އިސީ މިޔާކޭ 1991 ވަނަ އަހަރު ފެޝަން ޝޯއެއްގައި

ފެޝަން

އިސީ މިޔާކޭ: ޖަޕާނުގެ ފެޝަން ދުނިޔެއަށް ނެރެދިން އެކަކު

ފަރުމާ ކުރުމުގެ އިންގިލާބީ މަސައްކަތްތަކެއް ކުރި މިޔާކޭގެ ހުނަރުވެރިކަން، ޖަޕާން ފެޝަން އާއި ޕޮޕްގެ ބައިނަލްއަގްވާމީ ހަބެއްގެ ގޮތުގައި ބިނާ ކުރަން އެހީއަކަށްވި
11 އޯގަސްޓު 2022

މުހިންމު ނުކުތާތައް

އޭނާ ހެދުން ފަރުމާކުރީ ފެޝަން، ޓެކްނޮލޮޖީ އަދި އާޓް ގުޅުވާލައިގެން

މިޔާކޭ ހެދުން ފަރުމާކުރީ ލާން ވެސް އަދި ލައިގެން ހިނގާބިނގާވެ އުޅެން ވެސް ފަސޭހަވާނެ ގޮތަށް

އޭނާގެ ތަފާތު ޑިޒައިންތައް ބައިނަލްއަގްވާމީ ފެޝަން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް ގެނައި

ޖަޕާނަށް ނިސްބަތްވާ މަޝްހޫރު ފެޝަން ޑިޒައިނަރު އިސީ މިޔާކޭ އަކީ ރޫ ނުޖެހޭ 'ޕްލީޓަޑް' ސްޓައިލުގެ ހެދުންތަކާއި އެޕަލްގެ ބާނީ ސްޓީވް ޖޮބްސް ލައި އުޅުނު 'ސިގްނެޗާ' ކަޅު ޓާޓްލް ނެކް ޓީޝާޓުގެ ފަހަތުގައިވާ ޑިޒައިނަރެވެ. މި ފާހަގަ ކޮށްލީ އޭނާގެ އިންގިލާބީ މަސައްކަތްތަކުގެ ތެރެއިން އަދި ކުޑަ ބައެކެވެ. 

ޖަޕާނުގައި 1980ގެ އަހަރުތަކުގެ ތެރޭ ފެޝަން ޑިޒައިންގެ އެންމެ މަތީ ފަންތީގައި ހިމެނުނު އަދި ޖަޕާނުގެ އިގްތިސޯދީ ކުރިއެރުމަށް އެހީތެރިވި ޑިޒައިނަރު އުމުރުން 84 އަހަރުގައި މިދިޔަ ހަފްތާގައި ވަނީ މަރުވެފަ އެވެ.

މިޔާކޭގެ ފަރުމާތައް މަގުބޫލުވެފައިވަނީ ލާން ވެސް އަދި ލައިގެން ހިނގާބިނގާވެ އުޅެން ވެސް ފަސޭހަ ހެދުންތަކަކަށް ވާތީ އެވެ. އޭނާގެ އަމިއްލަ ސްޓައިލެއްގެ 'ޕްލީޓްސް' ފުރަތަމަ އުފެއްދީ 80ގެ އަހަރުތަކުގެ ފަހުކޮޅުގަ އެވެ. އެއީ ފޮތިގަނޑު ދޭތެރެއަށް ކަރުދާސް ލައިގެން ރޫ ނަގައިގެން އެ ރޫތައް އިސްތިރި ކުރުމެވެ. މިޔާކޭ ފަރުމާކޮށްފައިވާ މި ހާއްސަ ރޫތަަކަކީ ކިތައްމެ ގޮތަކަށް ފަތްޖަހާ، ގުޅަ ކުރިޔަސް ހަލާކު ނުވާ ރޫތަކެކެވެ. އޭނަގެ 'ޕްލީޓްސް ޕްލީޒް' ކަލެކްޝަން އުފެދުނީ މި ހިސާބުންނެވެ. 

މިޔާކޭގެ ގިނަ ޕްލީޓްސް ހެދުންތަކުގައި އެއްވެސް ގޮށެއް އަދި ޒިބެއް ނުހުރެ އެވެ. އެއީ އަތްވަޅުންނާއި އުނަގަނޑުން ދޫކޮށް ހުންނަ، ކަރުވަޅު މާ ބޮޑު ނޫން، ފަސޭހައިން ލެވޭ ހެދުންތަކެކެވެ. އެއީ މި ޒަމާނުގެ ބަހުން ނަމަ 'މޮޑެސްޓް ވެއާ'އޭ ވެސް ބުނެވިދާނެ އެވެ. މިޔާކޭގެ ހެދުންތައް ތައްޔާރުކޮށްފައި ހުންނަނީ ވަރަށް ލުއި ފޭރާމަކުންނެވެ. ނަމަވެސް ލައިގެން ހުންނަ އިރު ގަޔެއް ނުފެނެ އެވެ. މި ފަރުމާތަކުގެ މުޑުވަކަކީ މިޔާކޭގެ ހިތުގައި ނެށުމަށާއި އެތުލެޓިކްސް އަށް އޮތް ލޯތްބެވެ. ކުޑައިރު އޭނާ ފުރަތަމަ ވާން ބޭނުންވީ ނެށުންތެރިޔަކަށެވެ. އޭނާގެ ހެދުން ފަރުމާ ކުރުމުގައި އެކުލެވޭ 'ޕްރެކްޓިކެލިޓީ'ގެ މައިގަނޑު ސަބަބަކީ މިއީ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

މިޔާކޭ ގަބޫލު ކުރި ގޮތުގައި ފެޝަން އަކީ ފަންނުވެރިކަން ދައްކާލެވޭ އަދި އުފާވެރި އިހުސާސުތައް ގެެނެސްދޭ ޒަމާނީ ވަސީލަތެކެވެ. 

"އަހަރެން ބޭނުންވަނީ ހިތްހަމަޖެހުން ގެނެސްދޭނެ ޒާތުގެ އެއްޗެހި އުފައްދަން،" މިޔާކޭ ބުނެފައިވެ އެވެ.

އޭނާގެ އެ ވިސްނުމުގެ ފެށުމަކީ 1945ގައި ހިނގި ހިރޮޝިމާ ބޮމުގެ ހާދިސާ އެވެ.

"ލޯ މަރާލާ ކޮންމެ ފަހަރަކު ފެންނަނީ ދުވަހަކު ވެސް މީހަކު ތަޖުރިބާ ކުރަން ނުޖެހޭ ފަދަ ކަންތައްތައް،" މިޔާކޭ ބުނެފައިވެ އެވެ.

މިޔާކޭ އުފަންވީ ހިރޮޝިމާ އަށެވެ. އެ ސިޓީ އަށް ބޮން އެޅީ އުމުރުން 7 އަހަރުގައި އޭނާ ސްކޫލު ހުއްޓަ އެވެ. އެ ހާދިސާގައި މިޔާކޭ ސަލާމަތްވި ނަމަވެސް އޭނާގެ މަންމަ ތިން ދުވަހަށް ފަހު ބޮމުގެ ރޭޑިއޭޝިއަންގެ ސަބަބުން މަރުވީ އެވެ. މިޔާކޭ ބުނެފައިވާ ގޮތުގައި އެއީ އޭނާގެ ހަޔާތުގެ އެންމެ ހިތާމަވެރި އަދި ނާމާން ދުވަސްތަކެވެ. އެކަމަކު އެ ކާރިސާއިން ސަލާމަތްވި ޑިޒައިނަރުގެ ގޮތުގައި މަޝްހޫރުވާކަށް އޭނާ ބޭނުމެއް ނުވި އެވެ.

'ޕްލީޓަޑް' ސްޓައިލް ހެދުންތަކުގެ އިތުރުން ވެސް މިޔާކޭ ވަނީ އެކި ވައްތަރުގެ ކަލެކްޝަންތައް ނެރެފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ އަތް ދަބަސް، އަތުކުރީ ގަޑި އަދި ސެންޓު ހިމެނެ އެވެ.

މިޔާކޭ މަސައްކަތަށް ލިބުނު ބައިނަލްއަގްވާމީ ތަރުހީބުގެ ސަބަބުން ޖަޕާނަށް އިގްތިސޯދީ ގިނަ ކުރިއެރުންތައް ވެސް ލިބުނެވެ. ޖަޕާނަކީ ފެޝަން އާއި ޕޮޕްގެ ބައިނަލްއަގްވާމީ ހަބެއްގެ ގޮތުގައި ބިނާ ކުރަން އޭނާ އެހީތެރިވި އެވެ. އެކަމަށްޓަކައި އޭނާއަށް 2010 ވަނަ އަހަރު ވަނީ ޖަޕާނުގެ އެންމެ މަތީ ޝަރަފް ކަމަށްވާ 'އޯޑާ އޮފް ކަލްޗާ'ގެ ލަގަބު ލިބިފަ އެވެ.

މިޔާކޭ އަކީ ޕެރިހުގައި ދައްކާލި، ޖަޕާނަށް ނިސްބަތްވާ ފުރަތަމަ ޑިޒައިނަރެވެ. އޭނާގެ ތަފާތު ޑިޒައިންތައް ވަނީ ބައިނަލްއަގްވާމީ ފެޝަން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ފެޝަން، ޓެކްނޮލޮޖީ އަދި އާޓް ގުޅުވާލައިގެން ހެދުން ފަރުމާ ކުރި އެވެ. އޭނާ 2000 ވަނަ އަހަރު ވަނީ ހެދުން ތައްޔާރުކުރުމުގެ ތަފާތު އީޖާދެއް ތައާރަފްކޮށްފަ އެވެ. އެއީ 'އަ ޕީސް އޮފް ކްލޯތު' ނުވަތަ 'އޭ-ޕީ އޯސީ' އެވެ. އެއީ އެންމެ ރޮއްޖެއް ބޭނުން ކޮށްގެން ވިޔާ އިންޑަސްޓްރިއަލް މެޝިނެއް ކޮމްޕިއުޓަރުން ޕްރޮގްރާމު ކޮށްގެން، އެންމެ ޕްރޮސެސްއަކުން ހެދުމެއް ތައްޔާރުކޮށް ނިންމާލުމެވެ.

މިޔާކޭ ވަނީ 1997 ވަނަ އަހަރު ރިޓަޔާކޮށްފަ އެވެ. އެއަށް ފަހު އޭނާ އުޅުނީ ދިރާސާކުރުމުގަ އެވެ. 

މިޔާކޭ މަރުވިކަން އިއުލާން ކުރަމުން އޭނާގެ އޮފީހުން ބުނިގޮތުގައި އޭނާ އެންމެ ފަހަރަކު ވެސް އޭނާ އެންމެ ލޯބިވާ ކަންތަކާ ދުރަކަށް ނުދެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް