ނޯވާ މޯލްޑިވްސްގެ ވިލާ އެޓެންޑެންޓް ގައްސާން

ސާފުކޮށް ތަންމަތިއަޅައިދޭ މި ޒުވާނާގެ ފަންނުވެރި މެހުމާންދާރީ

އުމުރުން 19 އަހަރުގެ މުހައްމަދު ގައްސާން އޭނާގެ ރިސޯޓު ވަޒީފާގެ ރަސްމީ ޒިންމާ އަދާކުރުމުގެ އިތުރުން ޒީނަތްތެރި ކުރެހުންތަކުން ގެސްޓުންނަށް އުފާވެރިކަން ގެނެސްދޭ
4 ނޮވެމްބަރު 2022
4

ރާއްޖޭގެ ފަތުރުވެރިކަމަށް މިވީ 50 އަހަރުގެ ތެރޭގައި ރިސޯޓްތަކުން މެހުމާނުން އުފާ ކޮށްދިނުމަށް އެންމެ އާއްމުކޮށް ކުރަމުން އައި އެއް ކަމަކީ ކޮޓަރީގެ އެނދު ޒީނަތްތެރިކުރުމެވެ. މިއީ މާ ބޮޑު ކަމެއްހެން ހީނުވިޔަސް، ފަންވަތާއި މަލުގެ ޗާލު ފަރުމާތަކުން މަރުހަބާ ކިޔުމުގެ ސަގާފަތަކީ "މޯލްޑިވްސް އެކްސްޕީރިއެންސް"ގެ ބައެކެވެ.

ކަވި މި މަސައްކަތް ކުރަނީ ރިސޯޓުތަކުގެ ހައުސްކީޕީން މުވައްޒަފުން އެކަމާ ވަރަށް ބޮޑަށް ގަޔާވެގެން ލޯތްބާ އެކުގަ އެވެ. ނޯވާ މޯލްޑިވްސްގެ ވިލާ އެޓެންޑެންޓް މުހައްމަދު ގައްސާން، 19، އަކީ އެފަދަ ޒުވާނެކެވެ.

ގައްސާން ފަންވަތުން އެނދެއް ޒީނަތްތެރިކޮށްފައި

ރ. އުނގޫފާރު ގައްސާންގެ ވަޒީފާގެ ޒިންމާ އަކީ އޭނާ ބަލަހައްޓާ 11 ކޮޓަރި ދުވާލަކު ދެ އިރު ސާފުކޮށް އެނދުތަންމަތި އެޅުމެވެ. ރިސޯޓުން ކަނޑައަޅާފައިވާ ވަކި މިންގަނޑުތަކަކާ އެއްގޮތަށް ކުރާ އެ މަސައްކަތުގައި އޭނާ އުޅެނީ ބުރަކޮށެވެ. އެކަމަކު އެ ޒިންމާގެ އިތުރުން ގައްސާން އަންނަނީ އޭނާގެ އާޓް އެންޑް ކްރާފްޓްގެ ހުނަރު ބޭނުންކޮށްގެން ވެސް ގެސްޓުން ހިތްއުފާކޮށްދެމުންނެވެ.

ސްކޫލް ދައުރުން ފެށިގެން އާޓަށް ޝައުުގުވެރިކަން ހުންނަ ގައްސާން އޭނާ ބަލަހައްޓާ 11 ކޮޓަރީގައި ތިބޭ ގެސްޓުންގެ އެނދުގައި ފަންވަތާއި މާ ބޭނުންކޮށްގެން އެކި ޑިޒައިންތައް ހަދައި ޒީނަތްތެރިކުރެ އެވެ. އަދި ކޮޓަރީގެ ޑެކުގައި ވެލިން ދިވެހިރާއްޖެ ސިފަކޮށްދޭ މަންޒަރުތައް ކުރަހަ އެވެ. ބައެއް ގެސްޓުންނަށް ކާށީގައި ކުރަހާފައި ނުވަތަ ބޮލިން ތަފާތު އެއްޗެހި ހަދާފައި ދިނުމަކީ ވެސް އޭނާ ކުރާ ކަމެކެވެ. ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ހަނދާނެއްގެ ގޮތުގަ އެވެ.

"އެއީ ޖޮބްގެ ބައެއް ނޫން. ގެސްޓުން ހިތްހަމަޖައްސާލަން ހަދާ އެއްޗެހި،" ގައްސާން ބުނެލި އެވެ.

ގައްސާން ފަންވަތާއި މަލުން ކުރެހުން އަޅާފައިވާ އެނދެއް

ރިސޯޓްތަކުގައި ވަކި ޕެކޭޖެއްގެ ދަށުން ފަތުރުވެރިންނަށް ވެޑިން އެނިވާސަރީ، ކައިވެނި އަދި އުފަންދުވަސް ފާހަގަކޮށްދިނުމަށް ޒީނަތްތެރި ކުރުމަކީ އޮންނަ ކަމެއް ކަމުގައިވިޔަސް ގައްސާން އޭނާގެ މެހުމާނުންނަށް އެކަން ކޮށްދެނީ އަމިއްލަ އިސްނެގުމަށެވެ. އޭނާ ކުރާހިތްވާ ކަމަކަށް ވާތީ އެވެ.

ގައްސާން ބުނިގޮތުގައި ގިނަ ފަހަރަށް ގެސްޓުން ކޮޓަރިން ބޭރުގައި އުޅެފައި އަނބުރާ ކޮޓަރިއަށް އަންނަ އިރު އޭނާގެ މަސައްކަތް ފެނުމުން ތަފާތު އުފާވެރިކަމެއް އިހްސާސްކުރެ އެވެ. މި މަސައްކަތުން އޭނާ އަށް ލިބޭ އެންމެ ބޮޑު އުފަލަކީ ވެސް ފަތުރުވެރިންގެ މޫނުމަތިން ފެންނަ ހިނިތުންވުމެވެ. 

ގައްސާން ދޮންވެލިން ތައްޔާރުކޮށްފައިވާ ކުރެހުމެއް: މި ގޮތަށް ކޮޓަރީގެ ޑެކް ޒީނަތްތެރިކުރުމަކީ ފަހުގެ ޓްރެންޑެއް

ގެސްޓުން ހެނދުނުގެ ނާސްތާއަށް ފަހު މޫދަށް ދާން ނައްޓާލުމުގެ ކުރިން ގައްސާންއާ ބައްދަލުވެ އެވެ. އެއީ އޭނާއަށް އެމީހުންގެ ހިޔާލު ހޯދާލަން ލިބޭ ވަގުތުކޮޅެކެވެ.

"އެންމެ ރީތީ ރާއްޖޭގެ މޫދުގައި އުޅޭ ކޯއްޗެއްތޯ އަހާފައި ސްކެޗްކޮށްލާ ހަދަނީ. ބައެއް ފަހަރު ކުރަހަނީ ގެސްޓުން ކުރިމަތީގައި. އެމީހުންގެ ބައިވެރިވުން އޮވޭ ޑެކުގައި ދޮންވެލިން މަސައްކަތް ކުރާ އިރު. ވަރަށް ގިނަ ގެސްޓުން ވީޑިއޯ ވެސް ކުރޭ،" ގައްސާން ބުންޏެވެ.

ބައެއް ގެސްޓުން އޭނާ މަސައްކަތް ކުރާތަން ފެނި ފަންވަތުން އެއްޗެހި ހަދަން ޝައުގުވެރިވެ އެވެ. އަދި ފުރުމުގެ ކުރިން ކުރަހާފައި ގައްސާން ދޭ ހަދިޔާ ގެސްޓުންނަށް ނުހަނު ކަމުދެ އެވެ.

"ފުރަން އޮންނަ ދުވަހު [ހަދިޔާ] ދެނީ. ވަރަށް އުފަލުން ތިބޭނީ. ބުނަން ވެސް ބުނާނެ އުފަލުންނޭ މި ދަނީ،" ގައްސާން ބުންޏެވެ.

ގައްސާން ކޮށްފައިވާ ދޮންވެލީގެ މަސައްކަތެއް

ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަށް ގައްސާން ޝައުގުވެރިވީ އުނގޫފާރުގައި ގްރޭޑް 10 ގައި ކިޔަވަމުން ދަނިކޮށް، ކައިރި ރިސޯޓެއްގައި ތަމްރީނެއް ހަަދަން ދަސްވާރު ޕްރޮގްރާމުން ލިބުނު ފުރުސަތަކާ އެކު އެވެ. އެ ރިސޯޓުގައި ދެ ހަފްތާގެ ހައުސްކީޕިން ތަމްރީން ފުރިހަމަ ކުރުމަށް ފަހު އެނބުރި ދިޔަ އިރު އޭނާ އަށް ރ. އަތޮޅުގެ އެހެން ރިސޯޓެއްގައި މަސައްކަތްކުރާނެ ފުރުސަތު ލިބުނެވެ. އދ. އަތޮޅުގައި އޮންނަ ނޯވާގެ ވަޒީފާއަށް އޭނާ ދިޔައީ އޭގެ ފަހުންނެވެ.

ހަގު އުމުރެއްގައި އާއިލާއާ ދުރުގައި ރިސޯޓެއްގެ ވަޒީފާގައި އުޅެމުން އޭނާ ދައްކަމުން އަންނަ ހުނަރުވެރިކަމާ މެދު ގައްސާންގެ އާއިލާ ފަހުރުވެރިވެ އެވެ. ގައްސާން ބުނިގޮތުގައި އޭނާގެ ފުރަތަމަ މަސައްކަތްތަކުގެ ފޮޓޯ ފެނުމުން އާއިލާގެ މީހުން ތިބީ ހައިރާންވެފަ އެވެ.

"މަންމަމެންނަށް ފުރަތަމަ ގަބޫލެއް ނުކުރެވޭ އެއީ އަހަރެންގެ މަސައްކަތެއް ކަމެއް ވެސް،" އޭނާ ބުންޏެވެ.

ގައްސާންގެ މަސައްކަތެއް: އާއްމުކޮށް މިފަދަ ހަދިޔާ އޭނާ ދެނީ ގެސްޓުން ފުރާ ދުވަހު

ސްކޫލް ދައުރުން ފެށިގެން އާޓްގެ މަސައްކަތް ކުރަމުންދާ މި ޒުވާނާ އަމިއްލައަށް ވެސް އޭނާގެ މަސައްކަތްތަކާ މެދު ފަހުރުވެރިވެ އެވެ. ފަންވަތުން ދޫނި ހަދައި ކަށިކެޔޮ ފަތާއި ބޮނބިން ދޯނި ހެދުމަކީ ވެސް އޭނާގެ ބައެއް ހުނަރުތަކެވެ. އެފަދަ އިތުރު އެއްޗެހި ހަދަން ދަސްކުރުމަކީ އޭނާގެ އަމާޒެވެ.  

އެކަމަކު، ހައުސްކީޕިން ތަޖުރިބާއާ އެކު، ރީއްޗަށް ތަންމަތި އެޅުމަކީ ގައްސާން އަށް މިހާރު އެއްވެސް ކަމެއް ނޫނެވެ. އެކަމަށް ހޭދަކުރަން ޖެހޭނީ ކުޑަ ވަގުތުކޮޅެކެވެ.

"އަމިއްލަ ގޭގައި އުޅުނު އިރު [ތަންމަތި] މާކަ ރީއްޗެއް ނުކުރަން،" ހިނިގަނޑަކާ އެކު ގައްސާން ބުނެލި އެވެ.

ގައްސާން ޒީނަތްތެރިކޮށްފައިވާ އެނދެއްގައި ދެ ފަތުރުވެރިޔަކު އިށީނދެލައިގެން

ރާއްޖެ އަންނަ ފަތުރުވެރިންނާ އެންމެ ގާތުން މަސައްކަތް ކުރާ އެއް ބަޔަކީ ގައްސާން ފަދަ ހައުސްކީޕިން މުވައްޒަފުންނެވެ. އެމީހުންގެ ހިދުމަތް ފަތުރުވެރިންގެ ހިތްހަމަޖެހުމާ ގުޅި ލާމެހިފައިވާލެއް ނުހަނު ބޮޑުވާނެ އެވެ. ކޮޓަރި ޒީނަތްތެރިކޮށްދީގެން ވެސް އެ މީހުން އެ ދައްކައިދެނީ ރާއްޖޭގެ ފުރިހަމަ މެހުމާންދާރީ އެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް މަަަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ބްރޭންޑަކަށް ވުމުގެ ފަހަތުގައި މިފަދަ ކުދި އެކަމަކު މާނަހުރި އެތައް ކަމެއް ހިމެނޭނެކަން ޔަގީނެވެ. 

ކޮމެންޓް (4)

ރިސޯޓު ބޯއި

4 ނޮވެމްބަރު 2022
ރިސޯޓުތަކުގެ ރޫމްބޯއީ ކުއްޖާ ކުރާ މަސައްކަތް އަގު ވަޒަން ކުރުމައްވުރެ ރިސޯޓުތަކުގެ އިސް މަގާމްތަކުގަ ތިބޭ މީހުންގެ އަގު ވަޒަން ކުރުން ގިނަ!
18 0

ްްްމުދައްރިސެއް

4 ނޮވެމްބަރު 2022
ޢަސްލުވެސް ވަރަށް އުފާވެއްޖެ. އަހަރެމެން އަބަދުވެސް އެދެނީ ތިގޮތުގައި ކުރިޔަށްދިޔުމާއި، ފުރިހަމަ ކާމިޔާބީއަށް.
32 0

ދިވެހިން

4 ނޮވެމްބަރު 2022
ކުޑަ މުސާރައަކަށް މި ކުއްޖާ ވެސް ބާކީ ނުކޮށްފިއްޔާ ރަނގަޅު.
33 0

ގާސިމް

4 ނޮވެމްބަރު 2022
ގެސްޓުންގެ ހިތްހަމަ ޖެހުން ގައްސާންއަށް ބޯކޮށް ޑޮލަރު ޓިޕްސް
28 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް