ކްރީމް ޖެހި ބަނަސް: ކުރިންސުރެ ވެސް ގިނަ ބަޔަކަށް މީރު

ފުޑް

ކްރީމް ޖެހި ބަނަސް: އުފެދުނު ގޮތެއް ނޭނގޭ، އެނގެނީ ރަހަ މީރުކަން

މި އާދައިގެ އުފެއްދުމަށް މިހާރު ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ބޮޑު
9 އޮކްޓޯބަރު 2021
1

އެއީ ގޭގޭގައި ކަރަންޓު މިކްސަރު ހުންނަ ޒަމާނެއް ނޫނެވެ. އެކަމަކު މީރު އެތައް އެއްޗެއް ދައިން ހިމުންކޮށް، އެހާމެ ފައްކާކޮށް ދިވެހިން ތަފާތު އެއްޗެހި ހަދަމުން ދިޔަ އެވެ. އޭގެ ތެރެއިން އެއް އުފެއްދުމަކީ ކްރީމް ޖެހި ބަނަހެވެ. ފުނޑާ ދައިން ރޯ ހަކުރު މުގުރާ ހިމުންކުރި އެވެ. އެއަށް ބޭނުންވާ އެހެން އެއްޗެހި އަޅައިގެން ހަދާ ނިމޭ އިރު އެއީ މީރު ފޮނި ކްރީމްގަނޑެކެވެ.

ބަނަހަކީ ކުރިންސުރެ މާލޭ ރައްޔިތުންގެ މެދުގައި ވަރަށް ހިނގާ ހެދިކާއެކެވެ. ހުސްކޮށް ކެއުމުގެ ބަދަލުގައި ކްރީމް ޖަހާލުމުން އެއަށް އިތުރު މީރުކަމެއް ގެނެސްދެ އެވެ: ކްރީމް ޖެހި ބަނަސް އާންމުންގެ ތެރޭގައި މަގުބޫލު ފޮނި ކާއެއްޗަކަށް ވީ ފަހުން އޭރު ވެސް އަދި މިހާރު ވެސް، ވަރަށް ގިނަ ބަޔަކަށް ކަމުދެ އެވެ.

ކުރީގެ ހަނދާންތައް

އުމުރުން60 އަހަރުގެ އަންހެނަކު "ދައުރު"އަށް އޭނާގެ ހަނދާންތައް ކިޔައިދިނެވެ. މިހާރު މިކްސަރުގެ ބަދަލުގައި ދައި ގެންގުޅުނު އިރެވެ. އޭގައި ހަކުރު މުގުރަނީ އެވެ. ވެނީލާ އެސެންސް ދިވެހި މާކެޓަށް އައުމުގެ ކުރި ކަމަށް ވާތީ ބޭނުންކުރީ ފިނިފެނެވެ. ބިހުގެ ގޮބޮޅި އެވެ.

"އެއީ އަހަރެމެން ކުޑައިރު ވެސް މީރު ރަހައެއް،" އެ އަންހެންމީހާ ބުންޏެވެ.

މިހާރު ކްރީމް ޖެހި ބަނަސް ހަދާއިރު ބިހުގެ ގޮބޮޅި ބޭނުމެއްނުކުރެ އެވެ.

މިހާރު ފަސޭހަކޮށް

މިހާރު ކްރީމް ޖެހި ބަނަސް ހަދަނީ ފަސޭހަ ރެސިޕީއަކުންނެވެ. ހަކުރާއި ގެރިކިރާއި ވެނިލާ އެސެންސްކޮޅަކާއި ކާ ކުލަކޮޅެއް މިކްސަރުން އެއްްކޮށްލަނީ އެވެ. ކާކުލަ އަޅާއިރު އެންމެ އާއްމުކޮށް ފެންނަނީ ފިޔާތޮށި ކުލަ އާއި މަޑު ފެހި ކުލަ އެވެ.

ކްރީމްޖެހި ބަނަސް ހަދަން މައިގަނޑު ގޮތެއްގައި މި ތަކެތި ބޭނުންކުރި ކަމަށް ވިޔަސް ރަހައިގައި ތަފާތު ކަމެއް ހުރެ އެވެ. ބައެއްް މީހުން ބުނާ ގޮތުގައި ބޮޑަށް ކާ ހިތްވަނީ ފިޔާތޮށި އެވެ. އެކަމަކު ވަކި ކުލައަކުން ރަހަގަނޑަށް ބަދަލެއް ނާދެ އެވެ.

ހަވީރު ސަޔަށް ބައެއް މީހުން މިހާރު ވެސް ކްރީމް ޖެހި ބަނަސް ބޭނުންކުރޭ(ދައުރުފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)
ޒުވާނުންގެ މެދުގައި ކްރީމްޖެހި ބަނަަހަކީ މިހާރު ވެސް މަގުބޫލު ރަހައެއް(ދައުރުފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

ޒަމާންވީ ދިވެހި މި ހެދިކާ އަދިވެސް މަޝްހޫރެވެ. ހިނގަ އެވެ. ބައެއް ތަންތަނުގައި އަގު ތަންކޮޅެއް ބޮޑުވެދާނެ އެވެ. ބަނަސް ހަދަން ބޭނުން ނަމަ ލޮނުމެދު.ކޮމްގެ މި ލިންކަށް ޒިޔާރަތްކޮށްލާށެވެ.

މާލޭގެ އެކި ސަރަހައްދުގައި މިހާރު ހުޅުވާފައި ހުރި ކެފޭތަކުގައި ކްރީމްޖެހި ބަނަސް ދެ ޖިންސްގެ ޒުވާނުންގެ މެދުގައި ވެސް މަގުބޫލެވެ. ކިޔަވާ ކުދިން ކްލާސް ނިންމާ ބްރޭކެއް ނަގަން، ވަޒީފާގައި އުޅޭ ޒުވާނުން އޮފީސް  ނިންމާލައި ގެއަށް ދަމުން ކްރީމް ޖެހި ބަނަހެއް ކާލައި ކޮޮފީތައްޓަކުން ހިތްހަމަޖައްސާލަ އެވެ. 

ކްރީމްޖެހި ބަނަހެއް ކާން ޒުވާން އަންހެނަކު ކެފޭއެއްގައި: ބައެއް ކެފޭތަކުގެ ކްރީމް ޖެހި ބަނަސް މަގުބޫލު (ދައުރުފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

ހެންވޭރު ކޮޅުން "ކޮމްފުޑް ކެފޭ"ގައި ކްރީމް ޖެހި ބަނަހެއްގެ އަގަކީ 5 ރުފިޔާ އެވެ.

"ވަރަށް ބޮޑު ހިޓެއް މިތަނުގެ ކްރީމް ޖެހި ބަނަހަކީ،" ކެފޭ ހިންގުމުގެ ފަހަތުގައި ހުރި އެކަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.

"ބޮޑަށް މަޝްހޫރީ ޒުވާނުންގެ މެދުގައި. އަހަރުމެން މި ގެންގުޅެނީ މުޅިން އަމިއްލަ ރެސިޕީއެއް." 

އެވަގުތު ވެސް ޒުވާން ފުރައިގެ އަންހެން ކުއްޖަކު މަގުމަތީގައި ހުރި ބެންޗެއްގައި ކްރީމްޖެހި ބަަނަހެއް ކާން ހުއްޓެވެ. އޭނާ ބުނީ އެކި ތަންތަނުން ލިބެން ހުންނަ ކްރީމް ޖެހ ބަނުގެ ރަހަ ވަރަށް ތަފާތު ކަމަށެވެ.

"އަހަންނަށް ބޮޑަށް މީރީ ވީހާވެސް ދިޔާކޮށް އަދި ގިނައިން ކްރީމް ޖަހާފައި ހުރުމުން،" އޭނާ ބުންޏެވެ.

ގިނައިން ކްރީމް ޖެހުމުން  ގިނަ ބަޔަކު ގަޔާވާ ގޮތެއް ހުރޭ (ދައުރުފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)
ވަރަށް ފަސޭހައިން ހަދާލެވޭ އަދި މީރު އެއްޗެއް (ދައުރުފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

ދިލްބަހާރު މަގުގައި ހުރި 'ކުލަތައް ކެފޭ'އިން ކްރީމްޖެހި ބަނަސް ގަންނަން އެތައް ބަޔަކު ދެ އެވެ. އެތަނުގެ ކްރީމް ޖެހި ބަނަސް މީހުންގެ ތެރޭގައި މަޝްހޫރެވެ. 'ދައުރު' ޓީމުން އެދުވަހު ހަވީރު އެތަނަށް ޒިޔާރަތްކުރި އިރު އޮތީ އެންމެ ބަނަހެކެވެ. އެކަމަކު ގަންނަން މީހުން އަންނާނެތީ އިތުރު ބެޗެއް ހެދުމުގެ މަސައްކަތް ކުރިއަށް ދެ އެވެ.

"ހަވީރަށް ހަދާ ބަނަސްތައް ހައެއް ޖަހަންވާ އިރަށް ހުސްވޭ. އަލުން އަނެއްކާ ރޭގަނޑަށް ހަދަނީ،" އެތަނުގެ އެއް މުވައްޒަފު ބުންޏެވެ. 

ރޭގަނޑު ހަދާ ބަނަސްތައް ވެސް ބަންދު ކުރަންވާ އިރަށް އާންމުކޮށް ވިކި ހުސްވެ އެވެ. އެހެންކަމުން ކްރީމް ޖެހި ބަނަސް ކާން ވަކި ގަޑިއެއް ހާއްސަ ނޫންކަން އެނގެ އެވެ.

ކުދި އަދި އަލަށް ހުޅުވައިގެން އުޅޭ ކެފޭތަކުގައި ކްރީމް ޖެހި ބަނަސް ވެފައި ވަނީ އާންމު އެއްޗަކަށެވެ. ކުޑަ ހަރަދަކުން ހަދައި، ރަނގަޅު ފައިދާއެއް ލިބެ އެވެ. 

މާފަންނު ކޮޅުގައި ހުންނަ 'ޑެލިސިއާޒޯ' ކެފޭގައި ހުންނަ ކްރީމްޖެހި ބަނަސް އެހެން ތަންތަނާ ކުޑަ ތަފާތެއް ހުންނަކަން ފާހަގަކުރެވެ އެވެ. ކުލައިގެ ގޮތުން ވެސް ތަފާތެވެ. ކްރީމްގަނޑު އެހާ ފޮންޏެއް ނޫނެވެ. މަޑު ފިޔާތޮށިކަމެއް ހުރި މި ބަނަހުގެ ސައިޒު ބޮޑެވެ. ކްރީމްގަނޑުގައި ހުރީ އައިސިން ކަހަލަ ޓެކްސްޗާއެކެވެ. ކާލާއިރު ހީވަނީ ވިރޭ ހެންނެވެ.

ކްރީމްޖެހި ބަނަސް އޭރުވެސް މިހާރުވެސް މަގުބޫލު ރަހައެއް (ދައުރުފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

މިއީ ކާކުގެ ހިޔާލެއް ކަމެއް ނޭނގެ އެވެ. ގޭގޭގައި ކާން ތައްޔާރުކުރި އެއްޗެއް ގެއިން ބޭރުވެ، ފިހާރަތަކުގެ ހަރުގަނޑަށް ނުވަތަ ހޮޓާތަކުގެ މޭޒު މައްޗަށް ނެރުނީކަން ވެސް، މިހާރުގެ މީހުންނަކަށް ޔަގީންކަމާ އެކު ބުނާކަށް ނޭނގެ އެވެ. އެނގޭ ކަމަކީ 1900ގެ އަހަރުތަކުގެ ކޮންމެވެސް ހިސާބެއްގައި މާލޭގައި ހަދަން ފެށި ބަނަސް ބޭނުންކޮށްގެން އާ އުފެއްދުމެއް ކޮންމެވެސް ބަޔަކު، ކޮންމެވެސް ގެއަކުން، ހެދި ކަމެވެ. އަދި އެ މަޑުމަޑުން އާންމުވަމުން ގޮސް މާލެ ތެރެއަށް ފެތުރުނުކަމެވެ.

އޭރު މިހާރު ލިބެން ހުންނަ ކަހަލަ ގިނަ ބާވަތްތަކުގެ ފޮނި ކާނާއެއް ނުހުރެ އެވެ. އެކަމަކު ކްރީމް ޖެހި ބަނަހުގެ ނުފޫޒު ގަދަ ކަމަކީ އަދިވެސް ގިނަ ބަޔަކަށް އެ ކަމުދާކަމެވެ. އަދި އެކި މީހުން އަމިއްލަ ގޮތްގަނޑެއް ބޭނުންކުރަމުން މި ފޮނި ކާނާ ދަމަހައްޓަން މަސއްކަތްކުރާ ކަމެވެ.

ސުވާލެއް އެބަ އޮތެވެ: ގިނަ ކެފޭތަކާއި ހޮޓާތަކުގައި ކްރީމްޖެހި ބަނަސް ވިއްކަން ހުންނަ އިރު އެންމެ މީރީ ކޮން ތާކު ހެއްޔެވެ؟ އުނދަގޫ ސުވާލެކެވެ. އެކަމަކު މާލޭގައި ކްރީމްޖެހި ބަނަސް މީރުވެގެން އެ ގަންނަން ބައެއް މީހުން ދާ ހާއްސަ ކެފޭތައް އަންނަނީ އުފެދެމުންނެވެ.

ކޮމެންޓް (1)

ސަލްވާ

9 އޮކްޓޯބަރު 2021
ކޮމްފުޑްގެ ކިރިމި ޖެހި ބަނަސް އެއީ ހަމަ އެއްވަނަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް