭ 50 އެއްހާ ބުޅި ލަނބާލެވޭނެ،" ސައްތާރު ބުންޏެވެ.

ބުޅި ޖެހުމުގެ މަސައްކަތުގައި ސައްތާރު އަވަދިނެތި (ފޮޓޯ/މޯލްޑިވިއަން ލައިފްސްޓައިލް ފޮޓޯސް/މުހައްމަަދު މާލިކު)

"އަހަންނަކީ އެންމެ ކުޑަ އިރުއްސުރެ މަސްވެރިއެއް. ބުޅި ޖެހުމުގެ ކުރިން ފުރަތަމަ ދިޔައީ މަހަށް. މަހަށް ގޮސް ދެން ވަޑާންކުރަން ފެށީ. ބުޅި ޖަހަން ފެށީ، އަހަންނަށް ލިބުނީ ތެލެސީމިއާ ކުއްޖެއް. ލޭ އަޅާ ކުއްޖެއް. ދެން ރަށުން ބޭރަށް މަސައްކަތަށް ދާކަށް ރަނގަޅެއް ނޫން ކަމުގައި ރައްޓެހިން ބުނެފި އަހަރެން ގާތު. އެހެންވެ މަހަށް ދިއުން ހުއްޓާލީ،" ސައްތާރު ބުންޏެވެ. 

ބުޅި ޖަހަން ފެށީ، އަހަންނަށް ލިބުނީ ތެލެސީމިއާ ކުއްޖެއް. ލޭ އަޅާ ކުއްޖެއް. ދެން ރަށުން ބޭރަށް މަަސައްކަތަށް ދާކަށް ރަނގަޅެއް ނޫން ކަމުގައި ރައްޓެހިން ބުނެފި އަހަރެން ގާތު. އެހެންވެ މަހަށް ދިއުން ހުއްޓާލީ

ސައްތާރު

ވަޑިއެއް އަދި މުދިމެއް

ވަޑާމުގެ މަސައްކަތަކީ ތަފާތު ގޮތަކަށް އޭނާއަށް ފެށުނު ކަމެކެވެ. އެކަމަކު އާއިލީގައި ވަޑިން އުޅުނެވެ. އެހެންކަމުން ހުނަރު ވާރުތަވުން އެކަށީގެންވެ އެވެ.

"ބައްޕައަކީ މާވަޑިއެއް. ބައްޕަގެ ވަޑާން ކުރާ ސާމާނުގައި ދަބަރު ޖަހާތީ ސާފުކޮށްލައި އުނގުޅަން ހުއްޓާ މީހަކު ބުނީ، ކޮއްކޯއޭ، ތި އެއްޗެހި ދަބަރު ނުޖަހާ ގޮތެއް ބުނަންހޭ؟ ތި ބޭނުންކުރަން ފަށާށޭ،" ސައްތާރު ކިޔައިދިނެވެ.

"ދެން ތެދުއި ވަޑާން ކުރަން ފެށީ. މޭޒާއި ގޮނޑި ޖަހަން ފެށީ. އެއަށް ފަހު ކިއްސަރު ވަޑާން ފެށީ." 

ސައްތާރު ހަދާފައިވާ ބުޅިއެއް ދައްކާލަނީ (ފޮޓޯ/މޯލްޑިވިއަން ލައިފްސްޓައިލް ފޮޓޯސް/މުހައްމަަދު މާލިކު)

ހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް، ސައްތާރުގެ ހިތަށް އެންމެ ބޮޑަށް ހަމަޖެހުން ގެނައި ކަމަކީ މިސްކިތު މުދިންކަމެވެ. މުދިންކަން ކުރި މުއްދަތު އެންމެ ދުވަހެއް ވެސް އުނިނުކޮށް ތާޒާކޮށް ސިކުނޑީގައި ހުއްޓެވެ.

"ބާރަ އަހަރާއި 10 މަހާއި ހަ ދުވަހު މުދިންކަން ކުރިން،" ސައްތާރު ފަހުރުވެރިކަމާ އެކު ބުނެލި އެވެ.

މަސައްކަތުގެ ފަހުރަށް ފަހު ސައްތާރު ދެން ހިއްސާކުރަން ބޭނުންވީ އޭނާގެ ހަޔާތުގެ އުފާވެރިކަމުގެ ވާހަކަ އެވެ. އޭނާގެ އެންމެ ބޮޑު ފަހުރެވެ. އޭނާގެ ދަރިންނެވެ.

"ތިން ބަނޑަށް 14 ކުދިން އަހަރެންގެ އެބަތިބި. އެންމެ ހަގު ދެ ކުދިން ފިޔަވާ އެންމެން ވީ މާލޭގައި. ވާޒީފާގައި އުޅޭނީ. އޭޑީކޭ ލެބޯޓްރީގައި އުޅޭނެ. ދަތާ ބެހޭ ކްލިނިކެއްގައި ދެ އަންހެން ކުދިން އުޅޭ ނަރުސް ކަމު. ސަފާރީއެއްގައި އުޅޭ އެއް ކުއްޖަކު. ދެން ޑައިވް ޓީޗަރެއް. އަދި ކޯސްޓް ގާޑުގައި ވެސް އުޅޭ އެކަކު،" ސައްތާރު ބުނެލި އެވެ. 

ސައްތާރު ހަދައި ނިންމާފައިވާ ބުޅިތަކެއް (ފޮޓޯ/މޯލްޑިވިއަން ލައިފްސްޓައިލް ފޮޓޯސް/މުހައްމަަދު މާލިކު)

ސައްތާރުގެ އަންހެނުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ. ތިން ބަނޑަށް ދަރިން ތިބި ސައްތާރު ފަސް މީހުންނާ ކައިވެނި ކުރި އެވެ. އެކަމަކު އެއްވެސް އަތްބަނކު މަރު ނުވަނީސް އެހެން މީހަކާ ނީންނަ ކަމަށް ސައްތާރު ބުންޏެވެ.

އުމުރުން 73 އަހަރުގައި ވެސް، ސައްތާރުގެ ގައިގައި މަސައްކަތް ކުރާ ހިތްވަރު އެބަ ހުއްޓެވެ. ޅަ އުމުރުގައި ހަށިގަނޑުގައި ވަރު ހުރި އިރު ގަދަ ކަނޑުގައި އުޅެ ދިރިއުޅުން ބިނާކުރުމަށް ފަހު މިހާރު ވެސް އޭނާ އެ ކުރަނީ މަސްވެރިކަމާ ގުޅޭ މަސައްކަތެވެ.

ފަހަރުވެރި މަސްވެރިއަކަށް ނޫނީ ނުވާނެ އެވެ.

ކޮމެންޓް (2)

އެފްޖީ މަލިކު

11 ޑިސެމްބަރު 2021
މީނަ މިކުރަނީ ވަރަށް ފޯރިގަދަ މަސައްކަތެއް
1 0

ޙުސޭނު

11 ޑިސެމްބަރު 2021
ރ.އިނގުރައިދޫގަ އެންމެ ފުޅާ ދާއިރާއެއްގަ ތި މަސައްކަތް ކުރި އެކަކީ މުހުސިނު (އާންމު ނަމުން ނަމަ މުހުސިނުބޭ) ވަރަށް ސަލާމް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް