އުއްތަރަ ޕްރަދޭޝްގައި ހުރި މުސްލިމް އާއިލާއެއްގެ ގެއެއް ބުލްޑޯޒަރާއި އެކްސްވެޓަރު ބޭނުންކޮށްގެން ތަޅާލަނީ -- ފޮޓޯ. ސީއެންއެން

އިންޑިއާ

މުޒާހަރާ ކުރި އިންޑިއާގެ އެތައް މުސްލިމެއްގެ ގެދޮރު ތަޅާ ބިމާ ހަމަކޮށްލައިފި

އިންޑިއާގެ ބަހަރުތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ދެ ވެރިއަކު ކީރިތި ތަސޫލާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ހިމްހަމަނުޖެހިގެން މުޒާހަރާ ކުރި އުއްތަރަ ޕްރަދޭޝްގެ އެތައް މުސްލިމު ރައްޔިތެއްގެ ގެދޮރު އިންޑިއާގެ އޮފިޝަލުން ތަޅާ ބިމާހަމަކޮށްލައިފި އެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި، ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނުގެ ކަރު ބުރިކޮށް މަރާނެ ކަމަށް ބުނެ، ސޯޝަލް މީޑިއާއަށް ވީޑިއޯއެއް ލި މައްސަލާގައި ކަޝްމީރުގެ ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ.  އަދި ޔޫޓިއުބުގައި ދައުރުވަމުން ދިޔަ އެ ވޯޑިއޯ މިހާރު ވަނީ ނަގައިފަ އެވެ.

އިސްލާމް ދީނާ ދެކޮޅަށް ބީޖޭޕީގެ ދެ އޮފިޝަލަކު ކުރި ކޮންމެންޓަކާ ގުޅިގެން މުޅި އިންޑިއާގެ މަގުތަކަށް މުސްލުމުން ނުކުމެ، ބޮޑު ވަޒީރު ނެރެންދުރަ މޯދީގެ ބީޖޭޕީއާ ދެކޮޅަށް މިދިޔަ ހަފުތާގައި ވަނީ މުޒާހަރާކޮށްފަ އެވެ.

މުސްލިމުންނާއި ހިންދޫން ވަނީ ތަޅާފޮޅާފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާ ވެސް ވަނީ ކުރިމަތިލުން ހިނގައިފަ އެވެ.

އުއްތަރަ ޕްރަދޭޝްގައި ހުރި މުސްލިމް އާއިލާއެއްގެ ގެއެއް ބުލްޑޯޒަރާއި އެކްސްވެޓަރު ބޭނުންކޮށްގެން ތަޅާލަނީ -- ފޮޓޯ. ސީއެންއެން

ހަމަނުޖެހުން ހިންގައިގެން އުއްތަރަ ޕްރަދޭޝްގެ ފުލުހުންވަނީ 300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

އިންޑިއާގައި ބައިމަދު މުސްލިމުން ދެކެނީ ރަސޫލާއަށް ފުރައްސާރަކޮށް އެންމެ ފަހުން ހިންގި އަމަލަކީ މުސްލިމުންނަށް ޕްރެޝަރު ކުރުމާއި އެ މީހުން ނިކަމެތިކޮށްލުމަށް ގަސްދުގައި ހިންގި އަމަލެއް ކަމަށެވެ. އަދި ބީޖޭޕީގެ ވެރިކަމުގައި އަޅުކަން ކުރުމުގެ މިނިވަން ކަމާއި ބޭނުން ހެދުމެއް އެޅުމުގެ މިނިވަން ކަމަށް ވެސް ހުރަސްއަޅާ ކަމަށް ވެސް މުސްލިމުން ދެކެ އެވެ.

ބީޖޭޕީން ވަނީ އެ ޕާޓީގެ ތަރުޖަމާން ނުޕޫރު ޝަރުމާ ޕާޓީން ސަސްޕެންޑްކޮށްފަ އެވެ. އަދި އިތުރު ލީޑަރެއް ކަމަށްވާ، ނަވީން ކުމާރު ޖިންދާލު ޕާޓީން ވަކިކޮށްފަ އެވެ. ޝަރުމާ އާއި ޖިންދާލުގެ ކޮމެންޓާ ގުޅިގެން މުސްލިމު ބައެއް ގައުމުތަކާއި އިންޑާގެ ގުޅުމަށް ވެސް ވަނީ ކިލަނބުކަމެއް އައިސްފަ އެވެ.

ފުލުހުން ވަނީ އެ ދެ އޮފިޝަލުންނާ ދެކޮޅަށް މައްސަލަ ފައިލްކޮށްފަ އެވެ. ސަރުކާރުން ބުނީ އެ ދެ މީހުންގެ ކޮމެންޓަކީ ސަރުކާރުގެ ވިސްނުން ނޫން ކަމަށެވެ.

މުސްލިމުން ޑިމާންޑް ކުރަނީ އެ ދެ މީހުން ހައްޔަރު ކުރުމަށެވެ. އެހެން ނަމަވެސް ހައްދު ފަހަނައެޅި ހިންދޫން ގަބޫލުކުރަނީ އެ މީހުންނަކީ ހީރޯއިން ކަމަށާއި މޮޅެތި ޕޮލިޓީޝިއަނުން ކަމަށެވެ.

އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރު ޔޯގި އަދިޓަޔަނާތު ހަފުތާ ނިމެނިކޮށް އަމުރުކޮށްފައިވަނީ މުޒާހަރާ ކުރާ މީހުންގެ ގެދޮރު ތަލާ ސުންނާފިކޮށްލުމަށެވެ.

މުޒާހަރާ ލީޑް ކުރާ ކަމަށް ތުހުމަތު ކުރާ މުސްލިމު އަންހެން ކުއްޖެއްގެ ފުލުހުންގެ ކުރިމަތީގައި ވަނީ އެކްސްވޭޓަރު ބޭނުންކޮށްގެން އާދިއްތަ ދުވަހު ވަނީ ތަޅާލައި ބިމާހަމަކޮށްލައިފަ އެވެ. އަދި ހުކުރަށް ފަހު ގާ އުކި ކަމަށް ތުހުމަތު ކުރޭވޭ، އެ ސްޓޭޓްގެ އިތުރު ދެ މީހެއްގެ ގެ ވެސް ވަނީ ތަޅާލައިފަ އެވެ.

އިދިކޮޅު ލީޑަޜުން ބުނީ އަދިޓަޔަނާތުގެ ސަރުކާރުން މުޒާހަރާ ކުރާ މީހުންގެ އަޑުކަނޑުވާލުމަށް ހިންގާ އަމަލުތަކަކީ ގާނޫނު އަސާސީއާ ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށެވެ. 

އިންޑިއާގައި ހިނގާ ހަމަނުޖެހުމާ ގުޅޭ ގޮތުން ބޮޑު ވަޒީރު މޯދީ އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ހުޅަނގު ބެންގޯލްގައި ވަނީ އިމެޖެންސީ ގާނޫނުގެ ދަށުން މިއަދާ ހަމައަށް މީހުން އެއްވުން މަނާކޮށްފަ އެވެ.

ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ހުކުރު ދުވަހު ވަނީ ޒުވާން ދެ އަންހެން ކުދިން މަރުވެފަ އެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބަޑި ޖަހައިފަ އެވެ. އެ ދެ ކުދިން މަރުވީ ފުލުހުން ބަޑިޖެހުމުން ކަމެއް ނުވަތަ ނޫން ކަމެއް ޔަގީނެއް ނުވެ އެވެެ.

ގަތަރާއި ޔޫއޭއީ އާއި ކުވައިތާއި އޯމާން، އީރާން، ސައުދީ އަރަބިޔާއިން ވަނީ ސިޔާސީ ގޮތުން އެ މީހުންގެ ކޮމެންޓަށް ދެކޮޅު ހަދައިފަ އެވެ. އެ ގައުމުތަކަކީ އިންޑިއާ އާ އެކު ވިޔަފާރީގެ ގުޅުންތަކެއް އޮންނަ ގައުމެއް ވެސްމެ އެވެ. އެ ގައުމުތަކުން ގޮވާލަނީ އިންޑިއާ ސަރުކާރުން މައާފަށް އެދެން ޖެހޭނެ ކަމަށެވެ.

ޝަރުމާއަށް ބަޔަކު މަރުހަބާ ކިޔާ އިރު، އަނެއް ބަޔަކު ހިމާޔަތް ދެނީ --

އިތުރު އާޓިކަލް

އިތުރު އާޓިކަލް